"އޮފީހުގައި އުޅޭ އެކުވެރިން ކުރާ ކަންކަމުގައި ބައިވެރިނުވާނަމަ މަލާމާތްކޮށް ފުރައްސާރަކުރެއެވެ. މިބުނަނީ ބޭރުން އެއްޗެތި ގެނެސްގެން ކައިބޮއި ހެދުމުގައި ބައިވެރިނުވާނަމަ ދަހިމީހެއް ކަމަށް ބުނެ މަލާމާތްކުރާވާހަކައެވެ. އެހެންވެ ބައިވެރިވަން މަޖުބޫރުވެއެވެ. އެކަމަކު އެޚަރަދުކުރަން އަޅުގަނޑު ބޭނުމެއް ނުވެއެވެ."
މިއީ ކިޔުންތެރިއަކު ފާހަގަކުރައްވާފައިވާ ކަމެކެވެ. އެހެންވެ މިގެނެސްދެނީ އެކަން އޮތްގޮތް އެނގިލައްވާނެ ލިޔުމެކެވެ. ގޮތް ނިންމުން އޮތީ އެމީހެއްގެ އަތްމަތީގައެވެ.
އެކި މުވައްޒިފުންނަށް މުސާރަ ލިބެނީ އެކިވަރަށެވެ. އެއް ބައަކަށް އެމީހުން ކުރަން ބޭނުންވާހައި ކަންކަން ކުރާވަރަށް ލިބުނަސް ގިނަ ބައަކަށް ލިބެނީ ކިރިޔާ ފުދިގެން ދިރިއުޅެލެވޭ ވަރަށެވެ. ނަމަވެސް މަދުން ލިބޭ ގިނަ ބައަކު ޚަރަދުކުރަން ނުވިސްނާ ކަމެއް އެބައޮތެވެ.
އެކަމަކީ އޮފީސްގަޑީގައި ބޭރުން ތަކެތި ގެނެސްގެންނާއި ރެސްޓޯރަންޓްތަކަށް ގޮސް ކައި އުޅުމެވެ. މަދުން ލިބޭ ގިނަ ބައަކުވެސް އެންމެ ގިނައިން ލިބޭ މީހުންނާއިއ އެއްފެންވަރުގައި ރެސްޓޯރަންޓްތަކުން ކައިބޮއިހަދަން ބޭނުންވެއެވެ. އެކަމަށް ޚަރަދުކުރެއެވެ.
ކުރެވިފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި އޮފީސްގަޑީގައި ރެސްޓޯރަންޓްތަކުން ކައިބޮއިހެދުމަށް މުސާރައިގެ ބޮޑު އިންސައްތަ ހޭދަކުރެއެވެ. މަހަކު 10،000 ރުފިޔާ ލިބޭ މީހުންވެސް އޮފީސް ގަޑިގައި ރެސްޓޯރަންޓްތަކުން ކައިބޮއިހެދުމަށް މަހަކު 2000 ރުފިޔާ ހޭދަކުރެއެވެ. އެއީ ލިބޭ މުސާރައިގެ ފަސްބައިކުޅަ އެއްބައެވެ.
އެކުވެރިންނޭވެ! މިއީ ހަމަ ކޮންމެ މުވައްޒިފަކުވެސް ވިސްނާލަންޖެހިފައިވާ ކަމެކެވެ. މިއީ ކުރެވޭ ވަރަށް ބޮޑު އިސްރާފެކެވެ. ކޮންމެ އަނހެނަކުވެސް މިހާރު ކޮނޑުގައި ކުޑަވަރެއްގެ ހޭންޑްލަގެޖެއް އަބަދުވެސް އުފުލައެވެ. އޮފީހަށްދާއިރުވެސް ގެންދެއެވެ. ކައިބޮއި ހަދާނެ ކޮންމެވެސް އެއްޗެއް އެދަބަހުގައި ނުގެންދަންވީ ކީއްވެގެން ހެއްޔެވެ؟
ތަހުޒީބާއި ކުރިއެރުމަކީ ރެސްޓޯރަންޓްތަކުން ކެއުމެއް ނޫނެވެ. ފުދުންތެރި ދިރިއުޅުމެއް އުޅުމެއް އުޅުމެވެ. އަމިއްލަ މަސައްކަތުން އަމިއްލަ ބޭނުންތައް ފުއްދައިގެން އުޅުމެވެ. ކައިވެނިކޮށްގެން ތިބި ފިރިހެނުންނަމަ އަނބިދަރީންގެ ޚަރަދުތައް އަމިއްލައަށް ބެލެހެއްޓުމެވެ. އެކަންކަން ޙާޞިލްނުކުރެވޭނަމަ އެމީހަކު އެވަނީ ބޮޑުތަނުން ފޭލްވެފައެވެ.
- އަލަފް / މިއަދުނޫސް