ދުނިޔަވީ އިމްތިޙާންތަކަށް ބަލާށެވެ. އިމްތިޙާނުގެ ވަޤުތު ހަމަވުމުން ކަރުދާސްތައް އަތުލާނެއެވެ. އެންމެ އަކުރެއްވެސް އިތުރަށް ލިޔުނަކަ ނުދޭނެއެވެ. މާކްސް ލިބޭނީ ވަޤުތު ހަމަވިއިރު ލިޔެވިފައިވާ ވަރަކަށެވެ.
އަހުރެމެންގެ ދުނިޔަވީ ދިރިއުޅުމަކީވެސް ހަމަ މިފަދަ އިމްތީޙާނެކެވެ. ތަފާތަކީ ދުނިޔަވީ އިމްތިޙާންތަކުގައި ގަޑިހަމަވާ ވަޤުތު އެނގޭނެއެވެ. 1،2،3 ގަޑިއިރުކަން އެނގޭނެއެވެ. ނަމަވެސް ދުނިޔަވީ ދިރިއުޅުމުގައި ގަޑިހަމަވާނެ ވަޤުތެއް ހަމައެކަކަށްވެސް ނުއެނގޭނެއެވެ. ސުންސިކުންތު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ކޮންމެ މީހެއްގެެވެސް ފުރާނަ ހިއްޕަވަން މަލާއިކަތުން ފޮނުއްވަވަނީ އެމީހާގެ އަޖަލުގެ ސުންސިކުންތު ޖެހުމުންނެވެ.
މިސާލަކަށް އިމްތިޙާން ހޯލުގައި އިންނައިރު ގަޑިއަށް ބަލައި ގަޑިހަމަވާނަމަ ޖަވާބުދިނުން އަވަސްކުރުމުގެ އިޚްތިޔާރު އެމީހަކަށް ލިބެއެވެ. ނަމަވެސް ދުނިޔަވީ ދިރިއުޅުމުގެ އިމްތިޙާން ނިމޭނެ ވަޤުތު ނުއެނގޭނެތީ ފަހު ވަޤުތު އައިސް ޖެހޭކަމެއް ނުއެނގޭނެއެވެ.
މީސްތަކުންނޭވެ! ދުނިޔޭގެ ދިރިއުޅުމަކީ އިމްތިޙާނެއްކަމާއި އެންމެން އިމްތިޙާން ކުރައްވަވާނެކަމަށް ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ. ނިމޭނެ ގަޑިއަކީ މަރު ހިއްޕަވަން ނުވަތަ ފުރާނަ ހަށިގަނޑުން ނެރުއްވަވަން މަލާއިކަތުން ވަޑައިގަންނަވާ ވަޤުތެވެ. އެވަޤުތު ޖެހިއްޖެކަން އެނގޭނީ މަލަކުލްމައުތު ލޮލަށް ފެނުމުންނެވެ. އެސިކުންތުން ފެށިގެން ތައުބާގެ ދޮރު ބަންދުވީއެވެ. އިމްތިޙާންގެ ވަޤުތުހަމަވވީއެވެ. ދެން އޮންނާނީ ކުރި ޢަމަލުތަކުގެ ޙިށާބު ބެއްލެވުމެވެ.
އެކި ޢިބާރާތްތަކުން މިކިޔައިދެނީ ހަމަ އެއްކަމެއްގެ ވާހަކަތަކެވެ. އަބަދުވެސް މަރަށް ތައްޔާރުވެހުރުމުގެ ވާހަކަތަކެވެ. އެކަން ނުކުރެވޭ މީހަކު އިމްތިޙާނުން ފާހެއް ނުވާނެއެވެ. ފާސްވާން ބޭނުންނަމަ ޖެހޭނީ ހެޔޮ ޢަމަލުތައް ކުރުންމަތީގައި ދެމިހުންނާށެވެ. ކޮންމެ ވަޤުތަކުވެސް ފުރާނަ ހިއްޕަވައިފާނެ ކަމަށް ބަލައިގެންނެވެ. އެކަން ކުރަން ﷲޭލްވި މީހަކުނަމަ ދުނިޔެއާއި ވަކިޥާންޖެހޭނީ އިމްތިޙާނުން ފޭލްވެފައިވާ މީހެއްގެ ގޮތުގައެވެ. އެއީ އެމީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ.
- މުފްތީ މެންކުގެ ދަރުސަކުން