އަހަރެމެންގެ ލޮބުވެތި ރަސޫލާ ﷺ ގެ ސީރަތުގައި އެއިން އަހަރެމެން ޢިބުރަތް ހާސިލުކުރާން ޖެހޭ ގިނަގުނަ ޙާދިސާތަކަކާއި ކަންތައްތަކެއް ވެއެވެ. މާތް الله ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، އެއުރެންގެ ވާހަކަތަކުގައި، ބުއްދީގެ އަހުލުވެރީންނަށް އިބުރަތެއް ވާކަން ކަށަވަރެވެ." މާތްالله އަހަރެމެންގެ ލޮބުވެތި ރަސޫލާ ﷺ އަށް ގިނަގުނަ ނިޢުމަތްތަކަކާއި މުޢުޖިޒާތް ދެއްވިއެވެ. އެކަލޭގެފާނަށް ދެއްވި މުޢުޖިޒާތްތަކުގެ ތެރޭގައި އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅު ހިމެނެއެވެ. މި ދަތުރުފުޅަކީ ބޮޑުވެގެންވާ މުޢުޖިޒާތެކެވެ. އެއީ އެ ކަމުގައި ޢިބުރަތްތަކާއި އިމްތިޙާނުކުރެއްވުންތައް ހިމެނޭ މަތިވެރި ޙާދިސާއެކެވެ.
މި ދުވަސްވަރަކީ މި މަތިވެރި ޙާދިސާގެ ހަނދާންތައް އަހަރެމެންގެ ހިތްމައްޗަށް އައިސްފައިވާ ދުވަސްވަރެވެ. މި ޒިކުރާއަކީ ކީރިތި ރަސޫލާ ﷺ ގެ ވަސްމީރު ސީރަތު އުނގެނި ދިރާސާކޮށް، އީމާންކަމާއި އަޚުވަންތަކަން ވަރުގަދަކޮށް ހަރުދަނާކުރާން ޢަޒުމުކަނޑައަޅާންވީ ވަގުތެކެވެ. މި ޙާދިސާއަކީ މާތްالله ކީރިތި ރަސޫލާ ﷺ އަށް ދެއްވެވި މުޢުޖިޒާތެކެވެ. މުސްލިމުންނަށް ކުރިމަތިކުރެއްވި ބޮޑު އިމްތިޙާނެކެވެ.
މުސްލިމުންގެ ތެރޭގައި މި ޙާދިސާ ހިނގިކަމަށް މަޝްހޫރުވެފައިވަނީ ރަޖަބުމަހުގެ ހަތާވީސް ވިލޭރޭގައެވެ. އިސްރާގެ ހާދިސާ ހިނގައިފައިވާކަން ކީރިތި ޤުރްއާނުގެ ނައްޞުން ސާބިތުވެއެވެ. މާތް الله ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. "އެކަލާނގެ ހުސް ޠާހިރުވަންތަކަމާއެވެ! އެކަލާނގެއީ، އަލްމަސްޖިދުލްޙަރާމުން، އަލްމަސްޖިދުލްއަޤްޞާއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ ބަރަކާތްލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށް ޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވައިވޮޑިގެންވާ، މޮޅަށް ބައްލަވައިވޮޑިގެންވާ ރަސްކަލާނގެއެވެ."
