ފަށްކުރުމެއް!: އެނގުން މުހިންމު ބައިތަކާއެކު ނޫޙުގެފާނު ވާހަކަ 19: ދަރިދަރިކަލުން

ކިޔުމަށް ހޭދަވާނީ 3މ 12ސ
ފަށްކުރުމެއް!: އެނގުން މުހިންމު ބައިތަކާއެކު ނޫޙުގެފާނު ވާހަކަ 19: ދަރިދަރިކަލުން

ޢަލީ އިޙްޞާން ފިރާޤް

 

ދަރިދަރިކަލުން:

 

ޠޫފާނަށްފަހު، ދުނިޔެއަށް އައި މީހުން އައިސްފައިވަނީ، نوح عليه السّلام ގެ ދަރިދަރިކަލުންގެ ނަސްލުންނެވެ. ޢަބްދު ބިން ޢައްބާސް ރަޟިޔަ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. "ޠޫފާނަށްފަހު އުފަންވި ހުރިހާ އެންމެން އައިސްފައިވަނީ، ނޫޙޫގެފާނުގެ ނަސަބުފުޅުންނެވެ. އެހެން އެންމެން ދަރިފަސްކޮޅެއްނެތި މަރުވެގެން ދިޔައީއެވެ."{ތަފްސީރު އިބްނު ކަޘީރު އިނގިރޭސި ތަރުޖަމާ، އަށްވަނަ ޖިލްދު، ޞަފްޙާ 260}  

މިދެންނެވުނު ރިވާޔަތަށް ކީރިތި ޤުރްއާނުގެ އައްޞާފާތު ސޫރަތުގެ 77 ވަނަ އާޔަތުން ދަލީލު ލިބެއެވެ. އެ އާޔަތުގައި މާތްވަޙީ ކުރައްވައިފައިވެއެވެ.  

وَجَعَلْنَا ذُرِّيَّتَهُ هُمُ الْبَاقِينَ ﴿٧٧

މާނައީ: [އަދި ދެންތިބި ބަޔަކީ، އެކަލޭގެފާނުގެ ދަރިކޮޅުކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ.] 

އިމާމު ތިރްމިޛީއާއި، އިބްނު އަބީޙާތިމާއި، އިބްނު ޖަރީރު، ސަމުރަތު ބުނު ޖުންދުބު ރަޟިޔަޢަންހުގެ އަރިހުން ރިވާ ކުރައްވައިފައިވެއެވެ. (وَجَعَلْنَا ذُرِّيَّتَهُ هُمُ الْبَاقِينَ ﴿٧٧މާނައީ: [އަދި ދެންތިބި ބަޔަކީ، އެކަލޭގެފާނުގެ ދަރިކޮޅުކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ.]) މި އާޔަތުގެ ތަފްސީރާ ބެހޭގޮތުން މާތް ނަބިއްޔާ ޙަދީޘް ކުރައްވައިފައިވެއެވެ. [އެއީ، ސާމު އާއި، ޔާފިޘު އާއި، ޙާމުއެވެ.] { الألباني (ت ١٤٢٠)، ضعيف الترمذي ٣٢٣٠ إسناده ضعيف} 

އަދިވެސް ތިރުމިޛީގައިވާ އެހެން ރިވާޔަތެއްގައިވެއެވެ. ސަމުރަތު ބުނު ޖުންދުބު ރަޟިޔަޢަންހު ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ محمّد صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. 

سامٌ أبو العَربِ، ويافثُ أبو الرُّومِ، وحامٌ أبو الحبَشِ }الألباني (ت ١٤٢٠)، ضعيف الترمذي ٣٩٣١ ضعيف}

މާނައީ: ]ސާމަކީ ޢަރަބީންގެ ބައްޕައެވެ. (އެބަހީ: ޢަރަބީން އައިސްފައިވަނީ ސާމުގެ ދަރިފަސްކޮޅުންނެވެ.) ރޫމީންގެ ބައްޕައަކީ ޔާފިޘެވެ. (އެބަހީ: ރޫމީން އައިސްފައިވަނީ ޔާފިޘުގެ ދަރިފަސްކޮޅުންނެވެ.) ޙަބަޝީންގެ ބައްޕައަކީ ޙާމެވެ. (އެބަހީ: ޙަބަޝީން އައިސްފައިވަނީ، ޙާމުގެ ދަރިފަސްކޮޅުންނެވެ.)] 

މިދެންނެވި ދެ ޙަދީޘަކީ ޟަޢީފު ދެ ޙަދީޘެވެ. ނަމަވެސް ތޫފާނަށްފަހު ދެން އައި މީސްތަކުން އައިސްފައިވަނީ ނޫޙުގެފާނުގެ ނަސަބުފުޅުންކަމުގައި ކީރިތި ޤުރްއާނުގެ އައްޞާއްފާތު ސޫރަތުގެ 77 ވަނަ އާޔަތުން ދޭހަވެއެވެ.

އަރަހުށި މާތް ، نوح عليه السّلام އަށް ޞަލަވާތާއި ސަލާމްލައްވާށިއެވެ.!އާމީން!

 

 

މިއަދު އޮންލައިން