ޙާތިމުއް ޠާއީގެ ވާހަކަ: ﷲ އަށް އީމާންނުވެ ތިމާ ކުރާ ހެޔޮ ޢަމަލުތަކުގެ ޘަވާބެއް ޤިޔާމަތްދުވަހު ނުލިބޭނެ!

ކިޔުމަށް ހޭދަވާނީ 3މ 50ސ
ޙާތިމުއް ޠާއީގެ ވާހަކަ: ﷲ އަށް އީމާންނުވެ ތިމާ ކުރާ ހެޔޮ ޢަމަލުތަކުގެ ޘަވާބެއް ޤިޔާމަތްދުވަހު ނުލިބޭނެ!

ޢަލީ އިޙްޞާން ފިރާޤް

 

حَاتِمُ الطائي ގެ ވާހަކަ

حاتم الطائي އަކީ ޖާހިލިއްޔަ ޒަމާނުގައި އުޅުނު ވަރަށް މަޝްހޫރު މީހެކެވެ. ޢަރަބި ފޯކުލޯރުގައި އޭނާގެ ވާހަކައަކީ ވަރަށް މަޝްހޫރު ވާހަކައެކެވެ. އޭނާއަކީ ނިކަމެތީންނާއި، މިސްކީނުންނާއި، ފަޤީރުންނަށް އަޅާލައި އެހީތެރިވި މީހެކެވެ. އޭނާ ވަރަށް ގިނަ މުދާ މީސްތަކުންނަށް ހޭދަކުރިއެވެ.  

حاتم الطائي އަކީ އިސްލާމްދީން އައުމުގެ ކުރީން ޖާހިލިއްޔަ ޒަމާނުގައި އުޅުނު މީހެކެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ޞަޙާބީންގެ ތެރޭގައި ހިމެނޭ سفّانة الطائي އާއި عدى بْن حَاتِم އަކީ އޭނާގެ ދެ ދަރީންނެވެ. حاتم الطائي އޭނާގެ މުދާ ހޭދަކުރީ މީސްތަކުންގެ މެދުގައި އޭނާގެ ޤަދަރު އުފުލި، މީސްތަކުންގެ މެދުގައި އޭނާގެ ނަން މަޝްހޫރުވެގެން ދިޔުމަށް އެދިގެންކަމަށް އިބްނު ކަޘީރު ބަޔާން ކުރައްވައެވެ. 

އިމާމު އަޙްމަދު ރިވާ ކުރައްވައިފައިވެއެވެ. އެއްފަހަރަކު عدى بْن حَاتِم މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ އަރިހުގައި ދެންނެވިއެވެ. [އަޅުގަނޑުގެ ބައްޕައަކީ ގާތްތިމާގެކަމުގެ ގުޅުން ގާއިމުކުރި މީހެކެވެ. އެވެނި މިވެނި ހެޔޮކަމެއް ކުރި މީހެކެވެ. އެކަމުގެ ޘަވާބު އަޅުގަނޑުގެ ބައްޕައަށް ލިބޭނެތޯއެވެ؟] ޙަދީޘް ކުރެއްވިއެވެ. [ތިބާގެ ބައްޕަ އެދުނު ކަންތައް އޭނާއަށްވަނީ ޙާޞިލުވެފައެވެ.]

{شعيب الأرنؤوط (ت ١٤٣٨)، تخريج المسند ١٩٣٨٦ حسن أخرجه أحمد (١٩٣٨٦)}

މިދެންނެވި ޙަދީޘްގެ މުރާދަކީ އޭނާ އެދުނު ފަދައިން މަޝްހޫރުކަން އޭނާއަށްވަނީ ލިބިފައެވެ.

ހިޖްރައިން 9 ވަނަ އަހަރުގެ ތެރޭގައި حاتم الطائي ގެ ދަރިކަނބަލުން سفّانة ހައްޔަރުކޮށްގެން ގެނެވުނެވެ. އެކަމަނާއަކީ ނުހަނު ރީތި ބޭކަނބަލެކެވެ. ބަލާޣާތްތެރި ފަޞާޙާތްތެރި ބޭކަނބަލެވެ. އެކަމަނާ މާތް ރަސޫލާގެ އަރިހުގައި ދެންނެވިއެވެ. [އޭ މުޙައްމަދުގެފާނެވެ. ޢަރަބީންގެ ތެރޭގައި އަޅުގަނޑުގެ ޤަދަރު ކުޑަކުރައްވާ ދެރަ ނުކުރައްވާށެވެ. އަޅުގަނޑަކީ އަޅުގަނޑުގެ ޤައުމުގެ ވެރިމީހާގެ ދަރިއަކީމުއެވެ. އަޅުގަނޑުގެ ޤައުމުގެ މީހުންގެ ބެލެހެއްޓުން ތެރިއަކީ އެއީއެވެ. އޭނާ އަޅުން މިނިވަން ކުރިއެވެ. ބަނޑުހައިހޫނުކަން ޖެހިފައިވާ މީސްތަކުންނަށް ކާންދިނެވެ. މީސްތަކުންގެ މެދުގައި ސަލާމް ފެތުރިއެވެ. ދުވަހަކުވެސް ސަލާން ޖަހަން އަންނަ މީހަކަށް އިންކާރެއް ނުކުރެއެވެ. އަޅުގަނޑަކީ حاتم الطائي ގެ ދަރިކަނބަލުންނެވެ.]

މާތް ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ. [ތިޔަ ބަޔާން ކުރި ސިފަތަކަކީ މުއުމިނުންގެ ސިފަތަކެވެ. ތިބާގެ ބައްޕައަކީ މުއުމިނެއްނަމަ ރަޙްމާއެކު އޭނާއާ މެދު ކަންތައް ކުރީމުހެވެ. އޭނާގެ ދަރިކަނބަލުން ދޫކޮށްލާށެވެ. އެހެނީ އޭނާގެ ބައްޕާއަކީ މަކާރިމުލް އަޚުލާޤަށް ލޯބި ކުރި މީހެކެވެ. اللَّهُ تَعَالَى ވެސް މަކާރިމުލް އަޚުލާޤަށް ލޯބިވެވޮޑިގެންވެއެވެ.]

{ابن كثير (ت ٧٧٤)، البداية والنهاية ٥‏/٦١ حسن المتن غريب الإسناد جدا عزيز المخرج}

މިވާހަކައިން ދޭހަވާ ވަރަށް ޢިބްރަތްތެރި ފިލާވަޅެއްވެއެވެ. އެއީ އަށް އީމާންނުވެ ތިމާ ކުރާ ހެޔޮ ޢަމަލުތަކުގެ ޘަވާބެއް ޤިޔާމަތްދުވަހު ނުލިބޭނެކަމެވެ. ހެޔޮ ޢަމަލުތައް ކުރަންވާނީ ހަމައެކަނި ގެ ޘަވާބާއި ދަރުމައަށް އެދިގެންކަމެވެ. ދުނިޔަވީ މަންފާއެއް ނުވަތަ މަޝްހޫރުކަމެއް ހޯދަން ކުރާ ޢަމަލުތަކުގެ މަންފާއެއް ޤިޔާމަތްދުވަހު ނުކުރާނެކަމެވެ.

މިއަދު އޮންލައިން