މަސައްކަތުގަ ކުރިއެރުން ލިބުނަސް ގޭތެރެއިން ލިބެންވާ ލޯބި ނުލިބޭ މައްސަލަ ޙައްލުކުރެވޭނެ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
މަސައްކަތުގަ ކުރިއެރުން ލިބުނަސް ގޭތެރެއިން ލިބެންވާ ލޯބި ނުލިބޭ މައްސަލަ ޙައްލުކުރެވޭނެ ގޮތް!

ބައެއް މީހުން ކާމިޔާބުކަމަށް ދެކެނީ ހަމައެކަނި ކުރާ މަސައްކަތުގައި ކުރިއަރައިދެވުމެވެ. ނަމަވެސް ޙަޤީޤަތަށް ބަލައިފިނަމަ އެއީ ކާމިޔާބީގެ ކުޑަމިންވަރެކެވެ. ޙަޤީޤީ ކާމިޔާބު ކަމަށް ދެކެންވާނީ ޢާއިލާގެ ލޯބި ތިމާއަށް ލިބުމެވެ. އަނބިދަރިންގެ ހިތުގެ ލޯބި ތިމާއަށް ލިބުމެވެ. 

ބައެއް މީހުންނަކީ އެމީހުންކުރާ މަސައްކަތުގައި ކާމިޔާބު މީހުންނެވެ. އޮފީހުގައި ނުވަތަ ވިޔަފާރީގައި ކުރާ މަސައްކަތްތައް ކާމިޔާބުވުމުގެ އިތުރުން އެމީހުންނަށް ކޮންމެ ދުވަހަކު އެތައް ބައެއްގެ ތަޤްރީފްވެސް ލިބެއެވެ. 

އެހުރިހާ ކާމިޔާބީތަކާއިއެކު ގެއަށް ދެވުމުން ދެން ވެސް އިންނަނީ ދުވަހުގެ ކާމިޔާބީ އާއިމެދު ވިސްނުމަށެވެ. މާދަމާ އިތުރު ކާމިޔާބީތައް ހޯދާނެ ގޮތްތަކަށް ފިކުރުކުރުމަށެވެ. 

މިއީ މަސައްކަތުގެ ގޮތުން ބަލައިފިނަމަ ކުރިއެރުން ހޯދިދާނެ ގޮތެކެވެ. ނަމަވެސް އެގޮތަށް ކަންތައް ކުރާނަމަ ގޭތެރެއަކުން ކާމިޔާބީއެއް ނުލިބޭނެއެވެ. އަނބިމީހާގެ ލޯތްބާއި ދަރިންގެ ލޯތްބެއް ނުލިބޭނެއެވެ. އަދި އެމީހުންގެ ސަމާލުކަމެއްވެސް ނުލިބޭނެއެވެ. 

ދިރިއުޅެންކުރާ މަސައްކަތާއި ގޭތެރޭގެ ނުވަތަ ޢާއިލީ ދިރިއުޅުން ޖެހޭނީ ވަކިކުރާށެވެ! ތިމާކުރާ މަސައްކަތް ކުރިއަރުވަން އޮފީހުގައި ސަމާލުކަން ދިން ފަދައިން ގެއަށް ދިއުމަށްފަހު އަނބިދަރިންގެ ކަންކަމަށްވެސް ސަމާލުކަން ދޭންޖެހޭއެވެ. ނޫން ނަމަ ދިރިއުޅުން ދާނީ ދުވަހެއް ދުވަހަކަށް ހީނަރުވަމުންނެވެ. 

އަނބިންނަށް މުހިންމުވާނީ އެމީހުންނާއި އަޅައިލުމެވެ. ދަރިންނަށް މުހިންމުވާނީ އެކުދިންނަށް ލިބެންޖެހޭ ލޯބި ލިބުމެވެ. ވީމާ ގެއަށްވަނުމަށްފަހު ވިސްނުން ޖެހޭނީ ބަދަލުކުރާށެވެ. މަސައްކަތްތަކުގެ މަތިން ޚިޔާލު ދުރުކޮށް ޢާއިލާގެ ކަންކަމަށް ސަމާލުކަންދޭށެވެ.

ފަހަރެއްގައި ކައިވެނި ނުރޫޅި ހިނގައިދާނެއެވެ. ނަމަވެސް މިބުނި ގޮތަށް ޢަމަލުނުކުރާނަމަ ދިރުޅުމުން ލިބެންޖެހޭ އުފާވެރިކަމެއް ނުލިބޭނެއެވެ. އެހެނީ ލޯތްބާއި އަޅައިލުން ލިބޭނީ ތިމާވެސް ލޯބިދީ އަޅާލައިގެންނެވެ. ޢުމުރުން ދުވަސްވެ ނޫނީ ބަލި ޙާލެއް ޖެހުމުން އެހެން މީހުންގެ ލޯތްބާއި އަޅައިލުން ނުލިބޭ އެންމެ ބޮޑު އެއްސަބަބަކީ މިބުނި މަގުން ނުވިސްނައި ދިރިއުޅުމެވެ.

 

--އަލަފް / މިއަދުނޫސް

މިއަދު އޮންލައިން