ޙޫރަލްޢީނުންނާމެދު ލޮބުވެތި ކަނބަލުން މާޔޫސްވެނުލައްވާށެވެ! ސުވަރުގޭގަ އެކަނިވެރިއަކު ނުހުންނާނެ! ހިތަށް އަރުވާލާ ކޮންމެ ބޭނުމެއް ވަޤުތުން ފުއްދަވައިދެއްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 54ސ
ޙޫރަލްޢީނުންނާމެދު ލޮބުވެތި ކަނބަލުން މާޔޫސްވެނުލައްވާށެވެ! ސުވަރުގޭގަ އެކަނިވެރިއަކު ނުހުންނާނެ! ހިތަށް އަރުވާލާ ކޮންމެ ބޭނުމެއް ވަޤުތުން ފުއްދަވައިދެއްވަވާނެ!

ލޮބުވެތި ކަނބަލުންނޭވެ! ތިމާއަށް ލިބެން ޖެހޭ އެއްޗެއް ނުލިބިދާނެތީ ނުވަތަ ލިބުން ޙައްޤު މިންވަރަށްވުރެ މަދުވެދާނެތީ ކަންބޮޑުވާންޖެހޭނީ މީހެއްގެ އަތުން ލިބެން އޮތް އެއްޗެއް ނަމައެވެ. ﷲ ތަޢާލާގެ ޙަޟްރަތާއިމެދު ކަންބޮޑުވުމެއް ނެތެވެ. ﷲ ތައާލާއީ ދީލަތިވަންތަކަން ބޮޑުކަމުން މީސްތަކުންނަށް ޙައްޤުމިންވަރަށްވުރެ މާބޮޑުތަނުން އިތުރަށް ނިޢުމަތްތައް ދެއްވަވާ ރަސްކަލާނގެއެވެ.  

ސުވަރުގެއިން ލިބޭނެ ނިޢްމަތްތަކުގެ ވަރަށް ގިނަ ވާހަކަތައް އައްރަޙްމާން ސޫރަތުގައާއި އެހެން ބައެއް ސޫރަތްތަކުގައިވެސް ވަނީ ވަޙީކުރައްވަވައިފައެވެ. އެކަންކަން ބަޔާންކުރައްވައި ދީނީ ޢިލްމުވެރިން ދެއްވަވާ ބައެއް ދަރުސްތަކާއި ގުޅިގެން ވެސް ގިނަ ބައަކު ސުވާލުކުރަނީ ސުވަރުގެ އިން ލިބޭނެ ނިޢުމަތްތަކާއިމެދުގައެވެ.  

މިފަދަ ޚިޔާލުތައްކުރާށެވެ! އުންމީދަކީ ސުވަރުގެލިބުން ކަމުގައިވާއިރު މިއީ ހަމަ ދެކެވެން ޖެހޭނެ ވާހަކަތަކެވެ. ނަމަވެސް އެންމެ ފުރަތަމަ ވިސްނަންވީ ސުވަރުގެއިން އަނބިން ނުވަތަ ފިރިންގެ ގޮތުގައި ލިބޭނެ މީހާ އާއިމެދުގައެއް ނޫނެވެ. ދެއްވަވާނެ ޢަދަދާއިމެދަކުވެސް ނޫނެވެ. ކާން ބޯން ލިބޭނެ ތަކެއްޗާއި މެދުގައެއް ނޫނެވެ. އުޅެން ލިބޭނެ ތަނާއި ނިދަން ލިބޭނެ ތަންމައްޗާއިމެދުގައެއް ވެސް ނޫނެވެ. ސުވަރުގޭގެ ގަނޑުވަރުތަކުގެ ފުރިހަމަކަން ހިތަށްވެސް ނުގެނެވޭނެއެވެ.  

އެކަމުގެ ހެއްކަކީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅެވެ. އެމީހަކު އެދޭ ކޮންމެ ކަމެއް އެމީހަކަށް ލިބޭނެ ކަމާއި ބޭނުންވާ އެއްވެސް ކަމެއް ނުވެގެން ނުވަތަ ބޭނުންވާ އެއްވެސް އެއްޗެއް ނުލިބިގެން މާޔޫސްވެގެން އުޅެން ނުޖެހޭނެ ކަމަށް އޮތް ވަޙީ ބަސްފުޅުތައް މިކަމުގެ ދަލީލަކަށް ފުދެއެވެ. ސުވަރުގޭގައި އޮތީ އެމީހަކު ބޭނުންވާ ނިޢްމަތެއް ހިތަށް އަރުވައިލުމެވެ. އެކަމެއް ވަގުތުން ޙާޞިލުކުރެވިގެންދާނެއެވެ.  

ވީމާ ވިސްނަންވީ ސުވަރުގެއިން ލިބޭނެ ނިޢުމަތްތަކާއިމެދުގައެއް ނޫނެވެ. ވިސްނަންވީ ސުވަރުގެ ޙާޞިލުކުރާނެ ގޮތަކާއިމެދުގައެވެ. އެންމެ ބޮޑު ސަމާލުކަމެއްވެސް ދޭންވީ ސުވަރުގެ ޙާޞިލުކުރުމަށެވެ. ކޮންމެފަދަ ޤުރްބާނީއެއް ވެގެންވެސް މަސައްކަތް ކުރަންވީ ސުވަރުގެ ޙާޞިލުކުރުމަށެވެ.  

ދުނިޔޭގައި މިއުޅޭއިރު މީސްތަކުން ކޮށްދޭން ވައުދުވާ ކަންކަން ކޮށްނުދީގެން ފަހަތުން ދުވަން ޖެހެއެވެ. އެއީ މިދުނިޔޭގައި އެކަން ހިނގާ ގޮތެވެ. ޤިޔާމަތް ދުވަހު އެކަން އެގޮތަކަށް ނުހިނގާނެއެވެ. ﷲ ތަޢާލާ ދެއްވަވަން ވައުދުވެވޮޑިގެންފައިވާ އެއްވެސް ކަމެއް ލިބެން އެންމެ ކުޑަމިނުން އެދޭކަށްވެސް ނުޖެހޭނެއެވެ. އެކަމެއް ﷲ ތަޢާލާގެ ވަޢުދު ބަސްފުޅާއި އެއްގޮތަށް އެންމެންނަށްވެސް ފުރިހަމަކުރައްވަވައި ދެއްވަވާނެތެވެ. ހުރިހާ މުސްލިމުން ﷲ ތަޢާލާއަށް އީމާންވެގެން މިތިބީ އެކަން ހިތުގެ އަޑިން ޤަބޫލުކޮށް ކަށަވަރުކޮށްގެންނެވެ. ވީމާ ދެން އިތުރަށް އެކަމާމެދު ވިސްނުމުގެ އެއްވެސް ބޭނުމެއް ނެތެވެ.  

ސުވަރުގެއަށް އެންމެފަހުން ވައްދަވާ މީހާއަށް ﷲ ތަޢާލާ ދެއްވަވާ ނިޢުމަތްތަކާއިމެދުގައެވެ. އެމީހާއަށް ދެއްވަވަނީ މި މުޅި ދުނިޔެއާއި އެއްވަރުގެ ނިޢުމަތެއްވެސް ނޫނެވެ. މި މުޅި ދުނިޔެއާއި ދުނިޔޭގައި ވާހައި ނިޢުމަތްތަކުގެ 10 ގުނަކަން ޙަދީޘުން އެނގެން އެބައޮތެވެ. އެންމެ ފަހުން ވަދެވޭ މީހާއަށް މިހައިވަރު ލިބުމުން ވެސް  މަދުވަނީ ހެއްޔެވެ؟  

ނިކަން ވިސްނައިލަބަލާށެވެ! ދުނިޔޭގެ އެންމެ އަގު ބޮޑު، އެންމެ މޮޅު ފޯނު ނުވަތަ ކާރި އަދި ޖެޓެއް ގަތްނަމަވެސް ގަންނަތަނުންވެސް ކޮންމެވެސް މައްސަލައެއް ދިމާވެދާނެއެވެ. ދިމާވެއެވެ. ސުވަރުގެއިން ލިބޭ އެއްވެސް ނިއުމަތަކީ މިފަދަ އެއްވެސް މައްސަލައެއް ކުރިމަތިވާނެ ނިޢުމަތެއް ނޫނެވެ. ތިބާ އެދޭ ފެންވަރަށްވުރެވެސް މާފުރިހަމައަށް އަބަދުވެސް ހުންނާނީ ލިބިލިބިއެވެ. ސަރވިސްކުރަން ވޯކްޝޮޕްތަކަށް ދުވާކަށް ނުޖެހޭނެއެވެ. ސްޕެއާ ނުލިބިގެން އުޅޭކަށްވެސް ނުޖެހޭނެއެވެ.  

ކަންކަން ހުރީ މިފަދައިން ނަމަވެސް ބައެއްފަހަރު އެބަ ބުނެއެވެ. ދުނިޔޭގައި ކައިވެނިކޮށްގެން އެކުގައި އުޅުނު އަނބިމީހާ ސުވަރުގޭގައި ބޭނުން ނުވާ ކަމަށެވެ. ހަމަ އެފަދައިން ފިރިމީހާ ބޭނުން ނުވާކަމަށްވެސް އެބަ ބުނެއެވެ. ބޭނުމީ މިވެނި އެވެނި މީހެއް ކަމަށްވެސް އެބަ ބުނެއެވެ. މިއީ ހަމަ ބޭކާރު ވާހަކަތަކެކެވެ. ސުވަރުގެ އިން ލިބޭނީ އެންމެ ފުރިހަމަ މީހާއެވެ. އެމީހަކު އެންމެ އެދޭ ސިފަތައްހުރި މީހާއެވެ. ލިބުމުން ގެއްލެން އެއްގޮތަކަށްވެސް ނުއެދޭނެ މީހާއެވެ. ކުރަން އޮތް ހަމައެކަނި ކަމަކީ ސުވަރުގެ ލިބޭތޯ ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ. ތިމާ އެދޭ އެއްވެސް ކަމެއް ލިބެން އޮތީ  ސުވަރުގެ ވަދެވިގެން ކަމަށްވާތީއެވެ.  

ތިމާއަށް ސުވަރުގެ ވަދެވުމުން ސުވަރުގެއިން ތިމާއަށް ސުވަރުގެއިން ލިބޭނެ ނިޢުމަތްތަކާއިމެދު ވިސްނައި އކަމުގެ ވާހަކަދައްކާ މީހުން ވަރަށް ގިނައެވެ.  އެފަދަ ވާހަކަތައް ދައްކަމުން ގޮސް ސުވަރުގެއިން ތިމާއަށް ލިބޭނެ ބައިވެރިޔާގެ ވާހަކަދައްކަމުން ގޮސް ދެމަފިރިންގެ މެދުގައި ހޫނު ބަހުސްތައްވެސް ކުރެއެވެ. ބަހުސްކުރަންވީ ސުވަރުގެއިން ބޭނުންވާ ނިޢްމަތްތަކާއިބެހޭ ގޮތަކުން ނޫނެވެ. އެހެނީ ސުވަރުގެ ވަދެވިއްޖެނަމަ އެމީހާ އެދޭހައި ކަންކަމެއް ޚިޔާލަށްވެސް ނުގެނެވޭނެހައި ފުރިހަމައަށް ދެއްވަވާނެތެވެ! ވީމާ ބަހުސްކުރަންވީ ސުވަރުގެ ހޯދަން މަސައްކަތްކުރުމާއިމެދުގައެވެ. ހެޔޮޢަމަލުތައް ކުރުން އިތުރުކުރުމާއިމެދުގައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން