ކިތަންމެ ކުޑައިރުކޮޅަކަށް ގެއިން ނުކުމެފައި ވަންނައިރުވެސް އަޢޫޛް ނުކިޔައި ނުވަނުމަކީ ވަރަށް ބޮޑަށް ސަމާލުކަންދީގެން ކުރަންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 51ސ
ކިތަންމެ ކުޑައިރުކޮޅަކަށް ގެއިން ނުކުމެފައި ވަންނައިރުވެސް އަޢޫޛް ނުކިޔައި ނުވަނުމަކީ ވަރަށް ބޮޑަށް ސަމާލުކަންދީގެން ކުރަންޖެހޭ ކަމެއް!

ގޭގައި، ޢާއިލާތެރޭގައި ހަމަޖެހުން ނުއޮންނާތީ ގިނަބައަކު ކަންބޮޑުވެއެވެ. ސުވާލަކީ އެކަން ޙައްލުކުރަން ތިބާކުރަނީ ކޮންކަމެއް ހެއްޔެވެ؟ ހަމަޤައިމުވެސް އެއީ ޒުވާބުކޮށް އަރައިރުންވެގެން ކުރެވޭނެ ކަމެއް ނޫނެވެ.  

ޝައިޠޯނާގެ ވާހަކަ ކީރިތި ޤްރުއާނުގެ 88  ތަނެއްގައި ﷲ ތަޢާލާ ވަނީ ބަޔާންކުރައްވަވައިފައެވެ. މިހައި ގިނަ ތަންތަނުގައި ބަޔާން ކުރައްވަވާފައި އެވަނީ ޝައިޠޯނާ އާއިމެދު ހޭލުންތެރިވުމުގެ މުހިންމުކަން ބޮޑުކަމުންނެވެ. ޝައިޠާނާގެ ސަބަބުން ލިބޭނެ ގެއްލުންތަކުގެ ބޮޑުކަމުންނެވެ. ޝައިޠާނާގެ ވަސްވާސްތަކަށް ނުހެއްލި ތިބުމުގެ ބޭނުންތެރިކަން ވެސް ބޮޑުކަމުންނެވެ.  

ޝައިޠޯނާގެ ކިބައިން ސަލާމަތްވުމަށް އަހަރެމެން ގަދައަޅައި މަސައްކަތްކުރަމުއެވެ. ނަމަވެސް ގިނަބައަކު ވަނީ ގެއަށް ޝައިޠޯނާ ވަނަނުދިނުމަށް ކުރެވެން އޮތް ނުހަނު ކުޑަކުޑަކަމެއް ކުރަން ހަނދާންނެތިފައެވެ. އެކަމުގައިވަނީ ވަރަށް ބޮޑަށް އިހްމާލްވެފައެވެ.  

އެގޮތުން ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ގެއިން ނުކުމެފައި ގެއަށް ވަންނަނަމަ އަޢޫޛް ކިޔުމަކީ ގެއަށް ޝައިޠޯނާ ވަނަނުދިނުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަޢޫޛް ނުކިޔައި ގެއަށް ވަނުމަކީ ޝައިޠާނާއަށް ގެއަށް ވަންނަން ދެވޭ ދައުވަތެކެވެ. އެހެންކަމުން އަޢޫޛް ނުކިޔައި ދެންވެސް ކިޔަންހުރި ޛިކުރުތައް ނުކިޔައި ގެއަށް ވަންނަނަމަ ފަހަތުން ޝައިޠާނާ އެގެއަކަށް ވަންނާނެއެވެ.  

މިކަމަށް ސަމާލުކަން ދީގެން ޝައިޠާނާއަށް ދައުވަތު ދައުވަތު ނުދޭ ގޭގެއާއި ދޭ ގޭގޭގެއިގެ  ތަފާތު ފެންނާނެވެ. ޝައިޠާނާއަށް ވަނުމުގެ ފުރުޞަތު ނުދޭ ގޭގޭގައި ޢާންމު މައްސަލަތައް މަދުވާނެއެވެ. ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައްވެސް މަދުވާނެއެވެ. ﷲ ތަޢާލާ މަތިވެރި ކުރުމުގެ ކަންކަން ކުރުން އިތުރުވާނެއެވެ. އެންމެ ކުޑަމިނުން ދަރިންގެ އަޚްލާޤުންވެސް އެތަން ފެންނާނެއެވެ. ދަރިން ކިޔެވުމަށް މަސައްކަތްކުރާ މިންވަރާއި ބަސް އަހާ މިންވަރުންވެސް ތަފާތު ފެންނާނެއެވެ. ދަރިންނަށް ފިލާވަޅު ދަސްވުން ވެސް ފަސޭހަވާނެއެވެ.  

