އެކުގަ އުޅެވޭނެ ގޮތެއް ނެތިޖެނަމަ ދެމީހުން ވަކިވުމަކީ ކުށެއްނޫން! އެކަމަކު ބޭވަފާތެރިވެ ފާފަކުރުމާ އުފުލަން ޖެހޭ ޒިންމާ ނުއުފުލުމަކީވެސް ކުރެވޭ ފާފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
އެކުގަ އުޅެވޭނެ ގޮތެއް ނެތިޖެނަމަ ދެމީހުން ވަކިވުމަކީ ކުށެއްނޫން! އެކަމަކު ބޭވަފާތެރިވެ ފާފަކުރުމާ އުފުލަން ޖެހޭ ޒިންމާ ނުއުފުލުމަކީވެސް ކުރެވޭ ފާފަ!

ކައިވެނި ރޫޅާލުން (ވަރިކުރުމާ ވަރިވުން) އެއީ ދެން އެހެން އެއްވެސް ގޮތެއް ނެތިގެން ނޫނީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އެހެން ގޮތެއް ނެތުނީއެވެ. ހުރި މައްސަލަތައް ޙަލުނުކުރެވެނީއެވެ. އެކުގައި ކުރިއަށް ދެވޭނެ މަގެއް ނުފެނުނީއެވެ. އެޙާލަތުގައިވެސް ޢަމަލުކުރަންވާނީ ޒިންމާދާރުކަމާއިއެކުގައެވެ. ފާފަވެރިނުވާނެ ގޮތަށެވެ.  

އަހުރެން މިވާހަކަ މިދައްކަނީ އަނބިންނަކަށް ނުވަތަ ފިރިންނަކަށް ނޫނެވެ. ދެބައިމީހުންނަށެވެ. ފިރިންނަށާއި އަނބިންނަށެވެ.  

ދެމީހުންގެ މެދުގައި ކިތަންމެ ބޮޑު މައްސަލަތަކެއް ޖެހުނަސް އަދި ކިތަންމެ ގިނައިން މައްސަލަ ޖެހުނަސް އެކަކު އަނެކަކަށް މަކަރުހެދުމެއް ނެތެވެ. ބޭވަފާތެރިވުމެއް ނެތެވެ. ޚާއްޞަކޮށް ބަދަލު ހިފުމުގެ ގޮތުން ނަމަވެސް އެއްވެސް ފާފައެއް ކުރުމެއް ނެތެވެ.  

ސަބަބަކީ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމެއް ކުރުން ހުއްދަވާނެ ސަބަބެއް ނެތެވެ. މާނައަކީ ފާފަކުރުން ހުއްދަވާނެ އެއްވެސް ސަބަބެއް ނުއޮންނާނެއެވެ. އެމީހަކުކުރާ ކޮންމެ ކަމެއް އެމީހެއްގެ ފަތުގައި ލިޔުއްވަވާނެތެވެ. ކޮންމެ ހެޔޮކަމެއްވެސް އަދި ނުބައިކަމެއްވެސް ލިޔުއްވަވާނެތެވެ. އެ ޢަމަލެއް މީޒާނުގައި ކިރުއްވަވާނެތެވެ.  

ވީމާ ބައިވެރިޔާގެ ކިބައިން ބަދަލުހިފަން ނަމަވެސް ފާފައެއް ކޮށްފިނަމަ އެމީހަކު ފާފަވެރިވާނެއެވެ. އެކަމުގެ ޒިންމާ އުފުލަން ޖެހޭނެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެއެވެ.   

ދެމަފިރިންގެ މެދުގައި މައްސަލަތައް ގިނަވެ އެކުގައި އުޅެވެން ނެތިއްޖެ ޙާލުގައި އޮތީ ރިވެތި ގޮތުގައި ދެމީހުން ވަކިވުމެވެ. ވަރިކުރުމެވެ. އަދި ވަރިވުމެވެ. އެކަމަކުން އެއްވެސް ކުށެއް ނެތެވެ. ފިރިހެނުންނަށް އޮތީ ވަރިކޮށްފިނަމަ ޢިއްދައިގެ ޚަރަދު ދިނުމާއި ދަރިން ބޮޑެތިވެ އަމިއްލައަށް އުޅެވެންފަށަންދެން ކުރަންޖެހޭ ޚަރަދުތައް ކުރުމެވެ. މަންމަ ގާތުގައި ދަރިން ތިބިނަމަވެސް ދަރިންގެ ކަންކަން  ބަލަހައްޓައި ތަރުބިއްޔަތުކުރުމެވެ. އެކުގައި އުޅެވެން ނެތިގެން ވަރިކުރުމުން ފާފަވެރި ނުވިނަމަވެސް އަދާކުރަންޖެހޭ ޒިންމާ އަދާނުކޮށްފިނަމަ ފާފަވެރިވާނެއެވެ.

އެކުގައި އުޅެވޭނެ ގޮތެއް ނެތިއްޖެނަމަ ވަރިވުމަކީ އަނބިންގެ މައްޗަށް އޮތް ކުށެއް ނޫންނަމަވެސް ދަރިން ބެލުމާއި ޙަވާލުވެއްޖެނަމަ އަމާނާތްތެރިކަމާއިއެކު އެކަންކުރަންޖެހޭނެއެވެ. ދެވަނަ ކައިވެނި ކުރިނަމަވެސް ކުރިން ލިބިފައި ތިބި ދަރިންނަށް އިހްމާލްވާނަމަ ފާފަވެރިވާނެއެވެ. އަދި ދަރިން އެކަނި ދޫކޮށްލާފައި ބޭކާރުގޮތުގައި ގެއިން ބޭރުގައި ވަޤުތުތައް ހޭދަކުރުމަކީވެސް ފާފަވެރިވާނެ ކަމެކެވެ.  

އެހެނީ ކޮންމެ ކުއްޖަކީވެސް ހުރިހާ ވަޤުތުތަކެއްގައިވެސް އަޅައިލުން ބޭނުންވާނެ ކުއްޖެކެވެ. އެކަނި ގޭގައި ތިބެންޖެހުމަކީ ނުރަނގަޅު މަގުން ދިއުމަށް ދަރިންނަށް މަގުފަހިވާނެ ކަމެކެވެ. ޚާއްޞަކޮށް ފޯނާއި އިންޓަރނެޓް ލިބޭނަމަ މަގުފުރެގިގެންދާން ފަސޭހަވެގެންދެއެވެ. ވީމާ މިއީ ބެލެނިވެރިކަން އުފުލާ މީހަކު ﷲ ތަޢާލާގެ ޙަޟްރަތުގައި ޒިންމާވާންޖެހޭނެ ކަންކަމެވެ. ޖަވާބުދާރީވާންޖެހޭނެ ކަންކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

މިއަދު އޮންލައިން