ގޭގައި ހުންނަ ޓީވީ ބައެއް މީހުން ޝައިޠޯނާގެ ގޮތުގައި ސިފަކޮށް ޓީވީ ކުށްވެރިކުރެއެވެ. އަހުރެންގެ ބަހަކީ އެޓީވީ ޝައިޠޯނަކަށް ހަދަނީ އެގެއްގެ މީހުންނެވެ. އެމީހުން ބޭނުންނަމަ އެއީ ސުވަރުގެ ވަނުމަށް މަގުފަހިކޮށްދޭ ވަށީލަތަކަށްވެސް ހެދޭނެއެވެ. ވީމާ ކުށްވެރިކުރަންވީ ޓީވީއެއް ނޫނެވެ. ޤަބޫލުކުރަންވީ އަހުރެމެންނަށް ކުރެވޭ ކުށެވެ.
މިހާރަކަށް އައިސް ގޭގައި ހުންނަ ޓީވީ ވެފައި މިވަނީ އެގެއަކަށާއި އެގޭގެ އަހުލުވެރިންނަށް އެންމެ ބޮޑަށް ގެއްލުންދޭ އެކައްޗަކަށެވެ. އެހެނީ އެއިން ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކަންކަން ނުވަތަ މަންޒަރުތައް ބެލުމުން ފާފަވެރިވެއެވެ. އަދި އެފަދަ ކަންކަން ކުރަމުންގެންދާއިރު އެގެއަކަށް ރަޙްމަތުގެ މަލާއިތުން ވަދެވަޑައެއް ނުގަންނަވާނެތެވެ.
ނަމަވެސް ހަމައެޓީވީން ގޭގެ އެންމެން ޤުރްއާން އަޑުއަހަން ނުވަތަ ދީނުގެ ވާހަކަތައް (ދަރުސް) އަޑުއަހަން އެއްވެ ތިބޭނަމަ އެކަންވެގެންދާނީ ﷲ ތަޢާލާ މަތިވެރިކުރުމުގެ މަޖިލީހަކަށެވެ. އެފަދަ މަޖިލިސްތަކުގައި ބައިވެރިވުމުން އެބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވަވާނެތެވެ. ދަރުސް އަޑުއެހުން ނޫން ބޭނުމަކު އެފަދަ މަޖިލީހެއްގައި ބައިވެރިވިނަމަވެސްމެއެވެ. އިން ޝާ ﷲ
މީސްތަކުންނޭވެ! ފާފައެއް ކުރުމުން ލިޔުއްވަވާނީ އެންމެ ފާފައެކެވެ. ކޮންމެ ހެޔޮކަމެއް ކުރުމުން މަދުވެގެން 10 ޘަވާބު ދެއްވަވަތެވެ. އަދި ޢަދަދު 700 އަށް ނުވަތަ އެއަށްވުރެވެސް ގިނަކޮށް ދެއްވަވަތެވެ. ޢަދަދު ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ޔަޤީންކުރެވެން އޮތް ކަމަކީ މަދުވެގެން 10 ޘަވާބު ދެއްވަވާނެ ކަމެވެ.
ވުޟޫކުރުމަކީވެސް، ގެއިން ވުޟޫކޮށްގެން ހިނގާފައި ނަމާދަށް ދިއުމަކީވެސް، އަދި ނަމާދުކުރުމަކީވެސް ފާފަފުއްސަވައިދެއްވަވާ ކަންކަމެވެ. މިހުރީ އަހުރެމެންނަށް ކުރެވޭ ފާފަތައް ފުއްސަވައިދެއްވެވުމުގައި ﷲ ތަޢާލާ މިންވަރުކުރައްވަވާފައިވާ ލުއި ގޮތްތަކެވެ.
ވީމާ އަހުރެމެންނަށް އޮތީ ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެން ކުރަންހުރި ހެޔޮ ޢަމަލުތައް ކުރުމެވެ. ހަމައެކަނި މިސްކިތަކު ނޫނެވެ. އަދި މުސައްލަ މައްޗަކު ނޫނެވެ. ޢާންމު ދިރިއުޅުމުގައިވެސްމެއެވެ. ގޭތެރޭގައި ތިބެގެންވެސްމެއެވެ.
އެހެންކަމަށްވާއިރު ރަހްމަތުގެ މަލާއިކަތުން ގެއަށް ވަދެނުގަންނަވާނެ ކަންކަން ކުރަން ހެޔޮވާނީ ކިހިނަކުންހެއްޔެވެ؟ ރަޙްމަތުގެ މަލާއިކަތުން ވަދެވަޑައި ނުގަންނަވާ ގެއަކަށް ރަހްމަތާއި ބަރަކާތް ލެއްވެވުން އެދޭނީވެސް ކިހިނަކުންހެއްޔެވެ؟ ވީމާ މިކަންކަމަށް ވިސްނާށެވެ. އެންމެ ބޮޑަށް ވިސްނަންޖެހޭނެ އެއްކަމަކީ ރަޙްމަތުގެ މަލާއިކަތުން އެގެއަކަށް ވަދެވަޑައިނުގަންނަވާނަމަ އެގެއެއްގައި ޝައިޠޯނާ ބަނޑަހަޖަހައި ހާލިހަދާނެކަމެވެ. އެއިރުން އެގެއެއްގައި އޮންނާނީ މައްސަލަތަކެވެ. ބޭނުންވާ ކަންކަމަށް ދަތިވުމެވެ. ހިތްހަމަނުޖެހުމެވެ. ރުޅިވެރިކަމާއި ފިތުނަވެރިކަމެވެ. އެޙާލަތުން ގެދޮރު ސަލާމަތްކުރުމަކީ އެގެއެއްގައި ދިރިއުޅޭ ބައެއްގެ ކަމެކެވެ.
- މަޢުލޫމާތު: ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން