މައިންބަފައިން ވިސްނާތި!: ތަނަވަސްކަން ހުރީތީ ދަރިން ލައްވާ އެއްވެސް މަސައްކަތެއް ނުކުރުވުމަކީ ދަރިފުޅުގެ މުޅި ދިރިއުޅުން ނަގާލުން ފަދަ ބޮޑު ގޯހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
މައިންބަފައިން ވިސްނާތި!: ތަނަވަސްކަން ހުރީތީ ދަރިން ލައްވާ އެއްވެސް މަސައްކަތެއް ނުކުރުވުމަކީ ދަރިފުޅުގެ މުޅި ދިރިއުޅުން ނަގާލުން ފަދަ ބޮޑު ގޯހެއް!

ފުރަތަމަ ކަމަކަށް ދިރިއުޅެން މަސައްކަތްކުރުމާއި ނުކުރުމަކީ އެއްވެސް މީހަކަށް ލިބިގެންވާ އިޚްތިޔާރެއް ނޫނެވެ. ޞިއްޙަތު ސަލާމަތުންހުރިނަމަ، ނުކުޅެދުންތެރިކަމެއް ނެތްނަމަ ދިރިއުޅެން މަސައްކަތްކުރުމަކީ ކޮންމެ މީހެއްގެ މައްޗަށްވެސް އޮތް އެންމެ ބޮޑު އެއް ވާޖިބެވެ. މަސްއޫލިއްޔަތެވެ. ކުރަންޖެހޭނެ ކަމެކެވެ.  

ނަމަވެސް މިހާރަކަށް އައިސް ތަނަވަސްކަން ހުރިނަމަ ބައެއް މީހުން އެމީހުންގެ ދަރިން ލައްވައި އެއްވެސް މަސައްކަތެއް ކުރުވަން މަސައްކަތެއް ކުރުވާކަށް ބޭނުމެއް ނުވެއެވެ.  މަސައްކަތްނުކުރާތަނުގައި މަސައްކަތް ނުކޮށް ތިބެން ހިތްވަރުވެސް ދެއެވެ. ހިތްވަރުދޭކަމަށް މިބުނަނީ އެއްވެސް މަސައްކަތެއް ނުކުރިނަމަވެސް ދަރިފުޅު ކުރަން ބޭނުންވާ ޚަރަދުތައް ކުރަން ފައިސާދޭތީއެވެ.  

މިއީ މުސްލިމް މުޖުތަމަޢުއެއްގައި މިކަން އޮވެގެންވާނެ ގޮތެއް ނޫނެވެ. އެންމެ ޙަލާލް ރިޒުޤަކީ އަމިއްލަ މަސައްކަތުން ހޯދާ ރިޒުޤެވެ. ހުރިހާ ނަބީބޭކަލުންނާއި ރަސޫލްބޭކަލުންގެ ސިޔަރަތުން އެއީ ސުންނަތެއްކަން އެނގިގެންދެއެވެ. މީގެ އިތުރުން ދިރިއުޅެން މަސައްކަތްކުރަންޖެހޭނެކަން ޤުރްއާނުން އެނގެން އެބައޮތެވެ. ނަމާދުކޮށް އަވަދިވުމުން މަސައްކަތަށް އެނބުރިގަންނަން އޮތުމުންނެވެ.  

ވީމާ ކިތަންމެ ތަނަވަސް ނަމަވެސް ދަރިން ލައްވައި މަސައްކަތްކުރުވަން ޖެހޭނެއެވެ. އެކުއްޖަކު ކުރަން ބޭނުންވާ ޙަލާލް މަސައްކަތެއްކުރަން ހިތްވަރުދޭށެވެ. ވަކި މަސައްކަތެއް ކުރަން މަޖުބޫރު ނުކުރުވާށެވެ. ހަމައެކަނި ބަލަންވީ ޙަރާމް ޙަލާލަށެވެ. އެކަން އެގޮތަށް ނުކުރާނަމަ އެކަންވާނީ ދަރިންނަށް ދެވޭ އެންމެ ބޮޑު އެއް އަނިޔާއަށެވެ. އެކުދިންނަށް މަސައްކަތްކުރަން މަޖުބޫރުވާ ޙާލަތެއް ކުރިމަތިވެއްޖެނަމަ ކަންކަން ވާނެ ގޮތާއިމެދު ވިސްނާށެވެ.  

ހަމައެއާއިއެކު ދަރިން ލައްވައި މަސައްކަތް ނުކުރުވާނަމަ ލިބޭހުސްވަޤުތު ގިނަވާނެއެވެ. ނަތީޖާއަކަށްވާނީ އެއްވެސް ފައިދާއެއް ނެތް ކަންކަމުގައި ވަޤުތު ހޭދަކުރަން ފުރުޞަތު ލިބުމެވެ. ފާފަތަކަށް އަރައިގަންނަން މަގުފަހިވުމެވެ. ވީމާ ދަރިން ލައްވައި މަސައްކަތްކުރުވުމަކީ އިޚްތިޔާރީ ކަމެއް ނޫނެވެ. ދީން މަޖުބޫރުކުރުވާ ކަމެކެވެ.   

މުސްލިމުންނަށް ކުރިއަރައި ނުދެވިގެން މިއުޅޭ އެންމެ ބޮޑު އެއް ސަބަބަކީވެސް މަސައްކަތްކުރަން ކަންނެތްވުމުންނެވެ. ތަނަވަސް ޤައުމުތަކުން އެޤައުމުތަކުގެ ރައްޔިތުން މަސައްކަތް ނުކުރިނަމަވެސް ފައިސާދީ ބޭނުންތައް ފުއްދައިދޭތީއެވެ. އެކަމުގެ ތެރެއިން އެހެން މީހުން ލައްވައި ތިމާގެ އަމިއްލަ މަސައްކަތްތައް ކުރުވުމުގެ ޘަޤާފަތެއް އުފައްދާފައިވާތީއެވެ. މިބަޔާންކުރި ސުންނަތަށް އިހްމާލްވެވިފައިވާތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން