މިއަދުގެ ޙާލަތަށް ބަލައިފިނަމަ އެކި ގޮތްގޮތުން އަނިޔާ ލިބގެމުންދާ މުސްލިމުން ވަރަށް ގިނައެވެ. އެކަންކަން ހިނގަނީ ތިމާއާއި ކިތަންމެ ދުރުގައިނަމަވެސް އަހުރެމެން ކޮންމެ މީހަކަށްވެސް އެމީހުންނަށް އެހީތެރިވެދީ އަދި އިސްލާމް ދީން މަތިވެރިކޮށް އެކަމުގެ ޘަވާބު ހޯދެން މިއަދު އެބައޮތެވެ.
މިކަމަށް އޮތް އެންމެ ފަހި ފުރުޞަތު ހޯދެން އޮތީ ސޯޝަލް މީޑިއާއިންނެވެ. ސޯޝަލްމީޑިއާގެ ބޭނުން ހެޔޮގޮތުގައި ހިފައިފި މީހަކަށް އެއީ ބުރަކަމެއް ނޫނެވެ. އެކަމަކީ ބުރަކަމެއް ކަމަށް ނުދެކި ޙަރަކާތްތެރިވާންވީއެވެ.
ޣައްޒާގެ މައްސަލައިގެ ކުރީކޮޅު ގިނަ ބައަކު އެމީހުންގެ ދިފާޢުގައި މަސައްކަތްކުރިއެވެ. ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ އަނިޔާވެރިކަން ދިގުލައިދިއުމުން ގިނަ ބައަކު މިހާރުވަނީ އެކަމަށް ސަމާލުކަން ކުޑަކޮށްފައެވެ. އެއީ އެއްވެސް ޙާލެއްގައި އެކަން ކުރަން އޮތްގޮތެއް ނޫނެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
އަޅުގަނޑުމެން ފަދަ މުސްލިމް އަޚުންނާއި އުޚްތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަޙައްމަލް ކުރަމުންގެންދާ ދަތި އުނދަގޫތަކަކީ އަޅުގަނޑުމެން އެންމެން ވެސް އެކަމާ ނުހަނު ހިތާމަ ކުރާ ކަންކަމެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ހަދީޘް ކުރައްވައިފައި ވާ ފަދައިން މުސްލިމުންނަކީ އެއް ހަށިގަނޑެކެވެ. އެ ހަށިގަނޑުގެ ގުނަވަނަކަށް ތަދުވާ ނަމަ މުޅި ހަށިގަނޑަށް އޭގެ އުނދަގޫ ފޯރައެވެ.
ޣައްޒާގެ މުސްލިމުން މިއަދުވެސް ތަޙައްމަލްކުރަމުން ގެންދާ ވޭން އަޅުގަނޑުމެންގެ ހިތްތައް ކުދިކުދި ކުރެއެވެ. އެ މީހުން ކުރަންޖެހިފައިވާ ޖިހާދުގައި ބައިވެރިވުމަކީ އަޅުގަނޑުމެން ނުހަނު އެދޭ ކަމެކެވެ. ކިތަންމެ ދުރުގައި ތިބި ކަމުގައި ވިޔަސް މި ޒަމާނުގައި އެ ފުރުޞަތު ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންނަށް ލިބިފައި އެބައޮތެވެ.
އާދެ! އެއީ މީސްމީޑިއާގައި ކުރާ ހަނގުރާމައިގައި ބައިވެރިވުމެވެ. މަޢުލޫމާތު ހާމަކުރުމެވެ. މުސްލިމުންގެ ނެރެޓިވް ދުނިޔޭގައި ފެތުރުމެވެ. ހުޅަނގުގެ ދޮގުތައް ބޭޒާރުކުރުމެވެ. މި ހަނގުރާމައިގައި އަޅުގަނޑުމެންގެ ޒުވާން ޖީލު ދައްކަމުންދާ ހިތްވަރާއި ޖޯޝަކީ ފާހަގަކޮށްލަން ޖެހޭ ކަމެކެވެ. ޚާއްޞަ ގޮތެއްގައި މީސްމީޑިއާގެ އެކިއެކި ވަސީލަތްތަކުން، ’އިންފޮމޭޝަން ވޯ‘ގައި ކޮންމެ ދުވަހަކު ވެސް އަޅުގަނޑުމެންގެ އަޚުންނަށް ނަޞްރު ލިބެމުން އެބަދެއެވެ. ޣައްޒާއާއި އެހެނިހެން ޤައުމުތަކުގައި އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުން ކުރަމުންދާ ޖިހާދުގައި މަތިވެރި ފަތަޙަތައް އެބަ ހޯދައެވެ.
މި ކަމުގައި ވިސްނާލަން ޖެހޭ ބައެއް ނުކުތާތައް އެބަހުއްޓެވެ. ދުޝްމަނުންގެ އަތްތަކުން ޤަތުލުކުރަމުންދާ މުސްލިމް ދަރީން، އެ މީހުންގެ މައިންބަފައިންނާ އެކު ތިބޭނީ ސުވަރުގޭގައިކަމެވެ. ޝަޙީދުންގެ ދާއިމީ ގޮވައްޗަކީ ސުވަރުގެކަމެވެ. އެތައް ބަޔަކަށް ޝަފާއަތްތެރިވުމުގެ ފުރުޞަތު (إن شاء الله) އެ ޝަހީދުންނަށް ލިބޭނޭކަމެވެ. މިފަދަ މަތިވެރިކަމެއް އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުން ހޯދަމުން ދާއިރު އަޅުގަނޑުމެން ވެސް މަސައްކަތް ކުރަންވީ އުޚްރަވީ ޙަޔާތަށް ޕޮއިންޓު ހޯދާ ގިނަ ކުރުމަށެވެ. އެކަން ވާނީ ކުރާ ޢަމަލުތަކަކީ އެ ކަންކަން ޤަބޫލުވެވޭ ޝަރުތުތައް ފުރިހަމަވާ ޢަމަލުތަކަށް ހަދައިގެންނެވެ.
އެގޮތުން:
1. މާތް الله އަށް ޝަރީކަ ނުކުރުމެވެ. ތައުޙީދުގެ އަޙުލުވެރިން ކަމުގައި ވުމެވެ.
2. ކުރާ ޢަމަލުތަކުގައި އެކަލާނގެއަށް އިޚްލާޞްތެރި ވުމެވެ.
3. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم އަންގަވައިފައިވާ ގޮތައް ހެޔޮ ޢަމަލުތައް ކުރުމެވެ.
މުސްލިމުންނަށް ނަޞްރު ދިނުމަށް ކުރާ މަސައްކަތުގައި އިސްލާމީ ގިއުގަނޑުތަކާ ޚިލާފު އެތައް ކަމެއް ކުރެވެއެވެ. މިއަދު ފެންނަ ބައެއް މަންޒަރުތަކަކީ އިޞްލާޙު ކުރަން ޖެހޭ ކަންކަމެވެ. އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް ހެދުން ނާޅާ މީހުން ފެންނަ ފޮޓޯއާއި ވީޑިއޯ ފޮނުވުމެވެ. މިއުޒިކު އެކުލެވޭ ޕޯސްޓުތައް ދައުރުކުރުމެވެ. އެއްވުންތަކުގައި ދެ ޖިންސު މައްސުނިވުމާއި މި ނޫން ވެސް ދީނާއި ފުށުއަރާ އެތައް ކަމެކެވެ. މި ކަންކަން އިޞްލާޙު ނުކުރަންޏާ އަޅުގަނޑުމެންނަށް ލިބޭނީ ކުރިއެރުމެއްގެ ބަދަލުގައި ވެއްޓުމެކެވެ. ސަވާބެއްގެ ބަދަލުގައި އަޒާބެއް ލިބުން އެކަކު ވެސް ނޭދޭނެއެވެ.
މުސްލިމުން ވާންޖެހޭނީ ނަމޫނާ ބަޔަކަށެވެ. ހުރިހާ ޙާލެއްގައި ވެސް ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ގެންނެވި ޝަރީޢަތް ތަންފީޛުކުރާންވާނެއެވެ. ނަޞްރު ހޯދުމުގައި ހެޔޮ ރަނގަޅު މަގުތައް ޙިޔާރު ކުރާން ވާނެއެވެ. މުސްލިމް އަޚުންނާއި އުޚްތުން ޣައްޒާއާއި އެނޫން ބިންތަކުގައި ހޯދަމުންދާ ފަދަ މަތިވެރިކަމާއި ޝަރަފު އަޅުގަނޑުމެންނަށް ވެސް ލިބޭނީ އޭރުންނެވެ.
- جُمَيْل مُحَمَّد / ދީނުގެމަގު މަޖައްލާ