މައިންބަފައިންގެ ހުރި ތަނަވަސްކަމަށް ބަލައިގެން އެމީހުންނަށް އަޅައިލަން ބޭނުންވާ މީހަކަށް އެދެވެނީ ސުވަރުގެއާ ދުރަށް! ނަރަކައާ ކައިރިއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
މައިންބަފައިންގެ ހުރި ތަނަވަސްކަމަށް ބަލައިގެން އެމީހުންނަށް އަޅައިލަން ބޭނުންވާ މީހަކަށް އެދެވެނީ ސުވަރުގެއާ ދުރަށް! ނަރަކައާ ކައިރިއަށް!

މައިންބަފައިންނަށް ލިބޭ އާމްދަނީއަށް ބަލައިގެން ނުވަތަ އެމީހުންގެ އަތުގައި ފައިސާހުރިވަރަށް ބަލައިގެން މައިންބަފައިން ދެކެ ލޯބިވާ ދަރިން ތިބެއެވެ. ތަނަވަސްކަމެއް ނެތްނަމަ ބައްދަލުކޮށްލަން ބޭނުންނުވާ ދަރިންވެސް ތިބެއެވެ. މިއީ ވަރަށް ދެރަކަމެކެވެ. ހެދޭ ވަރަށް ބޮޑު ގޯހެކެވެ.

ލޮބުވެތި ދަރިންނޭވެ! އެއިރުން އެދަރިއަކަށް އެދެވެނީ ސުވަރުގެއާއި ދުރަށެވެ! ނަރަކައާއި ކައިރިއަށެވެ. ސުވަރުގެއާއި ކައިރިވެވޭނީ މައިންބަފައިންގެ ކިބައިގައި ހުރި ތަނަވަސްކަމަށް ނުބަލައި، އެމީހުންގެ ފަރާތުން ތިމާއަށް ކޮށްފާނެ މަންފާއަކަށް ނުބަލައި އެމީހުންދެކެ ލޯބިވެގެންނެވެ. އަޅާލައިގެންނެވެ. 

މައިންބަފައިން ދެކެ ލޯބިވާންވީ އެއީ ތިމާއަށް ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ކަމަކަށްވާތީއެވެ. އެކަލާނގެ ކުރައްވަވާފައިވާ އަމުރުފުޅަކަށް ކިޔަމަންތެރިވުމަށެވެ. އެކަލާނގެ ޙަޟްރަތުން ޘަވާބަށް އެދިގެނެނެވެ. ސުވަރުގެ ލިބިގަނެވެން އޮތް އެންމެ ފަސޭހަ މަގު ކަމަށްވާތީއެވެ.  

ގުޅުންހުރި ލިޔުމެއް!   

މިކިޔައިދެނީ މީގެ އަހަރުތަކެއް ކުރީގައި ހިނގައިދިއަ ކަމެއްގެ ވާހަކައެވެ. މިވާހަކަ އަޅުގަނޑަށް ކިޔައިދިނީ އަޅުގަނޑުގެ ބައްޕައެވެ.  

އެދެމަފިރިންގެ 8 ދަރިން ތިބެއެވެ. އެއިގެ ތެރޭގައި 5 ފިރިހެންދަރިން ތިބެއެވެ. 5 ދަރިންނަކީވެސް ކެޔޮޅުންނެވެ. ދިރިއުޅެނީ ތަނަވަސްކަމާއިއެކުގައެވެ. ނަަމވެސް އެއްވެސް ދަރިއަކު މައިންބަފައިންނާއި އަޅައިވެސް ނުލައެވެ.  

ނަތީޖާއެއްގެ ގޮތުން ޢުމުރުން 70 އަހަރުވީއިރުވެސް ޖެހެނީ ކިރިޔާވެސް ގަދަވެ ހުރި ދުވަހެއް ނަމަ މަހަށްދާށެވެ. އޭނާއަށް އެއިރު ދޯނީގައި މަސައްކަތް ނުކުރެވުނު ނަމަވެސް މީހުން އޭނާ މަހަށް ގެންދެއެވެ. އެއީ އިޙްތިރާމްކުރުމުގެ ގޮތުންނެވެ.  

ކޮންމެއަކަސް އޭނާއަށް މަހަށް ދެވުނު ދުވަހަކު އެދޯނީގެ މީހުންނަށް މާވަހަރެއް ފެނުނެވެ. ވިއްކާލައިގެން ކޮންމެ ފަޅުވެރިއަކަށްވެސް ގިނަ ޢަދަދެއްގެ ފައިސާ ލިބުނެވެ. މާވަހަރު ހަމަހޮވުމާއިއެކު ހުރިހާ ދަރިންނަށް ހަމަ ކުއްލިއަކަށް މައިންބަފައިން ފެނިއްޖެއެވެ. އެއް ދަރިއަކަށްވުރެ އަނެއް ދަރިއަކު ހެޔޮވާން ވާދަކުރަން ފަށައިފިއެވެ.  

އަޅުގަނޑުގެ ސުވާލަކީ މިއީ މީގެ އެތައް އަހަރެއްކުރިން، ތައުލީމުން މަޙްރޫމްވެފައި ތިބެންޖެހުނު ދުވަސްވަރު ހިނގާފައިވާ ކަމެއް ނަމަވެސް މިއަދު އެންމެންނަށް ތަޢްލީމް ލިބި މައިން ބަފައިންނަށް ލޯބިދިނުމަކީ ﷲ ތަޢާލާގެ އަމުރުފުޅެއްކަން އެނގޭއިރު އަޅުގަނޑުމެންގެ ދިރިއުޅުމަށް އެއްވެސް ބަދަލެއް އަތުވެއްޖެތޯއެވެ؟ ތަނަވަސްކަން ނެތްނަމަ މައިންބަފައިންނަށް އަޅައިލެވެނީ ކިތައް ދަރިންނަށްތޯއެވެ؟ ޕެންޝަން ކާޑާއި ހިފާއޮޅުނުލައި މައިންބަފައިންނަށް އެބަ އެހީތެރިވެވޭތޯއެވެ؟ ނުވިތަނަކަށް ޕެންޝަން ކާޑުން ލިބޭ ފައިސާކޮޅު މައިންބަފައިންނަށް އެބަ ޚަރަދުކުރެވޭތޯއެވެ؟  

މިފަދަ ކަންކަން ލޮލަށް ފެންނަލެއް ގިނަކަމުން ހަމަ ހާމަކޮށްލެވުނީއެވެ. ވިސްނަވައިލައްވާނެ ކަމަށް އުންމީދުކުރަމެވެ.

 

- އީނާޝް / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން