އަޚުންނާ އުޚުތުންނޭވެ! ތިބާ އެމީހަކު ދެކެ ލޯބިވާ މީހާ ތިބާދެކެ ލޯބިނުވުމަކީ ތިބާދެކެ ލޯބިން އުރާލައިގެން ގެންގުޅޭނެ މީހަކު ނުލިބޭނެ ސަބަބެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
އަޚުންނާ އުޚުތުންނޭވެ! ތިބާ އެމީހަކު ދެކެ ލޯބިވާ މީހާ ތިބާދެކެ ލޯބިނުވުމަކީ ތިބާދެކެ ލޯބިން އުރާލައިގެން ގެންގުޅޭނެ މީހަކު ނުލިބޭނެ ސަބަބެއް ނޫން!

އަހުރެމެންނަކަށް އެއްވެސް މީހެއްގެ ހިތެއް ނުއެނގޭނެއެވެ. އަދި މިވެނި މީހަކީ ތިމާދެކެ ލޯބިވާނެ މީހަކު ކަމެއްވެސް ނުއެނގޭނެއެވެ. މައްސަލައަކަށް މިވަނީ އަނެކާގެ ކިބައިން ތިމާއަށް ލޯބިލެބޭނެކަމަށް މާބޮޑަށް ޔަޤީންކޮށް ތިމާގެ ހިތް އެކުގައި އެމީހަކަށްދެވޭކަމެވެ.  

ގިނަބައަކަށް އެމީހުންގެ ދިރިއުޅުން މާޔޫސްކަމުގެ ތެރެއަށް ވައްޓައިލެވެނީ ޢަމަލުކުރެވޭ ގޮތަކުންނެވެ. އެމީހުންނަށް ކަންކަމާއިމެދު ވިސްނޭ ގޮތަކުންނެވެ. މިޘާލަކަށް މައިންބަފައިންގެ ލޯބި ނުލިބޭ ދަރިންނަށް ޤަބޫލުކުރެވިފައި އޮންނަނީ އެމީހުން ދެކެ ލޯބިވާނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށެވެ. ހަމައެފަދައިން ލޯބިވެރިޔާ ނުވަތަ ޙަޔާތުގެ ބައިވެރިޔާ ތިމާދެކެ ލޯބިނުވެ ލަނޑުދީފިނަމަވެސް ހަމައެފަދައިން ވިސްނެއެވެ.  

މިބުނިފަދައިން ވިސްނުމުން އެމީހުންނަށް މާޔޫސްކަން އިތުރުވެ ދިރިއުޅުންމަތިން ފޫހިވެގެންދެއެވެ. މިއީ ކުރެވޭ ވަރަށް ދެރަ ކަމެކެވެ. ބުނަންހެއްޔެވެ؟ މިއީ ޙަޤީޤަތެއް އޮތް ވިސްނުމެއް ނޫނެވެ.  

މިހެން މިކަން މެދުވެރިވާން ދިމާވާ އެންމެ ބޮޑު ސަބަބަކީ ތިބާ އެމީހެއްގެ ކިބައިން ލޯބި ލިބެން އެދޭ މީހުންގެ ކިބައިން ލޯބި ނުލިބުމުން ލިބޭ މާޔޫސްކަން ބޮޑުވެގެންދާތީއެވެ. ކުރިން މިބުނި ވިސްނުމަކީ އެއްވެސް ޙާލެއްގައި ޙަޤީޤަތެއް އޮތްވިސްނުމަކަށް ވެގެނެއް ނޫނެވެ.  

މައިންބަފައިން ތިބާދެކެ ލޯބިނުވި ނަމަވެސް އެކުވެރިއަކު ނުވަތަ ލޯބިވެރިޔާ ނުވަތަ ހަޔާތުގެ ބައިވެރިޔާ ތިބާދެކެ ލޯބިނުވިނަމަވެސް ތިބާ ދެކެ ލޯބިވާނެ، ތިބާއަށް ހެޔޮއެދޭނެ، ތިބާއަށް ރަޙުމްކުރާނެ ކޮންމެވެސް ބައަކު ދުނިޔޭގައި ތިބޭނެއެވެ. ކޮންމެވެސް މީހެއްގެ ކިބައިން ނުވަތަ ކޮންމެވެސް ބައެއްގެ ކިބައިން އެކަންކަން ތިބާއަށް ލިބެމުންދާނެއެވެ.  

ތިމާގެ އެކުވެރިންނަށާއި ޢާއިލާގެ މީހުންނަށް ބަލައި ވިސްނައިލި ނަމަވެސް އެކަން އެނގިގެންދާނެއެވެ. އެއްބައަކު ލޯބި ނުވިނަމަވެސް އެމީހަކު ދެކެ ލޯބިވާނެ ކޮންމެވެސް ބައަކު ތިބޭތަން ފެންނާނެއެވެ. ޙަޔާތުގެ ބައިވެރިންނަށް ބެލިނަމަވެސް މިކަން ފެނިގެންދާނެއެވެ. ތިބާދެކެ ލޯބި ނުވުމުގެ މައްސަލަތައް ކުރިމަތިވެ 2،3 ކައިވެނި ރޫޅޭފަހުން ދެން ލިބޭ ބައިވެރިޔާގެ ފުށުންވެސް އިންތިހާއަށް ލޯބި ލިބިދާނެއެވެ.  

މިކަންކަން ގިނަ ބައަކު އަންނަނީ ތަޖުރިބާ ކުރަމުންނެވެ. ވީމާ ތިމާ އެމީހެއްގެ ނުވަތަ އެބައެއްގެ ކިބައިން ލޯބި ބޭނުންވާ މީހުންގެ ކިބައިން ލޯބިނުލިބުމަކީ ތިމާދެކެ ލޯބިވާ މީހުން ނުތިބޭނެ ސަބަބެއް ކަމުގައި ނުދެކޭށެވެ. ތިބާއަށް ލޯބިލިބުން އިރާދަކުރައްވަވާފައިވާ މީހާ އާއި ބައްދަލުވާނެކަމުގެ ޔަޤީންކަމުގައި ހުންނާށެވެ! ވަޤުތު ޖެހުމުން އެމީހަކާއި ބައްދަލުވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން