ބަލިޙާލުގައި ތިބި މައިންބަފައިން ނުވަތަ ތިމާއަށް ބަލަންޖެހޭ އެހެން މީހަކުނަމަވެސް އަވަހަށް މަރުވުމަށް އެދުނީމާ އެނަގައިލެވެނީ ތިމާއަށް ލިބެން އޮތް އެންމެ ބޮޑު ރަޙްމަތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ބަލިޙާލުގައި ތިބި މައިންބަފައިން ނުވަތަ ތިމާއަށް ބަލަންޖެހޭ އެހެން މީހަކުނަމަވެސް އަވަހަށް މަރުވުމަށް އެދުނީމާ އެނަގައިލެވެނީ ތިމާއަށް ލިބެން އޮތް އެންމެ ބޮޑު ރަޙްމަތް!

އެއްވެސް މީހަކީ ބަލިޙާލުގައި އޮންނަން ބޭނުންވާނެ މީހެއް ނޫނެވެ. އަދި ބަލިޙާލެއްގައި އުޅެން ބޭނުންވާނެ މީހެއްވެސް ނޫނެވެ. ނަމަވެސް އެފަދަ ޙާލެއް ކުރިމަތިވެއްޖެނަމަ ކުރެވޭނެ އެއްވެސް ކަމެއް ނުއޮވެއެވެ. ﷲ ތަޢާލާ ޝިފާ ދެއްވަވަންދެން ޖެހޭނީ ކެތްތެރިވާށެވެ.

ބައެއް މީހުންނަކީ ޢުމުރުގެ ގިނަ ދުވަސްތަކެއް ބޮޑު ބައްޔެއްގައި ނުވަތަ ނުކުޅެދުންތެރިކަމެއްގައި ހޭދަކުރަންޖެހޭ ބައެކެވެ. އެގޮތުން އެއްބައަކު ގިނަ ދުވަސްތަކެއްވަންދެން އެނދުމަތިވެފައި ތިބެއެވެ. ނުވަތަ އެނޫންވެސް ގޮތަކުން އެހެން މީހުންގެ އެހީތެރިކަމާއި ނުލައި ނުއުޅެވިފައި ތިބެއެވެ.

މިފަދަ ޙާލަތުގައި އޭނާއަށް އެހީތެރިވެދޭންތިބޭ ބައެއް މީހުން އެބަ ބުނެއެވެ. "މިކަމުން (އޭނާއަށް އެހީތެރިވުމުން) ސަލާމަތްވާނީ ކޮން ދުވަހަކުން ހެއްޔެވެ؟"

ބުނަންހެއްޔެވެ؟ އެފަދައިން ބުނާނަމަ ތިބާއަށް ތިއަ ބުނެވެނީ "އަހުރެންނަށް ސުވަރުގެ ލިބުން ފަހިވުމުގެ ދޮރުބަންދުވާނީ ކޮންދުވަހަކުން ހެއްޔެވެ؟" އެހެންވެ އަހުރެންގެ ސުވާލަކީ އެފަދަ ބަސްތައް ތިއަ ބުނަނީ ތިއަ ބުނެވޭ އެއްޗެއް އެނގިހުރެގެން ހެއްޔެވެ؟

ވިސްނާށެވެ. ގަދަވާނެ ކަމުގެ އުންމީދު ނެތް މީހެއްގެ ކިބައިން ސަލާމަތްވުމަށް އެދުމަކީ އޭނާ އަވަހަށް މަރުވުމަށް އެދުމެވެ. ފުރަތަމަ ކަމަކަށް އެއީ ކަމަކަށް އެއީ ކުރެވޭ ބޮޑުފާފައެކެވެ. އެއްވެސް މީހަކު އަވަހަށް މަރުވުމަށް އެދިގެންނުވާނެއެވެ. އެފަދަ ކަމެއް ހިތަށް ވަންނަމަވެސް އޮތީ އޭނާއަށް ހެޔޮ ރަޙްމަތް ލެއްވެވުމަށާއި ދިގު ޢުމުރެއް ދެއްވެވުން އެދި ދުޢާކުރުމެވެ.

ދެން އޮތީ ބަލިޙާލުގައި އޮތް މީހަކު ބެލުމުގެ ފުރުޞަތު ލިބުމެވެ. އެއީ ތިމާއަށް ބަލަދު އަރާ މީހަކު ކަމުގައިވާނަމަ ބެލުމަކީ ވާޖިބެކެވެ. އަދި ބަލަދު ނުއަރާ ދުރު މީހަކު ބަލަން ލިބުނު ނަމަވެސް ބަލަން ލިބުމަކީ ވަރަށް ބޮޑު ނިޢުމަތެކެވެ. ހެޔޮގޮތުގައި އޭނާ ބަލަހައްޓައިފިނަމަ އެމީހަކަށް ﷲ ތަޢާލާ ދެއްވަވާނެ ނިޢުމަތްތައް ގިނަގުނައެވެ.

އަދި އެކަމަކީ އެމީހަކު ސުވަރުގެ ވައްދަވާނެ ޢަމަލުކަމުގައިވެސް ވެދާނެއެވެ. މީސްތަކުންނަށް އެހީތެރިވާ މީހަކަށް އެހީތެރިވެވޮޑިގަތުމުގައި ﷲ ތަޢާލާ ވޮޑިގެންވާނެކަމަށް އޮތް ބަސްފުޅުން މިކަމަށް ދަލީލް ލިބެއެވެ.

ތިބާގެ ކިބައިގައި ކެރިފޯރުންތެރިކަން ހުރިނަމަ މިބަޔާންކުރި ޙާލުގައި ތިބޭ މީހުން ހޯދައިގެންވެސް އެހީތެރިވެދޭށެވެ. އަބޫބަކުރުގެފާނު މިއުންމަތުގެ ޚަލީފާކަމުގައި ހުންނަވައިގެން ލޯފަން ނުކުޅެދޭ އަނހެނަކަށް އެކަލޭގެފާނަކީ ކާކުކަން ނުވެސް އަންގަވައި އެހީތެރިވެދެއްވިކަން ހަނދާންކުރާށެވެ.

 

ޚަލީފާއިންނާއި ޞަހާބީންގެ ކިބައިން މިފަދަ އެތައް ކަމެއް ވަނީ ފެނިފައެވެ. އެއީ އެބޭކަލުން ސުވަރުގެ އެދިވަޑައިގެން ކުރެއްވެވި މަސައްކަތްޕުޅުތަކެވެ. ވީމާ އަހުރެމެންވެސް ދެމިތިބެންވީ އެމަސައްކަތްކުރުމުގައެވެ. ސުވަރުގެ ދެއްވަވާނެ އެއްވެސް ކަމެއް ނުކޮށް ދޫކޮށްނުލާށެވެ. އެމީހަކަށް ސުވަރުގެ ދެއްވަވާނެތެވެ. އިން ޝާ ﷲ

ނިންމާލަމުންވެސް ބުނަމެވެ. މައިންބަފައިން ނަމަވެސް ޢާއިލާގެ މީހަކު ނަމަވެސް ދުރުހިލޭ މީހަކު ނަމަވެސް ބަލަން ލިބުމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ސުވަރުގެ ވަދެވެން އޮތް އެންމެ ފަހި އެއް މަގެވެ. ބުރައަކަށް ހަދައި ފުރުޞަތު ދޫކޮށްނުލާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން