އަމިއްލަ ފަރާތަކުން ތަރައްގީކުރަމުން އަންނަ ބަރުބަރީ މިސްކިތް މިހާރު ހުރީ ނިމި ހުޅުވުމާ ގާތަށް ގެނެވިފައިކަމަށާއި، އަންނަ ރަމަޟާން މަހު އެ މިސްކިތް ބޭނުންކުރެވޭނެ ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް ވިދާޅުވި ގޮތުގައި މާތްﷲގެ އިރާދަފުޅާއެކު ވަރަށް އަވަހަަށް ބަރުބަރީ މިސްކިތް ހުޅުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ރަމަޟާން މަހުގައި އެ މިސްކިތުގައި ނަމާދުކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ތަރައްގީކުރުމަކީ މި ސަރުކާރުން އިސްކަންދީގެން ކުރަމުންދާ މަސައްކަތެކެވެ. މުޅި ރާއްޖޭގައި އަންނަ ރޯދަމަހުގެ ކުރިން 15 މިސްކިތް ހުޅުވިގެންދާނެ ކަމުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ.
ބަރުބަރީ މިސްކިތް ތަޅައިލުމަށްފަހު އެތަނުގައި އައު މިސްކިތެއް ބިނާކުރުމުގެ މަސައްކަތް އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން ފެށީ މި ވެރިކަމުގައި 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ. އެ މިސްކިތް ތަރައްގީކުރަނީ އެއްފަހަރާ 1،400 މީހުންނަށް ނަމާދުކުރެވޭ ޖާގަ ހުންނަ ގޮތަށެވެ.