ތަޤްވާވެރިކަމެވެ ބުނެވިއްޖެނަމަ ގިނަބައަކަށް މާނަކުރެވެނީ އެދައްކަނީ އަޅުކަންކުރުން ގިނަކުރުމުގެ ވާހަކަކަމަށެވެ. އަޅުކަންކުރުން ގިނަކުރެވޭނީވެސް ތަޤްވާވެރިކަން އިތުރުކޮށްގެންނެވެ. ނަމަވެސް ތަޤްވާވެރިކަމުގެ މާނަ ތަފާތެވެ. އެއީ ތިމާ އާއި ތިމާ އުފެއްދެވި ފަރާތާއި (ﷲ ތަޢާލާ އާއި) އޮންނަން ޖެހޭ ގުޅުމެވެ.
އެގުޅުން ބަދަހިކުރެވޭނަމަ މައްސަލަތައް ޖެހުން މަދުވާނެއެވެ. ފިތުނަވެރިކަން ނެތިގެންދާނެއެވެ. މީސްތަކުންގެ މެދުގައި ލޯތްބާއި ކުލުނު އިތުރުވެގެންދާނެއެވެ. މީސްތަކުންނަށް ހެޔޮކޮށް ހިތުމާއި އަޅައިލުމާއި އެހީތެރިވުންވެސް އިތުރުވެގެންދާނެއެވެ. އެއިރުން ދެން ޖެހެން އޮންނާނީ ކޮން މައްސަލައެއް ހެއްޔެވެ؟
ކީރިތި ޤުރްއާނަށް ބަލައިފިނަމަ ތަޤްވާވެރިކަން އިތުރުކުރަން ވަރަށް ގިނައިން، ވަރަށް ގިނަ އާޔަތްތަކުގައި އަންގަވާފައިވާތަން ފެނިގެންދާނެއެވެ. އެއީ މީސްތަކުންނަށް އެންމެ ބޮޑަށް ފައިދާކުރާނެ ކަމަކީ އެއީ ކަމުގައިވާތީއެވެ.
ވީމާ މުޖުތަމަޢުތަކުންވެސް އަދި ޢާއިލާތަކުންވެސް މައްސަލަތައް ނައްތާލައި އުފާވެރި ދިރިއުޅުމަކަށް އުންމީދުކުރާނަމަ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ! ކުރިންވެސް މިބުނިފަދައިން އެއީ ތިމާ އާއި ތިމާ ހެއްދެވި ފަރާތާއި ދެމެދުގައި އޮންނަން ޖެހޭނެ ގުޅުންތައް ބަދަހިވެފައި އޮތުމެވެ. އެކަން ޙާޞިލްކުރެވޭނީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރެވުނު ވަރަކުންނެވެ. އިން ޝާ ﷲ
ހަމައެއާއިއެކު ބުނެލަން އޮތީ ދެމަފިރިންގެ މެދުގައިވެސް ގުޅުން ބަދަހިކޮށް ލޯބިން ދިރިއުޅެން ބޭނުންނަމަ އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނީ ތަޤްވާވެރިކަން އިތުރުކުރުމަށެވެ. ކުރު ގޮތަކަށް ބުނާނަމަ ކާމިޔާބީ އާއި އުފާވެރިކަމުގެ ތަޅުދަނޑި އަކީ ތަޤްވާވެރިކަމެވެ.
މުޖުތަމަޢުތަކުގައިވެސް އަދި ޢާއިލާތަކުގެ ތެރޭގައިވެސް ފިތުނަވެރިކަން އުފެދި މައްސަލަތައް ޖެހެމުން މިދަނީ ހަމަ އެންމެ ކަމެއްގެ ސަބަބުންނެވެ. ތަޤްވާވެރިކަން ކުޑަވަމުންދާތީއެވެ. ވީމާ ގަދައަޅައި މަސައްކަތްކުރަންވީ ތަޤްވާވެރިކަން އިތުރުކުރުމަށެވެ.
- މުފްތީ މެންކުގެ ދަރުސަކުން