ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ދޭ ޚާއްޞަ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހެލްތުން މިއަދު ހުޅުވާލައިފިއެވެ.
"ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް" އަކީ ކޮންމެ އަހަރެއްގެ މެއި މަހުގެ 31 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ދެވޭ އެވޯޑެކެވެ. މި އިނާމު ދިނުމުގެ މައިގަނޑު މަޤްޞަދަކީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމާއި، އެ މަސައްކަތުގައި ދެމިތިބުމަށް ހިތްވަރު ދިނުމެވެ.
ޞިއްޙީ ވުޒާރާއިން ހާމަކުރި ގޮތުގައި، ދުންފަތް ކޮންޓްރޯލްކޮށް ދުންފަތުގެ ނުރައްކަލުން މުޖުތަމަޢު ރައްކާތެރިކުރުމަށް މަސައްކަތްކުރާ ފަރުދުންނާއި، ޖަމުޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން އިދާރާތަކަށްވެސް މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ވަކިން ޚާއްޞަކޮށް އެ އަހަރެއްގެ ޝިޢާރާ ގުޅުންހުރި މަސައްކަތްތައް ކުރާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
މި އަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރަކީ "އަންމާސްކިންގ ދަ އެޕީލް – ކައުންޓަރިން ނިކޮޓިން އެންޑް ޓޮބޭކޯ އެޑިކްޝަން" އެވެ. މި ޝިޢާރުގެ ދަށުން ދުންފަތާއި ނިކޮޓިންގެ ވަބާއިން މީހުން ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބާރުއެޅުމަށް ވަނީ ނިންމާފައެވެ.
މި އެވޯޑަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޑަބްލިޔުއެޗްއޯގެ ރަސްމީ ވެބްސައިޓުގައިވާ ފޯމު ފުރިހަމަކުރުމަށްފަހު، 2026 ޖަނަވަރީ 16 ވަނަ ދުވަހުގެ ކުރިން ހުށަހަޅަންޖެހޭނެ ކަމަށް ޞިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
ހަބަރު: ސަރުކާރު