ޤިޔާމަތް ދުވަހު ކުރިމަތިކުރައްވަވާނެ ކަންކަމުގެ ވާހަކަތައް އަބަދުހެން މިގެންދަނީ ކިޔައިދެމުންނެވެ. އެދުވަހުގެ ބިރުވެރިކަމުން ސަލާމަތްކަން ލިބެން އޮތީ ޢަރުޝީގެ ހިޔާވަހިކަން ލިބިގެންނެވެ. ޢަރުޝީގެ ހިޔާވަހިކަން ލިބިގަނެވިއްޖެނަމަ އެއޮތީ ހުރިހާ ބިރުވެރިކަމަކުން ސަލާމަތްވެވިފައެވެ. އެެހންކަމަށްވާއިރު އެއަށްވުރެ ފައިދާހުރި ކަމަކީ ކޮބައިހެއްޔެވެ؟
”ޢަރްޝީގެ ހިޔާވަހިކަން ފިޔަވައި، އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު (އެބަހީ: ޤިޔާމަތް ދުވަހު) މާތްﷲ ޢަރްޝީގެ ހިޔާވަހިކަން ދެއްވާ، ހަތް ބައެއް ވެއެވެ."
(އެއީ):
1 އަދުލުވެރި ވެރިޔާ، 2 އަދި މާތް ﷲ އަށް އަޅުކަންކުރުމުގައި ޒުވާންކަން ހޭދަކުރި ޒުވާނާ، 3 އަދި އޭނާގެ ހިތް މިސްކިތާ ގުޅިލާމެހިފައިވާ މީހާ، 4 އަދި މާތް ﷲ އަށްޓަކައި ލޯބިވެ އެގޮތުގައި ބައްދަލުވެ އަދި އެގޮތުގައި ވަކިވާ ދެމީހުން، 5 މަންސަބާއި ރީތިކަން ލިބިފައިވާ އަންހެނެއް ފާޙިޝް ޢަމަލު ހިނގަން ދަޢުވަތު ދިނުމުން، އަހުރެން ﷲ ދެކެ ބިރުވެތިވަމޭ ބުނެ އެކަމުން އެއްކިބާވި މީހާ، 6 އަދި ޞަދަޤާތްކުރާއިރު އޭނަގެ ކަނާއަތުން ހޭދަކުރާ އެތި ވައަތަށްވެސް ނޭނގޭހާ ސިއްރުން ހޭދަކުރިމީހާ، 7 އަދި އެކަހެރިކޮށް ހުރެ ﷲ މަތިން ހަނދުމަވުމުން ލޮލުން ކަރުނަ އޮހޮރިގެންދާ މީހާއެވެ”
ވިސްނައިލާށެވެ! ތިބާއަރުޝީގެ ހިޔާވަހިކަން ބޭނުންވާ މީހަކު ނަމަ ޢމުރުން އެންމެ ފަހަރަކު އެކަހެރިކޮށް ހުރެ ﷲ މަތިން ހަނދުމަކޮށް، އެކަލާނގެ ދެއްވަވާނެ ޘަވާބާއި ޢަޛާބަށް ވިސްނާލައި ބިރުވެތިވެ ކަރުނަ ތިއްކެއް ވައްޓާލަން އޮތީ ކޮން ހުރަހެއް ހެއްޔެވެ؟ ނަމަވެސް ހަނދާންކުރާށެވެ. އެކަން ކުރެވޭނީ ތިމާގެ ހިތުގައި އެވަރުގެ ވަރުގަދަ އީމާންކަމެއް އޮވެގެންނެވެ. ހިތުގައި ﷲ ތަޢާލާގެ މައްޗަށް އެވަރަށް ލޯބި އުފެއްދިގެންނެވެ. އެކަންކަން ޙާޞިލްކުރެވޭނީ ތަޤްވާވެރިކަމުންނެވެ. ވީމާ ޢަރުޝީގެ ހިޔާ ލިބެން އެދޭނަމަ އޮތީ ތަޤްވާވެރިކަން އިތުރުކުރަން ކުރާ މަސައްކަތް އިތުރުކުރުމެވެ. އަޅުކަމުގައި ކުރިއަށް ދިއުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ރަސޫލާ މުޙައްމަދު ޞައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.
سَبْعَةٌ يُظِلُّهُمْ اللَّهُ فِي ظِلِّهِ يَوْمَ لا ظِلَّ إِلا ظِلُّهُ : الإِمَامُ الْعَادِلُ ، وَشَابٌّ نَشَأ فِي عِبَادَةِ رَبِّهِ ، وَرَجُلٌ قَلْبُهُ مُعَلَّقٌ فِي الْمَسَاجِدِ ، وَرَجُلَانِ تَحَابَّا فِي اللَّهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ ، وَرَجُلٌ طَلَبَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ فَقَالَ إِنِّي أَخَافُ اللَّهَ ، وَرَجُلٌ تَصَدَّقَ بِصَدَقَةٍ فَأَخْفَاهَا حَتَّى لا تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ ، وَرَجُلٌ ذَكَرَ اللَّهَ خَالِيًا فَفَاضَتْ عَيْنَاهُ “
މާނައީ: ” ޢަރްޝީގެ ހިޔާވަހިކަން ފިޔަވައި، އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު (އެބަހީ: ޤިޔާމަތް ދުވަހު) މާތްﷲ ޢަރްޝީގެ ހިޔާވަހިކަން ދެއްވާ، ހަތް ބައެއް ވެއެވެ؛ (އެއީ) އަދުލުވެރި ވެރިޔާ، އަދި މާތް ﷲ އަށް އަޅުކަންކުރުމުގައި ޒުވާންކަން ހޭދަކުރި ޒުވާނާ، އަދި އޭނާގެ ހިތް މިސްކިތާ ގުޅިލާމެހިފައިވާ މީހާ، އަދި މާތް ﷲ އަށްޓަކައި ލޯބިވެ އެގޮތުގައި ބައްދަލުވެ އަދި އެގޮތުގައި ވަކިވާ ދެމީހުން، މަންސަބާއި ރީތިކަން ލިބިފައިވާ އަންހެނެއް ފާޙިޝް ޢަމަލު ހިނގަން ދަޢުވަތު ދިނުމުން، އަހުރެން ﷲ ދެކެ ބިރުވެތިވަމޭ ބުނެ އެކަމުން އެއްކިބާވި މީހާ، އަދި ޞަދަޤާތްކުރާއިރު އޭނަގެ ކަނާއަތުން ހޭދަކުރާ އެތި ވައަތަށްވެސް ނޭނގޭހާ ސިއްރުން ހޭދަކުރިމީހާ، އަދި އެކަހެރިކޮށް ހުރެ ﷲ މަތިން ހަނދުމަވުން ލޮލުން ކަރުނަ އޮހޮރިގެންދާ މީހާއެވެ”