މިޢުރާޖުގެ ވާހަކައަށް އިޝާރަތް ކުރައްވައި މާތް الله ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. "ދެން (الله) އެކަލާނގެ އަޅާއަށް ވަޙީކުރެއްވި އެއްޗެއް ވަޙީކުރެއްވިއެވެ. އެކަލޭގެފާނު ދެކެވަޑައިގެންނެވި ކަންތަކާ މެދު (އެކަލޭގެފާނުންގެ) ހިތްޕުޅު އިންކާރެއްނުކުރައްވަތެވެ. އެކަލޭގެފާނު ދެކެވަޑައިގަންނަވާ ކަންތަކާ މެދު، ތިޔަބައިމީހުން އެކަލޭގެފާނާ ޖަދަލުކުރަނީހެއްޔެވެ؟ ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: މުޙައްމަދުގެފާނު) އެހެން ފަހަރަކު ވެސް އެ މަލާއިކަތާ ދެކެވަޑައިގަތްކަން ކަށަވަރެވެ. ސިދުރަތުލްމުންތަހާގެ ކައިރީންނެވެ. އެ ތާނގެ ކައިރީގައި ޖަންނަތުލްމައުވާ ވެއެވެ. ސިދުރަތުލްމުންތަހާ ފޮރުވައިލި (ފުރިހަމަ) ކަމެއް އައިސް ފޮރުވައިލި ހިނދުގައެވެ. އެކަލޭގެފާނުގެ ލޯފުޅު އެކި ފަރާތްފަރާތަކަށް ނުދެއެވެ. އަދި ދެކެވަޑައިގަތުމަށް ކަނޑައަޅުއްވައިފައިވާ ތަން ފަހަނަޅައި ވެސް ނުމެދޭމެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް، އެކަލޭގެފާނު ދެކެވަޑައިގަތްކަން ކަށަވަރެވެ." މީގެ އިތުރަށް ކީރިތި ރަސޫލާ ﷺ ގެ ޞައްޙަ ޙަދީޘްފުޅުތަކުން އިސްރާއާއި މިޢުރާޖުގެ ޙާދިސާ ހިނގައިފައިވާކަން ކަށަވަރުވެ ޔަޤީންވެއެވެ.
ކީރިތި ރަސޫލާ ﷺ ގެ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅަކީ އެކަލޭގެފާނު އިސްލާމީ ދަޢުވަތު ދެއްވުމުގައި އުފުއްލަވަމުން ގެންދެވި ބުރަތަކަށާއި އެ ކަމަށް ޓަކައި ތަޙައްމަލުކުރެއްވި ދަތިތަކަށާއި، ކެތްތެރިވެވަޑައިގަތް ކެތްތެރިވެވަޑައިގަތުމަށް މާތްالله ދެއްވެވި މަތިވެރި އިނާމެކެވެ. އެއީ އެކަލޭގެފާނުގެ ނިޔަނެތި އަދި މަދަދުވެރި އަނބިކަނބަލުން ޚަދީޖަތުގެފާނާއި އެކަލޭގެފާނަށް ޙިމާޔަތްދެއްވުމުގައި ހުންނެވި ލޮބުވެތި ބޮޑުބޭބޭފުޅު އަވަހާރަވުމުގެ ސަބަބުން ލިބިވަޑައިގަތް ހިތާމައަށް ދެއްވެވި ތަސައްލީއެކެވެ. މި ޙާދިސާއިން އެނގެނީ ކޮންމެ އުނދަގޫކަމަކާ އެކު ފަސޭހަކަމެއް ވާނޭކަމެވެ. اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟުރަތުން ވާތްގާއި މަދަދު ހޯދާ މީހާ ނާއުންމީދުވާން ނުޖެހޭނޭކަމެވެ. އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުން ލިބިގަންނާން ޖެހޭ ޢިބުރަތްތަކުގެ ތެރޭގައި، ހިތުގެ ޠާހިރުކަމާއި، ސަލާމަތްތެރިކަމާއި، އީމާންކަމުން ފުރިގެންވުމުގެ މުހިންމުކަން ވެއެވެ. އެއްވެސް ކަމަކާ ކުރިމަތިލާން ވާނީ ސަލާމަތް ހިތަކާއި ފުރިހަމަ އީމާންކަމާ އެކުގައެވެ.
އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުން ނަބިއްޔާ ﷺ ގެ މާތްކަމާއި ނަބީބޭކަލުންގެ އަރިހުގައި އެކަލޭގެފާނުގެ މަޤާމުގެ މަތިވެރިކަން ހާމަވިއެވެ. އެކަލޭގެފާނު ހުރިހައި ނަބީބޭކަލުންގެ އިމާމަކަށްވެވަޑައިގެން، ބައިތުލްމަޤްދިސުގައި ނަމާދުފުޅުކުރެއްވުމުންނެވެ. މާތް ނަބިއްޔާ ﷺ މައްކާގެ ޤުރައިޝުންނަށް އިސްރާގެ ދަތުރުފުޅާބެހޭގޮތުން ބަޔާންކޮށްދެއްވަމުން ޙަދީޘްކުރެއްވިއެވެ. (فَحَانَتِ الصَّلَاةُ، فَأَمَـمْتُهُمْ)[4] މާނައީ: "ދެން ނަމާދު ވަޤުތު ޖެހުމުން، ތިމަންކަލޭގެފާނު ނަބީބޭކަލުންގެ އިމާމަކަށްވެވަޑައިގެން ނަމާދުކުރެއްވީމެވެ."
އިސްރާއަކީ މި ބިންމަތީގައި ހިނގި ހާދިސާއެކެވެ. ރޭގަނޑުން ބައެއްގައި މާތް الله މާތްކުރައްވައިފައިވާ މައްކާގެ އަލްމަސްޖިދުލްޙަރާމުން އަލްމަސްޖިދުލްއަޤްޞާއަށް ކުރެއްވި ދަތުރުފުޅެވެ. މިޢުރާޖުގެ ދަތުރުފުޅަކީ ބައިތުލް މަޤްދިސުން ފެށިގެން މަތިވެރިވެގެންވާ އުޑުތަކަށް އަދި އެއަށް ފަހު ސިދުރަތުލްމުންތަހާއަށް ކުރެއްވި ދަތުރުފުޅެވެ. މި ދަތުރުފުޅު ނިމުނު ހިސާބު ދެނެވޮޑިގެންވަނީ ހުރިހައި ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ، އެއްވެސް ކަމެއް ވަންހަނާވެގެންނުވާ اللهُ سُبْحَانَهُ وَتَعَالَى އެވެ. ކީރިތި ރަސޫލާ ﷺ ، ކުރީން ވެސް އަދި ފަހުން ވެސް، އެއްވެސް މީހަކަށް ވާޞިލު ނުވެވޭނޭ މަތިވެރި މަޤާމަކަށް މި ދަތުރުފުޅުގައި ވާޞިލުވެވަޑައިގަތެވެ.
ކީރިތި ރަސޫލާ ﷺ އަށާއި އުންމަތަށް މިޢުރާޖުގެ ދަތުރުފުޅުގައި މާތްالله ދެއްވެވި އެންމެ ބޮޑު ނިޢުމަތަކީ ފަރުޟު ފަސް ނަމާދެވެ. އެއީ އެއްވެސް މެދުވެރިއަކާ ނުލައި، ރަސޫލާ ﷺ ގެ މައްޗަށާއި އެކަލޭގެފާނުގެ އުންމަތުގެ މައްޗަށް ފަރުޟުކުރެއްވި އަޅުކަމެކެވެ. މިހެންވެ، ނަމާދަކީ މުސްލިމުންގެ މިޢުރާޖުކަމަށް ޢިލްމުވެރީން ވިދާޅުވެއެވެ. މާތް الله ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. "މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެ ތިބޭ މީހުންނެވެ."
