ކޮންމެ މީހަކަށްވެސް ފާފަ ކުރެވޭނެއެވެ. އަދި އަމިއްލަ ދިރިއުޅުމުގައިވެސް ކުށްތައް ކުރެވޭނެއެވެ. ފާފައެއް ކުރެވުމުން ތައުބާވުމަށް އަވަސްވެގަންނަން އޮތް ފަދައިން އަމިއްލަ ދިރިއުޅުމުގައި ކުށެއް ކުރެވިއްޖެނަމަ އޮތީ މާފަށް އެދެން އަވަސްވެގަތުމެވެ.
ގެއަށް ވަންނަ ވަގުތު ފެނުނު ކަމެއްގެ ސަބަބުން އަނބިމީހާ ނުވަތަ މައިންބަފައިން ދެކެ ރުޅި އާދެވުނީއެވެ. ބާރަށް ބަހެއް ބުނެވުނީއެވެ. ބުނެގެން ނުވާނެ ބަހެއް މަޑުން ނަމަވެސް ބުނެވުނީއެވެ. އެއަޑު ﷲ ތަޢާލާ އައްސަވައި ވޮޑިގެންވާކަން ޤަބޫލުކޮށް ވަގުތުން ތައުބާވާށެވެ! މާފަށް އެދޭށެވެ! ތިބާގެ ފަތުން އެފާފަ ފުއްސަވައިދެއްވެވުމަށް އެދޭށެވެ.
މިހެން ބުނީމާ އެއީވެސް ތައުބާވާންޖެހޭނެ ކަމެއްތޯ ސުވާލުކޮށްފާނެއެވެ. ޖަވާބަކީ އެކުރެވުނީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކަމެކެވެ. ނުކުރަން އަންގަވާފައިވާ ކަމެކެވެ. ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކޮންމެ ކަމެއް ކުރެވުނަސް އޮތީ އަވަހަށް ތައުބާވުމެވެ. އެއީ ކިތަންމެ ކުޑަ ކަމެއް ނަމަވެސްމެއެވެ.
ވިސްނާށެވެ! ކުރެވޭ ފާފަތަކަށް ވަގުތުން ތައުބާވާނަމަ ދިރިއުޅުމުގައި ބަރަކާތް ލައްވަވާނެތެވެ. ރަޙްމަތް އތުރުކުރައްވަވާނެތެވެ. އިން ޝާ ﷲ. އެހެނީ ގިނަގިނައިން، އަވަސްއަވަހަށް ތައުބާވުމަކީ ﷲ ތަޢާލާ މީސްތަކުންގެ ކިބައިން އެދިވޮޑިގަންނަވާ ގޮތެވެ. ގިނަގިނައިން ތައުބާވާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގަންނަވައެވެ.
އިތުރު މިސާލެކެވެ. ހިނގަމުން ދަނިކޮށް ފެނުނު ހިލޭ އަންހެނަކަށް ނުވަތަ ފިރިހެނަކަށް ބެލުނީއެވެ! އަވަހަށް ތައުބާވާށެވެ! ވަގުތުން އަސްތަޣްފިރުﷲ ކިޔާށެވެ! ފާފަ ފުއްސަވައި ދެއްވެވުމަށް އެދި ދަންނަވާށެވެ! ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގަންނަން މަސައްކަތްކުރާށެވެ.
މައްސަލައަކަށްވަނީ މިފަދަ ކަންކަމަކީ ވަރަށް އާދައިގެ ކުދިކުދި ކަންކަން ކަމަށް ބަލައި ތައުބާވުން ލަސްކުރާތީއެވެ. ކުރެވޭ ފާފަތައް ގިނަވެ ފުނިޖެހޭތީއެވެ. ފާފަކުރެވޭ ވަރަކަށް ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހެއްގެ ދަރަޖަ ދާނީ ތިރިވަމުންނެވެ. ތައުބާވުން އަވަސްކުރާ ވަރަކަށް ދަރަޖަ އުފިލިގެންދާނެއެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރުވަމުންދާނެއެވެ! އިން ޝާ ﷲ
"ތައުބާ ލެއްވުން ﷲ ގެ ޙަޟްރަތުން އޮތްކަން ކަށަވަރީ، ނޭނގި ތިބުމާއެކު ނުބައިކަންތައްކޮށް،
ދެން، އެކަންތައް ކުރުމާ ގާތުގައި (ލަސްނުކޮށް) ތައުބާވެ އުޅޭމީހުންނަށެވެ. ފަހެ، ﷲ، އެއުރެންގެ މައްޗަށް ތައުބާ ލައްވަތެވެ. އަދި، މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ." (އައްނިސާ: 17)
ބައެއް މީހުން ދެކޭ ގޮތުގައި ތައުބާވުމަކީ މިސްކިތަށް ގޮސް ހަމަޖެހިލައިގެން އިނދެ ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް މިއާޔަތުގައި ﷲ ތައާލާ އަންގަވާފައި އެވަނީ ފާފައެއް ކުރެވިއްޖެނަމަ ވަގުތުން ތައުބާވުމަށެވެ.
އެއްވެސް އިންސާނަކީ އެއްވެސް ކުށެއް، އެންމެ ފާފައެއް ވެސް ނުކުރެވި ހުންނާނެ މީހެއް ނޫނެވެ! ފާފަ ކުރެވުމަކީ އިންސާނާގެ ޠަބީޢަތުގައިވާ ކަމަކަށްވާތީއެވެ. ވީމާ މި ބަޔާންކުރި އާޔަތުގައި ހިފަހައްޓާށެވެ! ނުހިފަހައްޓައިފިނަމަ އެމީހަކު މަގުފުރެދިގެން ހިނގައިދާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން