މަސްޖިދުލް އަލްއަޤްޞާގެ މާތް ބިމަކީ ގިނަ ޙަޟާރާތްތަކެއްގެ ކާމިޔާބަށާއި ނާކާމިޔާބަށް ހެކިވާ އަގުހުރި ބިމެކެވެ. ޝާމުކަރައިގެ ބަރަކާތްތެރި އެ ބިމަކީ، އިބްރާހީމްގެފާނާއި، އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނު ފަދަ ނަބިއްޔުން ދިރިއުޅުއްވި ބިމެވެ. ޔޫސުފުގެފާނުގެ ޢިނާޔަތްތެރިކަމާ އެކު ޔައުޤޫބުގެފާނުގެ ދަރިފަސްކޮޅު މިޞްރަށް ހިޖުރަ-ކުރިއެވެ. އެތާ އުޅުނު ޤިބްޠީންނާ އެކު ބަނީ އިސްރާއީލުގެ ދަރީން ވަކި އުންމަތެއްގެ ގޮތުގައި ދިރިއުޅުނެވެ. ޔޫސުފުގެފާނު އަވަހާރަ ވީފަހުން އެބައިމީހުން ކުރިމަތިލާން ޖެހުނީ ފިރުޢައުނުގެ އަނިޔާވެރިކަމާއެވެ.
އެ އަޅުވެތިކަމުން ބަނީ އިސްރާއިލުން ސަލާމަތްކޮށްދެއްވުމަށް ﷲ ފޮނުއްވެވީ މޫސާގެފާނެވެ. އެއަށް ފަހު އެބައިމީހުންނަށް އަމުރުކުރެއްވީ، ﷲ އެންގެވި ބިމަކަށް ވަދެ، އެތަން ހިފައިގެންތިބި ބަޔަކާ ހަނގުރާމަކުރުމަށެވެ. އަދި ނަޞްރު ލިބޭނެކަމުގެ އުފާވެރި ޚަބަރު ވެސް ދެއްވިއެވެ. މޫސާގެފާނު ވިދާޅުވި ބަސްފުޅު ކީރިތި ޤުރުއާނުގައި ގެންނެވި އާޔަތުގެ މާނައިގައި ވެއެވެ. ”އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. މުގައްދަސްވެގެންވާ ބިމަށް ތިޔަބައިމީހުން ވަންނާށެވެ. އެއީ ތިޔަބައިމީހުންނަށް ޓަކައި ﷲ ލިޔުއްވި ބިމެވެ. އަދި ތިޔަބައިމީހުން ފުރަގަސްދީ އެނބުރި ނުގަންނާށެވެ. އޭރުން ތިޔަބައިމީހުން ގެއްލެނިވެގެންވާ ބަޔަކުކަމުގައި ވެގެންދާނެއެވެ.“
(އަލް-މާއިދާ: 21)
އޭރު ބަނީ އިސްރާއީލަށް އެބިން ލިޔުއްވީ އެ ޒަމާނުގައި އެބައިމީހުންނަކީ، ސީދާވެގެންވާ ޝަރީޢަތް ޤާއިމުކުރުމަށާއި، އީމާންކަމާއި އިސްލާހަށް ގޮވައިލުމުގެ މަސްއޫލިއްޔަތު އުފުލުމަށް، ﷲ އިޚްތިޔާރުކުރެއްވި ބަޔަކު ކަމުގައި ވީތީއެވެ. ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”ހަމަކަށަވަރުން ލައުޙުލް މަޙްފޫޡަށް ފަހު ޒަބޫރުގައި ތިމަންއިލާހު ލިޔުއްވީމެވެ. ހަމަކަށަވަރުން ބިން ވާރުތަވެ މިލްކު ވާނީ، ތިމަން އިލާހުގެ ސާލިހު އަޅުންނަށެވެ. ހަމަކަށަވަރުން އަޅުކަންކޮށް އުޅޭ އަޅު-ވެރިންނަށް ފުދޭނެ ވައުޡާއި ހަނދާންކޮށްދިނުން، މީގައިވާކަން ކަށަވަރެވެ.“
(އަލް-އަންބިޔާ 105-106)
ނަމަވެސް އަދުއްވުންނާ ކުރިމަތިލާން ދެކޮޅުހަދައި އެ މީހުން ބުންޏެވެ. ”އޭ މޫސާގެފާނެވެ. ހަމަކަށަވަރުން ގަދަފަދަ ޖައްބާރު ބަޔަކު އެތާނގައި އެބަތިއްބެވެ. އަދި ހަމަކަށަވަރުން އެބައިމީހުން އެތަނުން ނުކުމެއްޖައުމަށް ދާންދެން، ތިމަންމެން އެތަނަކަށް ނުވަންނާނަމެވެ. ފަހެ އެބައިމީހުން އެތަނުން ނުކުމެއްޖެ ނަމަ، ދެން ހަމަކަށަވަރުން ތިމަންމެން އެތަނަށް ވަންނާނަމެވެ. އެބައިމީހުން އެ ރަށުގައި ދެމިތިބިހައި ހިނދަކު ދުވަހަކު ވެސް ތިމަންމެން އެ ރަށަކަށް ނުވަންނާނަމެވެ. ފަހެ ކަލޭގެފާނުގެ ރައްބާއި، ކަލޭގެފާނު ވަޑައިގެން އެބައިމީހުންނާ ހަނގުރާމަކުރައްވާށެވެ. ހަމަކަށަވަރުން ތިމަންމެން މިހުރި ތާނގައި ތިބޭނަމެވެ.“
(އަލް-މާއިދާ 22-23)
އެބައިމީހުން ބޭނުންވީ ހަނގުރާމަކުރުމެއް ނެތި، ދުޝްމިނުން އަމިއްލައަށް އެބިން ދޫކުރަންދެން ކަމެއްނުކޮށް މަޑުކުރާށެވެ. އަދި އެއްވެސް އުނދަގުލަކާއި ޤުރުބާނީއަކާ ނުލައި، ފަސޭހަކަމާ އެކު އެ ބިމަށް ވަދެވުނު އިރަކުން ވަންނާށެވެ. އެ ގޮތުން اللهގެ ވައުދަށް އިތުބާރުކޮށް އެންގެވި ގޮތަށް މަސައްކަތްކުރުމުގެ ބަދަލުގައި، އެ މީހުން ދެއްކީ ފިނޑިކަމާއި ނުކިޔަމަން-ތެރިކަމުގެ އިންތިހާ ދަރަޖައެވެ. އެންމެ ފަހުން ނިކަމެތިކަން އިޚްތިޔާރުކުރުމުގެ ނަތީޖާއަކަށްވީ، ކޯފާއަށް ހުށަހެޅި، ނިއުމަތުން މަޙްރޫމުވުމެވެ. ﷲ ވަޙީކުރެއްވިއެވެ. ”ހަމަކަށަވަރުން އެބައިމީހުންގެ މައްޗަށް އެބިން ވަނީ ޙަރާމްކުރެއްވިގެންނެވެ. ސާޅީސް އަހަރު ވާންދެނެވެ. ހައިރާންކަންމަތީ، ދެވޭނުދެވޭ ތަނެއް ނޭނގި، ބިމުގައި ވިއްސިވިހާލިވެގެން އެބައިމީހުން އުޅޭނެއެވެ. ފަހެ ފާސިގުވި ގައުމުގެ މީހުންގެ މައްޗަށް ކަލޭގެފާނު ހިތާމަނުކުރައްވާށެވެ.“
(އަލް-މާއިދާ 26)
ބަނީ އިސްރާއީލުން ޙައްޤު މަގުން އެއްކިބާވެފައި ވީ ހިނދު، ﷲގެ ދީނަށް ތަބާވެ، އެ ދީން ޤާއިމުކުރުމުގެ ޢަމަލީ ތަކުލީފާ ހަވާލުވެފައި އޮތީ މި މުސްލިމް އުންމަތެވެ. އަހަރެމެންނަށް އޮތީ މާޒީގެ ހާދިސާތަކުން އިބުރަތް ހާސިލުކޮށް، އިމްތިޙާނުތަކުގައި ކެތްތެރިވުމެވެ. ﷲގެ އިރާދަފުޅަށް ކިޔަމަންތެރިވެ، އީމާންތެރިކަމުގައި ސާބިތުވެތިބުމެވެ. އަދި ޙައްޤުގޮތުގައި ދީނަށް އެނބުރިރުޖޫޢަވުމެވެ. ޤުރްއާނާއި ސުންނަތުގައި އަންގަވައިފައިވާ އަމުރުތަކާއި ނަހީތައް ދެމެހެއްޓުމެވެ. އިސްވެދިޔަ މަގުފުރެދިފައިވާ ގައުމުތަކުގެ ގޮތްތައް މުޅީން ދޫކޮށްލުމެވެ.
- الشَيْخ مُحَمَّد أَشْرَاف إِبْرَاهِيْم / ދީނުގެމަގު މަޖައްލާ