އަހުރެމެންގެ ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ގިނަ ފަހަރު މިސްކިތުގެ ޖަމާއަތަށް ދެވެނީ މަސައްކަތުގައި އުޅެމުންނެވެ. ޚާއްޞަކޮށް ދުވާލުގެ ނަމާދުތަކަށް މިދެވެނީ މަސައްކަތުގެ ވަޤުތުގައިކަމަށްވާތީއެވެ. އެހެންކަމުން ކޮންމެވެސް ހުވަނދެއް އުނގުޅައިނުލިނަމަ ގައިން ދައުވަސްދުވުމަކީ މެދުވެރިވާ ކަމެކެވެ. އެހެންވެ ގިނަ ބައަކު މިސްކިތަށް އަރަމުން ނުވަތަ ނަމާދަށް ހުއްޓިފައި ހުވަނދުލައެވެ.
މިސްކިތަށް ދާން އޮތީ ނުވަތަ ނަމާދުކުރަންވީ ޒީނަތްތެރިވެހުރެގެންނެވެ. އެހެނީ އެއީ އެންމެ މުހިންމު ބައްދަލުވުމެވެ. އެއީ ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓި ހުންނަ ހުރުމަކަށްވާތީއެވެ. ވީމާ ރިވެތި ފޭރާންލައި ޒީނާތްތެރިވާންޖެހޭނެއެވެ. ލިބެންހުރިނަމަ ހުވަނދުލައި ގައިން މީރުވަސް ދުއްވަންވާނެއެވެ.
މިސްކިތަށް ދާން ވުމުން ގިނަ ބައަކު އަތަރުލައެވެ. ނަމަވެސް ވިސްނައިލަން ޖެހޭނެ ކަމެއް އެބައޮތެވެ. އެމީހާއަށް ކިތަންމެ މީރުވަސް ދުވާ އަތަރެއް ނަމަވެސް އެހައި ގިނައިން ބޭނުން ނުކުރާށެވެ! އެހެނީ މިސްކިތުގައި ޖެހިގެން ހުންނަ މީހާއަށް އެ އަތަރަކީ މީރުވަސް ދުވާ އަތަރަކަށް ނުވެދާނެއެވެ. އެކަމުން އެމީހާއަށް އުނދަގޫތަކެއް ވެދާނެތީއެވެ.
- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން