ﷲ ތަޢާލާ ތިބާ ދޫކޮށްލެއްވެވީކަމަށް ޝައިޠޯނާދޭ ވަސްވާސްތަކަށް ނުހެއްލޭށެވެ. އެންމެ ފުރިހަމަ ގޮތުގައި ވަކީލްކުރާއަޅަކަށްވާށެވެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
ﷲ ތަޢާލާ ތިބާ ދޫކޮށްލެއްވެވީކަމަށް ޝައިޠޯނާދޭ ވަސްވާސްތަކަށް ނުހެއްލޭށެވެ. އެންމެ ފުރިހަމަ ގޮތުގައި ވަކީލްކުރާއަޅަކަށްވާށެވެ!

ބައެއް މީހުންނަށް ކުރިމަތިވާ ބައެއް މައްސަލަތައް ﷲ ތަޢާލާ ވަރަށް އަވަހަށްވެސް ޙައްލުކުރައްވަވައި ދެއްވަވަތެވެ. ނަމަވެސް އަނެއް ބައެއްގެ ކަންކަން ތަންކޮޅެއް ލަހުންވެސް ޙައްލުކުރައްވަވައި ދެއްވަވަތެވެ. 

މިފަދަ ކަމެއް މެދުވެރިވެ ތިމާ އެދޭ ގޮތަށް މައްސަލަ ޙައްލުނުކުރެވި ލަސްވާނަމަ އޮތީ ﷲ ތަޢާލާ ތިމާ ދެކެ ރުހިވޮޑިނުގަންނަވަނީކަމަށް ޤަބޫލުކުރުމެއް ނޫނެވެ. ލޯބިވެވޮޑިގަންނަވަނީ ކަމަށް ޤަބޫލުކުރުމެވެ. 

މިޘާލަކަށް ބުނާނަމަ ޔަޢުޤޫބްގެފާނަށް ކުރިމަތިވެވަޑައިގެންނެވި މައްސަލަ (ބަލިމަޑުކަން) އަށް ޙައްލެއް ލިބިވަޑައިގަތީ (ޝިފާލިބިވަޑައިގަތީ) ކިތައް އަހަރުން ހެއްޔެވެ؟ އައްޔޫބްގެފާނު ހިތާމަފުޅާއި ހިތްޕުޅަށް ވޭން ލިބިވަޑައިގަތުމުގައި ކިތައް އަހަރު ވޭތިކުރެއްވެވިހެއްޔެވެ؟ ޔޫސުފްގެފާނުގެ މުޅި ޢުމުރުފުޅު ހޭދަކުރެއްވެވީ މައްލަތަކުގެ ތެރޭގައި ނޫންހެއްޔެވެ؟ 

ދެން ބަލަންވީ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅަށެވެ. އިތުރު ޞާޙިބާގެ މުޅި ޙަޔާތްޕުޅު ހޭދަކުރެއްވެވީ ކަންބޮޑުވެވަޑައިގަތުންތަކުން ފުރިގެންވާ ޙާލުކޮލުގައި ނޫންހެއްޔެވެ؟ 

މިފަދަ މަތިވެރި ދަލީލުތަކާއިއެކު މިވާހަކަތައް އަބަދުހެން ކިޔައިދެމުން ގެންދާއިރުވެސް އެންމެ ގިނަ ބައެއްގެ ސުވާލުތައް ލިބެނީވެސް އެންމެ ގިނަ ބައަކު ކަންބޮޑުވަނީވެސް ހަމަ މިކަމާއިއެވެ. ގިނަ ދުވަހު ބަލިވެ އުޅެންޖެހޭތީއެވެ. ހިތާމައާއި ހިތްދަތިކަމުގައި އުޅެންޖެހޭތީއެވެ. 

މިކަން މިގޮތަށް މެދުވެރިވުމުން ގިނަ ބައެއްގެ ޢަޤީދާއަށް މައްސަލަތައް ކުރިމަތިވެއެވެ. އަޅުކަންކުރަން ފޫހިވެ ކަންނެތް ވެވެއެވެ. މިއީ ވަރަށް ދެރަ ކަމެކެވެ. އެގޮތަށް ކަންތައް ކުރުމުން އެނަގައިލެވެނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ތިމާގެ ދަރަޖަ މަތިވެރިކޮށްލަން ލިބޭ ފުރުޞަތެވެ. 

އެގޮތަށް އެކަންވިޔަނުދޭށެވެ. ޝައިޠޯނާގެ ވަސްވާސްތަކަށް ނުހެއްލޭށެވެ. ކަންކަން ކުރިމަތިކުރެއްވެވުމުން ﷲ ތަޢާލާ ތިބާ ދޫކޮށްލެއްވެވީކަމަށް ޝައިޠޯނާދޭ ވަސްވާސްތަކަށް ނުހެއްލޭށެވެ. އެންމެ ފުރިހަމަ ގޮތުގައި ވަކީލްކުރާއަޅަކަށްވާށެވެ! ތިބާގެ ދަަރޖަ މަތިވެރިކޮށްލަން ދެއްވަވާ ފުރުޞަތުގެ ބޭނުންހިފުމަކީ އެއީއެވެ.

 

- މަޢްލޫމާތު: ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން