ކިރިޔާ ފުރުޞަތެއް ލިބޭއިރަށް ދެމަފިރިންގެ ދެމެދަށް ވަދެގަންނަން އުޅޭނީ އެންމެ ނުބައި މީހުން! އެކުވެރިންގެ ގޮތުގަ ބަލަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
ކިރިޔާ ފުރުޞަތެއް ލިބޭއިރަށް ދެމަފިރިންގެ ދެމެދަށް ވަދެގަންނަން އުޅޭނީ އެންމެ ނުބައި މީހުން! އެކުވެރިންގެ ގޮތުގަ ބަލަން ހެޔޮނުވާނެ!

އެންމެ ގާތް އެކުވެރިންގެ ސިފައިގައި އެންމެ ބޮޑެތި ހަތުރުން ތިބޭކަން އެއީ ޔަޤީންކަމެކެވެ. ގިނަ ބައެއްގެ ދިރިއުޅުން ހަލާކުވެގެންދާ ސަބަބަކީވެސް ހަމައެއީއެވެ. އެފަދަ ބައަކު އަބދުވެސް ތިބޭނެއެވެ. ނުތިބޭނެ ގޮތެއް ނުހެދޭނެއެވެ. ވީމާ އަހުރެމެންނަށް އޮތީ އެކަމަށް ސަމާލުކަންދީގެން ދިރިއުޅެން މަސައްކަތްކުރުމެވެ.  

އިންސާނުންގެ މައްޗަށް ބާރުހިންގަން ޝައިޠޯނާއަށް އެންމެ ފަސޭހަވަނީ މީހަކު މާޔޫސްކަމުގައި ހުންނައިރުއެވެ. ކޮންމެވެސް ކަމެއް ޙާޞިލްނުވެގެން ހިތާމަކުރާ ދުވަސްވަރުއެވެ. ޚާއްޞަކޮށް ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލައެއް ޙައްލުނުކުރެވި ދެބަސްވުމުގައި ދެމިތިބޭނަމައެވެ. ހަމައެފަދައިން ބައިވެރިޔާގެ ކިބައިން އަނިޔާ ލިބެމުންދާ ޙާލަތްތަކުގައެވެ.  

އަދި ބުނަންހެއްޔެވެ؟ އިންސާނުންނަށްވެސް އިންސާނުންގެ މައްޗަށް ބާރުހިންގަން ފްސޭހަވެގެންދަނީ ހަމަ މިފަދަ ވަޤުތުތަކުގައެވެ. މިފަދަ ވަޤުތުތަކުގައި ފުރުޞަތުގެ ބޭނުންހިފާނެ މީހުން ވަރަށް ގިނަވާނެއެވެ. ޚާއްޞަކޮށް އެކަމަކުން ތިމާއަށް ފައިދާކުރާނެކަމަށް ޤަބޫލުކުރެވޭނަމައެވެ.  

ޙަޤީޤަތުގައި މިފަދަ ވަޤުތުތަކުގައި އޮތީ މާޔޫސްކަމުގައި ހުރިމީހާއަށް ހިތްވަރުދީ އެހީތެރިވުމެވެ. އެކަމުން އަރައިގަންނަން އެހީތެރިވުމެވެ. ނަމަވެސް ގިނަ މީހުންނަކީ އަމިއްލައެދުން އިންތިހާއަށް ބޮޑު ބައަކަށްވުމުން ޢަމަލުކުރެވެނީ ދިމާ އިދިކޮޅަށެވެ.  

މިޘާލަކަށް ބުނާނަމަ އަނބިމީހާއަކީ ރީތި އަންހެނެކެވެ. ފިރިމީހާއަކީ ގެދޮރުހުރި ތަނަވަސް މީހެކެވެ. މިފަދަ ދެމަފިރިއެއްގެ މެދުގައި މައްސަލައެއް ޖެހިގެން އުޅޭކަން އެނގޭއިރަށް އެކުވެރިންގެ ތެރެއިން ފިރިހެނުން ބަލާނީ ކޮންމެވެސް ގޮތަކުން އެއަނބިމީހާގެ ބޭނުންކޮށްލެވޭތޯއެވެ. ވަރިވާން ހިތްވަރުދޭނެއެވެ. ވަރިވުމުން ކައިވެނިކޮށް އުފަލުގައި ގެންގުޅޭނެކަމަށް ވަޢުދުތައްވެސް ވާނެއެވެ. ހަމައެފަދައިން އެކުވެރިންގެ ތެރެއިން އަންހެނުން މަސައްކަތްކުރާނީ ކޮންމެވެސް ގޮތަކުން ދެމަފިރިން ދުރުކޮށް ފިރިމީހާ އާއި ގުޅެވޭތޯއެވެ. 

ގިނަފަހަރަށް މެދުވެރިވާ ގޮތަކީ ދެމަފިރިންގެ މެދުގައި އެއިރު އުފެދިފައި އޮންނަ ދެކޮޅުވެރިކަމުގެ ސަބަބުން ފޫހިކަންމަތީގައި ތިބޭތީ އެކަން ފޫބައްދައިލެވިދާނެ ކަމުގެ އުންމީދުގައި މިބުނި ޒާތަށް މަސައްކަތްކުރާ އެކުވެރިންނާއި ކޮންމެވެސް ވަރެއްގެ ގުޅުމެއް އިތުރަށް އުފެއްދެނީއެވެ. ދެން އެގުޅުން ކުރިއަރަމުން ބަދަހިވަމުން އައިސް އޭނާގެ ކޮޅަށް ދީލައިލެވެނީއެވެ.  

މިގޮތަށް ކަންކަން މެދުވެރިވި ގިނަ މީހުން ބުނާގޮތުގައި އެޅުނީ ކަތިފިޔަވަޅެއްކަން އެނގެނީ މާފަހުން ކަމަށެވެ. ހިތި ތަޖުރިބާތައް ކުރަންޖެހެން ފެށުމުން ކަމެވެ. އަދި އެ ޙާލަތަށް ކަންކަން ދިއުމުން ކުރީގެ ބައިވެރިޔާއާއި ޖެހުނު މައްސަލަ ޙައްލުކޮށް އެކަކު އަނެކަކަށް މާފުކޮށް ލޯބިން ދިރިއުޅެން މަސައްކަތްކުރިނަމަ މާރަނގަޅުވީސްކަން ޤަބޫލުކުރެވެއެވެ. އެކަމަކު އޮންނަނީ އެކަމަށް ވަޤުތުފާއިތުވެފައެވެ. ވީމާ ދެން ޖެހެނީ ކުރެވުނު ކުށާއިމެދު މުޅި ޢުމުރަށް ހިތާމަކުރާށެވެ.  

މިއީ މިކަން ހިނގަމުން އަންނަ ގޮތެވެ. މިއީ އަހުރެންނަށް މަޢުލޫމާތުދިން 90 އިންސައްތަ މީހުން މިކަން ތަޖުރިބާކޮށްފައިވާ ގޮތެވެ. ވީމާ ބުނެލަން ބޭނުންވަނީ ދުނިޔޭގައި އުޅުމަކީ ހަނގުރާމައެކެވެ. ޒަވާޖީ ޙަޔާތެއްގައި ދިރިއުޅުމަކީ އަދިމާބޮޑު ހަނގުރާމައެކެވެ. ވީމާ ތަފާތު މައްސަލަތައް އަބަދުވެސް ކުރިމަތިވާނެއެވެ. ކިރިޔާ ރާޅެއްޖަހައިލާއިރަށް އިށީނދެއިން ގައުދޫކޮށް އުދުއްސައި ގަތުމަކީ ދޫނިވެސް ކުރާކަމެއް ނޫނެވެ. ވީމާ އަހުރެމެން އިންސާނުން މާބޮޑަށް ހުޝިޔާރުވާންޖެހޭނެ ނޫންހެއްޔެވެ؟  

އަބަދުވެސް ހަނދާނުގަ ބަހައްޓާށެވެ! ދަނޑިވަޅު ބަލައި ޝައިޠޯނާ ހަމަލާދޭހެން ފުރުޞަތު ބަލައި ދެމަފިރިންގެ މެދަށް ވަދެގަންނަން އުޅޭ މީހުންނަކީ އެކުވެރިންނެއް ނޫނެވެ! އެންމެ ބޮޑެތި ދުޝްމިނުންނެވެ. އެމީހުންގެ މަޅީގަ ނުޖެހޭށެވެ! 

- މިއީ ކައިވެނީގެ މައްސަލަތައް ޙައްލުކޮށްދޭން މަސައްކަތްކުރާ ތަޖުރިބާ ކާރަކު ބުނެފައިވާ ވާހަކައެކެވެ. 

- އަލަފް / މިއަދުނޫސް 

މިއަދު އޮންލައިން