ތިބާއަށް ކުރެވިފައިވާ ބޮޑެތި ފާފަތަކަކީ ތިބާއަށްޓަކައި ބޮޑު ރަހްމަތަކަށް ބަދަލުކޮށްލުމުގެ ފުރުޞަތު ތިބާއަށް އެބައޮތް! އޮތީ ފުރުޞަތުގެ ބޭނުން ހިފުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ތިބާއަށް ކުރެވިފައިވާ ބޮޑެތި ފާފަތަކަކީ ތިބާއަށްޓަކައި ބޮޑު ރަހްމަތަކަށް ބަދަލުކޮށްލުމުގެ ފުރުޞަތު ތިބާއަށް އެބައޮތް! އޮތީ ފުރުޞަތުގެ ބޭނުން ހިފުން!

ގެއްލުވައިލެވިއްޖެ ފުރުޞަތެއް އަލުން ހޯދުމަކީ އެކަމަށްޓަކައި ގަދައަޅައި މަސައްކަތްކުރި މީހަކަށް ނޫނީ ކާމިޔާބުކުރެވޭނެ ކަމެއް ނޫނެވެ. ދުނިޔޭގައި ހުރެ ގަދައަޅައި މަސައްކަތްކުރެވޭ މީހުންނަށް ދެވަނަ ފުރުޞަތު ލިބެއެވެ. ނަމަވެސް އެކަމަށްޓަކައި ވަރަށް ބޮޑެތި ޤުރްބާނީތަކެއް ވެގެންނެވެ. 

ގެއްލުވައި ލެވިއްޖެނަމަ އަނބުރާ ނުލިބޭނެ ފުރުޞަތެއް އެބައޮތެވެ. އެއީ ކޮންމެ މީހަކަށްވެސް އެންމެ މުހިންމު ފުރުޞަތުވެސްމެއެވެ. މިބުނަނީ ތައުބާވުމުގެ ފުރުޞަތުގެވާހަކައެވެ. ތައުބާ ނުވެވި ހުއްޓައި މަރުވެއްޖެނަމަ އެފުރުޞަތު ލިބޭނެ އެއްވެސް ގޮތެއް ނެތެވެ. ޖެހޭނީ ﷲ ތަޢާލާގެ ނިޔާފުޅަށް އިންތިޒާރުކުރާށެވެ. 

މިސްތަކުންނޭވެ! އަހުރެމެންގެ ތެރެއިން ގިނަ މީހުންނަކީ ޒިނޭކުރުމާއި މަސްތުވުމާއި އަދި އެނޫންވެސް ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ބޮޑެތި ފާފަތަކަށް އެތައް ފަހަރަކު އަރައިގަނެވިފައިވާ ބައެކެވެ. 

އެ ޢަމަލުތައް ވަނީ ތިބާގެ ފަތުގައި ކަޅުކަން ގަދަ ދެލިން ލިޔުއްވެވިފައެވެ. ޤިޔާމަތް ދުވަހު ތިބާގެ ފަތް ހުޅުއްވަވައިލައްވަވައި ތިބާއަށް ދައްކަވާ ވަޤުތު ، ކަޅުކަން ގަދަ ދެލިން މަލާއިކަތުން ލިޔުއްވެވި އެޢަމަލުތަކަކީ ތިބާއަށްޓަކައި ވިދަވިދާ ހުންނަ ޢަމަލުތަކަކަށް ބަދަލުކޮށްލުމުގެ ފުރުޞަތު ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. 

އެކަމަށްޓަކައި ކުރަން އޮތް ކަމަކީ ތައުބާވުމަށް އަވަސްވެގަތުމެވެ. ﷲ ތަޢާލާގެ މަގަށް އެނބުރި ރުޖޫޢަވުމެވެ. ހެޔޮ ޢަމަލުތައްކުރާ މީހަކަށް ބަދަލުވުމެވެ. އެއީ އެކަން ކުރަން ބޭނުން އެއްވެސް މީހަކަށް ނުކުރެވޭނެ ވަރުގެ ބޮޑުކަމެއް ނޫނެވެ. 

ނަރަކައަށް ވަންނަން ޖެހޭނީ ތައުބާ ނުވިނަމައެވެ. ﷲ ތަޢާލާގެ މަގަށް އެނބުރި ރުޖޫޢަނުވިނަމައެވެ. ވީމާ އަހުރެމެންނަށް އޮތީ ތައުބާވެ ﷲ ތަޢާލާގެ މަގަށް އެނބުރި ރުޖޫޢަވުމެވެ. އެކަންކޮށްފިނަމަ ކިތަންމެ ގިނަ ފާފަތަކެއް ކުރިން ކުރެވިފައި އޮތް ނަމަވެސް އެމީހަކު ސުވަރުގެ ވައްދަވާނެތެވެ. އިން ޝާ ﷲ

 

- މަޢުލޫމާތު: ޝައިޚް އިބްރާހީމް ރަޝީދު މެންކުގެ ދަރުސަކުން

މިއަދު އޮންލައިން