ޢާއިލާއަށް ރަނގަޅަށް ކާންނުދީ ތިމާ ބޭރުން މީރުކެއުން ކެއުން ހުއްދައެއް ނުވާނެ: މުފްތީ މެންކް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
ޢާއިލާއަށް ރަނގަޅަށް ކާންނުދީ ތިމާ ބޭރުން މީރުކެއުން ކެއުން ހުއްދައެއް ނުވާނެ: މުފްތީ މެންކް

މީސްތަކުންނަށް ބަލައިފިނަމަ ﷲ ތަޢާލާ އެކި މީހުންނަށް ދެއްވަވަނީ އެކި ނިޢުމަތްތަކެވެ. މިޘާލަކަށް އެއްބައިމީހުންނަށް ތަނަވަސްކަން ދެއްވަވާއިރު އަނެއްބައި މީހުންނަށް ތޫނުފިލިކަން ދެއްވަވައެވެ. އަނެއްބައަކަށް ބާރުދެއްވަވައެވެ. މިހެން ގޮސް ކޮންމެވެސް އެއް ނިޢުމަތެއް ލިބިފައިނުވާ މީހަކު ހަމަ ވަރަށް މަދުވާނެއެވެ.  

ﷲ ތަޢާލާ އަހުރެމެންނަށް އަންގަވާފައިވަނީ ތިމަން ﷲ ދެއްވެވި ނިޢުމަތްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށެވެ. އެނިޢުމަތެއްގެ ބޭނުންކޮށްގެން އާޚިރަތް ކާމިޔާބުކުރަން މަސައްކަތްކުރުމަށެވެ. ވީމާ އަހުރެމެންނަށް އޮތީ އެންމެ އިސްކަމެއްގެ ގޮތުން އާޚިރަތް ލިބިގަންނަން ގަދައަޅައި މަސައްކަތްކުރުމެވެ. 

ފާހަގަކޮށްލާނަމެވެ. ތަނަވަސްކަން ކުޑަކަމުން އެހެން މީހުންނަށް ފައިސާއިން ޞަދަޤާތް ކުރަން ނުކުޅެދޭނަމަ ލިބޭ އާމްދަނީން އެންމެ ޑޮލަރެއް ވިޔަސް އިސްރާފްނުކޮށް ތިމާގެ ޢަމިއްލަ އަނބިދަރިންނަށާއި ޢާއިލާއަށް ހޭދަކުރާށެވެ. އެމީހުންގެ ބޭނުންތައް ފުއްދައިދޭން މަސައްކަތްކުރާށެވެ.  

މިޘާލަކަށް ކޮފީތަކަށާއި ރެސްޓޯރަންޓްތަކަށް އެއްވެސް ޚަރަދެއް ނުކުރާށެވެ. އަތުގައިހުރި ފައިސާކޮޅަށް ލިބުނު އެއްޗެއް ގަނެގެން ގެއަށް ގޮސް ކައްކައިގެން ޢާއިލާގެ އެންމެން ކާށެވެ. އެގޮތަށް އެކަން ނުކޮށް، ޢާއިލާއަށް ރަނގަޅަށް ކާންނުދީ ތިމާ ބޭރުން މީރުކެއުން ކެއުން އަހުރެން ބުނާނީ ހުއްދަވެސް ނުވާނެ ކަމަށެވެ. އެއިރުން ޢަމަލުއެކުރެވެނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކަމުގައިނުވާތީއެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަތުގައި ފައިސާނެތުމަކުން ޤިޔާމަތް ދުވަސް ކާމިޔާބުކުރަން ކުރާ މަސައްކަތުގައި މާޔޫސްވުމެއް ނެތެވެ. ގައިގައި ބާރުހުރިނަމަ އަވަށްޓެރިންނަށް ނުވަތަ ރައްޓެހިންނަށްވިޔަސް ކޮންމެވެސް މަސައްކަތެއް ކޮށްދޭށެވެ. އެއްވެސް ޢިލްމެއް ލިބިފައިވާނަމަ އެހެން މީހުންނަށް ޢިލްމުފޯރުކޮށްދޭށެވެ. މަސައްކަތެއް ދަސްވެފައިވާނަމަ އެމަސައްކަތެއްކޮށްދޭށެވެ.  

މިފަދަ ކޮންމެ ކަމަކީވެސް އާޚިރަތް ހޯދަން ކުރެވޭ މަސައްކަތެވެ. މިގޮތުގައި އެމީހަކު ކުރިއަށްދާނަމަ އެމީހަކު ކުރިއަށް އެދަނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައެވެ. އެމީހަކަށް އާޚިރަތް ކާމިޔާބުކުރެވޭނެއެވެ. އިން ޝާ ﷲ

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން