ދުނިޔެ އާއި އާޚިރަތުގެ ކާމިޔާބުގެ ސިއްރު "ފޯރމިޔުލާ"!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 22ސ
ދުނިޔެ އާއި އާޚިރަތުގެ ކާމިޔާބުގެ ސިއްރު "ފޯރމިޔުލާ"!

ތިރިގައިވާ ލިޔުން ވިސްނުންތެރިކަމާއިއެކު ވިދާޅުވާށެވެ. ސުވަރުގެއާއި ދުރަށް ދެވޭ ސަބަބާއި ނަރަކައާއި ކައިރިވެވެމުންގޮސް ނަރަކައަށް ވަންނަންޖެހޭ ސަބަބު އެނގިގެންދާނެއެވެ. މިއީ ހަމަ ކޮންމެ މުސްލިމަކުވެސް ވިސްނައި ސަމާލުކަންދޭންޖެހޭ ކަމެކެވެ.  

ހަވާނަފްސް އެދޭގޮތަށް ޢަމަލުކުރެވޭ މީހަކަށް އެދެވެނީ ނަރަކައާއި ދިމާއަށެވެ. ސުވަރުގެ ވަދެވެން އޮތީ ހަވާ ނަފްސްގެ އެދުންތަކާއި ދެކޮޅަށް ޖިހާދުކޮށްގެންކަން ތިރީގައިވާ ލިޔުމުން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެއެވެ.

ކާމިޔާބުގެ ސިއްރު 

الحَمْدُ لِلّٰهِ وَالصَّلَاةُ وَالسَّلَامُ عَلَىٰ رَسُولِ اللهِ وَعَلَىٰ آلِهِ وَصَحْبِهِ وَسَلَّمَ 

[ނަފުސު އެދޭހާ ކަންކަމުން ދުރުހެލިވާށެވެ. އަދި ނަފުސު ނޭދުނަސް ރަނގަޅު ކަންކަން ކުރާށެވެ.] އެބަހީ: ޝަހުވަތްތަކާއި ހިތުގެ އެދުންތަކަށް ނޫނެކޭ ބުނެ، ނަފުސު އެ ކަމަށް ނޭދުނުކަމުގައި ވިޔަސް، ދުނިޔެއާއި އާޚިރަތުގެ ހެވަށް ޓަކައި ތިބާ ކުރާންޖެހޭ ކަންކަން ކުރާށެވެ.  

މިއީ ކުރުގޮތަކަށް، ދުނިޔެ އާއި އާޚިރަތުގެ ކާމިޔާބުގެ ސިއްރު 'ފޯރމިއުލާ' ކަމުގައި ބުނެވިދާނެއެވެ. މާތް ﷲގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. [މާތް ﷲ ސުވަރުގެ އާއި ނަރަކަ ހެއްދެވި ހިނދު ޖިބްރީލް عَلَيْهِ السَّلَامْ ސުވަރުގެއަށް ފޮނުއްވެވިއެވެ. އަދި ވަޙީކުރެއްވިއެވެ. [އެ ސުވަރުގެއަށާއި އެ ސުވަރުގޭގެ އަހުލުވެރިންނަށް ތިމަންރަސްކަލާނގެ ތައްޔާރުކުރައްވައިފައި ވާ ކަންތައްތަކަށް ނިކަން ބަލައިބަލާށެވެ. ދެންފަހެ ޖިބްރީލް عَلَيْهِ السَّلَامْ ސުވަރުގެ ބައްލަވައިލެއްވުމަށް ފަހު އެނބުރިވަޑައިގެން ވިދާޅުވިއެވެ.  

[އިބަރަސްކަލާނގެ ޢިއްޒަތް ގަންދީ ދަންނަވަމެވެ. އެ ސުވަރުގޭގެ ވާހަކަ އަޑު އިވުމަށް ފަހު އެ ތަނަށް ވަންނާން ނޭދޭނޭ މީހަކު ނުހުންނާނެއެވެ.] ދެންފަހެ ނަފުސަށް ނުރުހެވޭ (ދަތި އުނދަގޫ) ކަންކަން އެ ސުވަރުގެ ވަށައިގެންލެއްވުމަށް މާތް ﷲ އަމުރުކުރެއްވިއެވެ. އަދި ޖިބްރީލް عَلَيْهِ السَّلَامْއަށް ވަޙީކުރެއްވިއެވެ. [ސުވަރުގެއަށް އެނބުރި ދާށެވެ. އަދި އޭގެ އަހުލުވެރިންނަށް އެ ތާނގެ ވަށައިގެން ލައްވާފައިވާ ކަންކަމަށް ބަލާށެވެ.]

ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. [ޖިބްރީލްގެފާނު ސުވަރުގެއަށް އެނބުރިވަޑައިގެން ބެއްލެވި ހިނދު ދަތި އުނދަގޫ ނުރުހޭ ކަންކަމުން އެ ސުވަރުގެ ވަށައިލެވިގެންވާތީ ދެކެވަޑައިގަތެވެ. އަދި މާތް ﷲގެ ޙަޟްރަތަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. [އިބަރަސްކަލާނގެ ޢިއްޒަތް ގަންދީ ދަންނަވަމެވެ. އެ ސުވަރުގެއަށް ވަންނާނޭ ހަމަ އެކަކު ވެސް ނުހުރެދާނޭ ކަމަށް ތިމަންނާ ބިރުގެންފީމެވެ.]  

މާތް ﷲ ވަޙީކުރެއްވިއެވެ. [ނަރަކަ ބައްލައިލަން ދާށެވެ. އެ ނަރަކަ އަށާއި އެނަރަކައިގެ އަހުލުވެރިންނަށް އެތަނުގައި ތިމަންރަސްކަލާނގެ ތައްޔާރުކުރައްވައިފައި ވާ ކަންތައްތަކަށް ނިކަން ބައްލާށެވެ.] އެ ހިނދު އެ ނަރަކަ އެއްބައި އަނެއްބައިގެ މައްޗަށް އުތުރިއަރައިގަންނާތީ ދެކެވަޑައިގަތެވެ. އަދި މާތް ﷲގެ ޙަޟްރަތަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. [އިބަރަސްކަލާނގެ ޢިއްޒަތް ގަންދީ ދަންނަވަމެވެ. އެ ނަރަކައިގެ ވާހަކަ އަޑު އިވުމަށް ފަހު އެ ނަރަކައަށް ވަންނާނޭ ހަމަ އެކަކު ވެސް ނުހުންނާނެއެވެ.] ދެންފަހެ ޝަހުވަތްތަކުން ނަރަކަ ވަށައިލެއްވުމަށް މާތް ﷲ އަމުރުކުރެއްވިއެވެ. އަދި އެނބުރި ގޮސް އެ ނަރަކަ  ބެލުމަށް ޖިބްރީލް عَلَيْهِ السَّلَامْއަށް މާތް ﷲ އަމުރުކުރެއްވިއެވެ. ދެންފަހެ ޖިބްރީލްގެފާނު ނަރަކަ ބައްލަވައި އެނބުރިވަޑައިގެން ވިދާޅުވިއެވެ. [އިބަރަސްކަލާނގެ ޢިއްޒަތް ގަންދީ ދަންނަވަމެވެ. އެ ނަރަކައަށް ނުވަދެ ސަލާމަތް ވާނެ ހަމަ އެކަކު ވެސް ނުހުރެދާނޭ ކަމަށް ތިމަންނާ ބިރުގެންފީމެވެ.] (جامع الترمذي 2560( 

މި ޙަދީޘުން ދަސްކޮށްދެނީ ދުނިޔޭގެ މި ޙަޔާތުގެ ޙަޤީޤަތެވެ. ދުނިޔަވީ ކާމިޔާބު ހޯދުމުގައި އުނދަގޫތަކާއި ހުރަސްތައް ކަޑައްތުކުރުމަށް ފަހު މާލީ އަދި ދުނިޔަވީ ކާމިޔާބުތަކަށް ވާޞިލުވާ މީހުން އުޅޭކަން އަހަރެމެން ދަންނަމުއެވެ. ފަޤީރު ފެށުމަކުން މުއްސަނދި ނިމުމަކަށް ވާޞިލުވާ މީހުން އަހަރެމެން ދެކެމެވެ. އުޚުރަވީ ހަޔާތުގެ ކާމިޔާބު ހޯދުމަށް މި އުނދަގޫތައް ކަޑައްތުކުރުން މާ އަޢުލާ ނޫންތޯއެވެ؟ ކަށިކުނބުރު ޖަންގަލިތަކާއި ހަނަފަސް ސަހަރާތަކާއި ފުން ކަނޑުތައް ކަޑައްތުކޮށްފައި މެނުވީ އަހަރެމެން ބޭނުންވާ މަންޒިލްތަކަށް ވާޞިލްނުވެވޭނެއެވެ.

 

- "ދީނުގެ މަގު"

މިއަދު އޮންލައިން