ޢަލީ އިޙްސާން ފިރާޤު
ފާޙިޝް ޢަމަލުކުރުން މިވަނީ ޢާންމުވެފައެވެ. ގިނަ ބައަކަށް އުޅެންޖެހިފައިވަނީ އެކަމުން ސަލާމަތް ނުވެވިގެންނެވެ. އެހެންވެ މިގެނެސްދެނީ ފާޙިޝް ޢަމަލުކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް އެކަމަށް އެހީތެރިކަން ލިބޭނެ ޙަދީޘްފުޅެކެވެ. އިން ޝާ ﷲ
އިމާމު އަޙްމަދު އޭނާގެ މުސްނަދުގައި، އަބޫއުމާމާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާ ކުރައްވައިފައިވެއެވެ.
އެއްފަހަރަކު ޒުވާން ފިރިހެނަކު އައިސް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ދެންނެވިއެވެ. "އަޅުގަނޑަށް ޒިނޭ ކުރުމުގެ ހުއްދަ ދެއްވަފާނުތޯއެވެ؟" އޭނާ އެހެން ދެންނެވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައިވާ ޞަޙާބީބޭކަލުން ނުރުހުންވެވަޑައިގެން އޭނާއާ ދިމާލަށް އެއްޗެހި ކިޔުއްވަން ފައްޓަވައިފިއެވެ. ނަމަވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم ނުހަނު ހަމަޖެހިވަޑައިގެން އިންނަވައި ޙަދީޘު ކުރެއްވިއެވެ. "އަހަރެންގެ ކައިރިއަށް އަންނާށެވެ."
ދެން އޭނާ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް އައުމުން އިށީންނުމަށް ވިދާޅުވިއެވެ. އޭނާ އިށީނުމުން ޙަދީޘު ކުރެއްވިއެވެ. "ތިބާގެ މަންމަ އެހެން މީހަކާއެކު ޒިނޭ ކުރުމަށް ތިބާ ރުހޭނު ހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "އަޅުގަނޑުގެ ނަފްސު ކަލޭގެފާނުގެ މައްޗަށް ފިދާކޮށް ބުނަމެވެ. ދުވަހަކުވެސް ނުރުހޭނަމެވެ." ޙަދީޘު ކުރެއްވިއެވެ. "އެހެން މީހުންވެސް އެމީހުންގެ މައިންބަފައިން ޒިނޭކުރުމަކަށް ނުރުހޭނެއެވެ."
އިތުރަށް މާތް ރަސޫލާ صلّى اللّـه عليه وسلّم އޭނާއަށް އޮޅުން ފިލުއްވައި ދެއްވުމަށްޓަކައި ޙަދީޘު ކުރެއްވިއެވެ. "ތިބާގެ ދަރިން ޒިނޭކުރުމަށް ތިބާއަށް ރުހެވޭނެ ހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "އަޅުގަނޑުގެ ނަފްސު ކަލޭގެފާނުގެ މައްޗަށް ފިދާކޮށް ބުނަމެވެ. ދުވަހަކުވެސް ނުރުހޭނަމެވެ." ޙަދީޘު ކުރެއްވިއެވެ. "އެހެން މީހުންވެސް އެމީހުންގެ ދަރިން ޒިނޭކުރުމަކަށް ނުރުހޭނެއެވެ."
އޭނާއަށް އިތުރު މިސާލެއް ދެއްކެވުމަށްޓަކައި މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘު ކުރެއްވިއެވެ. "ތިބާގެ ބައްޕަ ފަރާތުގެ ބޮޑުދައިތަ އެހެން މީހަކާއެކު ޒިނޭކުރުމަށް ތިބާ ރުހޭނެހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "އަޅުގަނޑުގެ ނަފްސު ކަލޭގެފާނުގެ މައްޗަށް ފިދާކޮށް ބުނަމެވެ. ދުވަހަކުވެސް ނުރުހޭނަމެވެ." ޙަދީޘު ކުރެއްވިއެވެ. "އެހެން މީހުންވެސް އެމީހުންގެ ބަފައިފުށުގެ ބޮޑުދައިތައިން ޒިނޭކުރުމަކަށް ނުރުހޭނެއެވެ."
އަނެއްކާވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘު ކުރެއްވިއެވެ. "ތިބާގެ މަންމަ ފަރާތުގެ ބޮޑުދައިތަ އެހެން މީހަކާއެކު ޒިނޭކުރުމަށް ތިބާ ރުހޭނެހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "އަޅުގަނޑުގެ ނަފްސު ކަލޭގެފާނުގެ މައްޗަށް ފިދާކޮށް ބުނަމެވެ. ދުވަހަކުވެސް ނުރުހޭނަމެވެ. " ޙަދީޘް ކުރެއްވެވިއެވެ. "އެހެން މީހުންވެސް އެމީހުންގެ މައިފުށުގެ ބޮޑުދައިތައިން ޒިނޭކުރުމަކަށް ނުރުހޭނެއެވެ."
ދެން މާތް ރަސޫލާ صلّى اللّـه عليه وسلّم އޭނާގެ ބޮލުގައި އަތްޕުޅު ބީއްސަވައި ޙަދީޘު ކުރެއްވިއެވެ. "ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މީނާގެ ފާފަ ފުއްސަވައިފާންދޭވެ. މީނާގެ ހިތް ޠާހިރު ކުރައްވާފާންދޭވެ! މީނާ ޢިއްފަތްތެރި ކުރައްވާފާންދޭވެ!"
ބުނެވޭ ގޮތުގައި، އޭގެ ފަހުން އެޒުވާނާ އެފަދަ ނުބައި ފާހިޝް އެއްވެސް ކަމެއްގެ ވާހަކައެއް ނުދައްކަވައެވެ. އެކަހަލަ އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެއްވައެވެ.
{މުސްނަދު އިމާމު އަޙްމަދު، ޙަދީޘް ނަންބަރު 21708}
މިދެންނެވި ޙަދީޘުން ރަސޫލާ صلّى اللّـه عليه وسلّم އެވަނީ ޒިނޭކުރުމަށް ބޭނުންވެފައިވާ ޒުވާނަކަށް އެއީ ކިހާވަރެއްގެ ނުބައި ކަމެއްކަން ނުހަނު ސާފު ސީދާކޮށް ބަޔާންކޮށް ދެއްވައިފައެވެ. ގޯސް އަމަލުތައް ކުރާ މީސްތަކުންނަށް ނަޞޭހަތްދޭއިރު ޙިކުމަތްތެރިކަމާއި، މަޑުމައިތިރިކަމާއި، ބުއްދީގެ ޞަރީޙު ދަލީލުތައް ދައްކައިގެން ނަޞޭހަތް ދިނުމުގެ މުހިންމުކަން މިދެންނެވި ޙާދިޘާއިން ދޭހަވެއެވެ.
- ޢަލީ އިޙްސާން ފިރާޤު