ސަބަބަކީ ފިތުނަ އުފައްދަން ޝައިޠާނާއަށް އެގެއެއްގައި ހަރަކާތްތެރި ނުވެވޭތީއެވެ. ކުދިންނަށް ވަސްވާސް ދިނުންވެސް އެހައި ފަސޭހަ ނުވާތީއެވެ. ގޭގައި ދިރޭތަކެތީގެ ތަޞްވީރުތައް ނުބަހައްޓާށެވެ. ނެރެ ބޭރަށް އުކައިލާށެވެ. އެއްވެސް ބާވަތެއްގެ ބުދުފަދަ ތަކެތި ވެސް ނުބަހައްޓާށެވެ. ނެރެ ބޭރުކޮށްލާށެވެ. ރަޙްމަތުގެ މަލާއިކަތުން އެގެއަކަށް ވަދެވަޑައިގަންނަވާނީ އެކަންކަން ކޮށް އެގެއަކަށް މަލާއިކަތުންނަށް ވަދެވަޑައިގަތުމުގެ ޖާގަ ދިނުމުންނެވެ. ގެއިން ޖާގަ ދޭންވީ ޝައިޠާނުންނަކަށް ނޫނެވެ. މަލާއިކަތުންނަށެވެ.  

ﷲ ތަޢާލާ ވަނީ ކީރިތި ޤޮރުއާނުގައި މިކަން ބަޔާން ކުރައްވަވައިފައެވެ. އީމާންކަން ކުޑަ، އީމާން ނުވާ މީހުންގެ މައްޗަށް ބާރުފޯރުވަން ޝައިޠާނާ އަބަދުވެސް މަސައްކަތްކުރާނެ ކަމެވެ. ޝައިޠާނާ މީސްތަކުން ކޮށްޕައި ﷲ ތަޢާލާގެ މަގުން ދުރުކުރާނެ ކަމެވެ. އެފަދަ މީހުންގެ ކައިރީގައި ޝައިޠާނާ ވަރަށް ބާރުގަދަވާނެ ކަމާއި ނަމަވެސް ފުރިހަމަ މުއްމިނުންގެ ކުރިމަތީގައި ޝައިޠާނާ ވަރަށް ބަލިކަށިވާނެ ކަމެވެ.  

ޝައިޠާނާގެ ލަޝްކަރު އަހަރެމެންނަކަށް ނުފެނެއެވެ. ނަމަވެސް އެ ލަޝްކަރަށް އަހަރެމެން ފެނެއެވެ. އެހެންކަމުން މީސްތަކުންނަށް ހަމަލާދިނުމަކީ (ވަސްވާސްދީ ނުބައިކަންކަން ކުރުވުމަކީ) ޝައިޠާނުންނަށް ކުރަން ވަރަށް ފަސޭހަ ކަމެކެވެ. ނަމަވެސް ފުރިހަމަ ގޮތުގައި ރައްކައުތެރި ކަމުގެ ފިޔަވަޅުތައް ނުއެޅިއްޖެ ނަމަ ޝައިޠާނުންގެ ކިބައިން ރައްކައުތެރިވުމަކީ އަހަރެމެންނަށް ކުރަން އެހައި ފަސޭހަ ކަމެއް ނޫނެވެ. 

ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔަވަން ޖެހެނީ އެހެންވެގެންނެވެ. ހަމަ އެއާއިއެކު ޝައިޠާނާގެ ކިބައިން ސަލާމަތްވުމަށް ކުރަން އޮތް އެންމެ ރަނގަޅު އެއްކަމަކީ އާޔަތުލްކުރުސި ކިޔެވުމެވެ. ގިނަގިނައިން އަޢޫޛް ކިޔައި ޝައިޠާނާގެ ކިބައިން ރައްކައުތެރިކަމަށް އެދުމެވެ.

 

- އިމާމް މާޒިން ޢާދިލުގެ ދަރުސަކުން

 

މިއަދު އޮންލައިން