ޙަޤީޤީ އެކުވެރީންނާއި ރަޙުމަތްތެރީން އެނގޭނީ ކުރިމަތިވާ ބޮޑެތި ކަންތައްތަކުންނެވެ. ކީރިތި ރަސޫލާ ﷺ ، އިސްރާއާއި މިޢުރާޖުގެ ވާހަކަފުޅުތައް މައްކާގެ އަހުލުވެރީންގެ ގާތުގައި ދެއްކެވުމުން، އެކަލޭގެފާނު ދޮގުކުރުމުގައްޔާއި، މުއުމިނުންގެ ހިތްތަކުގައި އެކަލޭގެފާނާ މެދު ޝައްކު އުފެއްދުމަށް، މުޝްރިކުން އަވަސްވެގަތެވެ. މި ނާޒުކު ދަނޑިވަޅުގައި، އެއްވެސް ޖެހިލުންވުމަކާނުލައި، ސާބިތުކަމާއެކު އެކަލޭގެފާނުގެ ބަސްފުޅުތައް ތެދުކުރެއްވި ބޭކަލަކީ އަބޫބަކުރުގެފާނެވެ. އެކަމުގެ ސަބަބުން އެކަލޭގެފާނަށް އައްޞިއްދީޤުގެ ލަޤަބު ލިބިވަޑައިގަތެވެ.
އިސްރާއާއި މިޢުރާޖުން ކަށަވަރުވާ އަނެއް ކަމަކީ، އިންސާނާ ކުރާ ކޮންމެ ހެޔޮ ކަމަކަށް މާތްالله މަތިވެރި ސަވާބާއި ދަރުމަ ދެއްވާނޭކަމެވެ. އޭނާގެ ދޫ ރައްކާތެރިކޮށް، الله ގެ މަތީން ހަނދުމަކުރުމުގައި ދެމިހުންނަ މީހާއަށް ގިނަގުނަ ސަވާބު ދެއްވާނޭކަމެވެ. ރަސޫލު الله ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (لَقِيْتُ إِبْرَاهِيْمَ لَيْلَةَ أُسْرِيَ بِيْ فَقَالَ: يَا مُحَمَّدُ أَقْرِئْ أُمَّتَكَ مِنِّي السَّلَامَ، وَأَخْبِرْهُمْ أَنَّ الْـجَنَّةَ طَيِّبَةُ التُّرْبَةِ عَذْبَةُ الْمَاءِ، وَأَنَّـهَا قِيْعَانٌ، وَأَنَّ غِرَاسَهَا: سُبْحَانَ اللهِ، وَالْحَمْدُ لِلَّهِ، وَلَا إِلَـٰهَ إِلَّا اللهُ، وَاللهُ أَكْبَرُ)[6]
މާނައީ: "ތިމަންކަލޭގެފާނު އިސްރާކުރެއްވުނު ރޭގައި އިބުރާހީމުގެފާނާ ބައްދަލުވެވަޑައިގަތެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. އޭ މުޙައްމަދުގެފާނެވެ! ތިމަންކަލޭގެފާނުގެ ފަރާތްޕުޅުން ކަލޭގެފާނުގެ އުންމަތުގެ މީހުންނަށް، ތިމަންކަލޭގެފާނުގެ ސަލާމް ވިދާޅުވެދެއްވާށެވެ! އަދި އެބައިމީހުންނަށް ޚަބަރު ދެއްވާށެވެ! ހަމަކަށަވަރުން ސުވަރުގެއަކީ، ފަސްގަނޑު ރަނގަޅު ފެން މީރު ތަނެކެވެ. އެއީ ފެންހަރުލައިހުންނަ ރަނގަޅު ދަނޑުބިމެކެވެ. އެތާނގެ ގަސްގަހާގެއްސަކީ: سُبْحَانَ اللهِ وَالْحَمْدُ لِلَّهِ وَلَا إِلَـٰهَ إِلَّا اللهُ، وَاللهُ أَكْبَرُ މި ޒިކުރެވެ." މި ބަސްފުޅުގެ މުރާދަކީ މި ކަލިމަފުޅުތައް ކިޔާމީހަކަށް ޓަކައި ސުވަރުގޭގައި ގަސްގަހާގެހި އިންދައިދެއްވޭ ހުއްޓެވެ.