ހެޔޮ ޢަމަލުތައްކުރުން ގިނަކުރާށެވެ! ނިޔަތް ﷲ ތަޢާލާއަށް ޚާލިޞްކުރުމާއިއެކުގައެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބާއި ދަރުމައަށް އެދިގެންނެވެ. އެއިރުން އެމީހަކަށް ދެއްވަވާނެ ޘަވާބާއި ދަރުމައިގެ ބޮޑުކަން ތިރީގައިވާ ލިޔުމުން ވިދާޅުވެލައްވާށެވެ.
ބައެއް حديث އެއްގައިވެޔޭ سَلاَم އާއި صَلَوات ލެއްވި رَسُولُ اللهِ ގެފާނުން އެއްދުވަހަކު އެކަލޭގެފާނުންގެ اَصْحَاب ބެއިކަލުންގެ އަރިހުގައި ވާހަކަފުޅެއް ދެއްކެވިއެވެ. حيث ކުރެއްވިޔޭ بَنِى إسْرَائِيلُ ބާގައިގެ މީހަކުވެޔޭ، އެމީހާ ހެޔޮ ކަންތައް ކޮށްފައިވާ ގިނަކަމުން އެމީހާ ތިޔަބައިމީހުންގެ ތެރޭގައި مَحْشَر އަށް ފޮނުއްވޭނެއެވެ.
އެބެއިކަލުން ދެންނެވިޔޭ. އެމީހާ ކުޅައީ ކޮންކޮން ކަންތަކެއްތޯއެވެ. حديث ކުރެއްވިޔޭ. އޭނާގެ ބައްޕާގެ ކިބައިން ވަރަށްގިނަ މުދާ ވާރުތަކޮށްފިއެވެ. މިމުދައުތަކަށް އޭނާގަތީ ބޮޑުވެގެންވާ ބަގީޗާއެކެވެ. ގެންފައި އެބަގީޗާ مِسْكِين ންގެ މައްޗަށް وقف ކޮށްފިއެވެ. މިކަންތައްކޮށްފައި ބުންޏޭ. މިއީ ތިމަންނާއަށް މާތްރަސްކަލާނގެ حَضْرَة ން ލިބޭނޭ ބަގީޗާއެވެ.
ދެން ވަރަށްގިނަ دِيْنَار ތަކެއް ضَعِيف ންގެ މައްޗަށް ބަހައި صَدَقَات ކޮށްފައި ބުންޏޭ. މިއީ މާތްރަސްކަލާނގެ حَضْرَة ން جَارِيَة އެއް ގަތީއެވެ. ދެން ވަރަށްގިނަ އަޅުން ގަނެ މިނިވަންކޮށްފައި ބުންޏޭ. މިއީ މާތްރަސްކަލާނގެ حضرة ން خِدْمَة دَارُ ން ހޯދީއެވެ. ދެން އެއްދުވަހަކު މަގުހިނގާންނުކުޅަދާނަ އަދި ކަނުމީހަކު ފެނިގެން އޭނާ ސަވާރުވާނޭ ސޫތްޕެއް ގަނެ އެސޫފި ދަމާނޭ މީހެއްގެ އުޖޫރަދީ ހަދައިފައި ބުންޏޭ. މިއީ އަހުރެން މަޙްޝަރަށް ދާނޭ ސަވާރީއެއް ހޯދީއެވެ.
ދެން حَدِيث ކުރެއްވިޔޭ އަހުރެންގެ نفس އެކަލާނގެ يَدْ قُدْرة ފުޅުގައިވާ ކަލާނގެ ގަންދީ ބުނަމޭ އެކަލޭގެ ކައިރިއަށް އެސަވާރީގައި ސާމާނުއެޅި ތައްޔާރުވެގެންވާ حَالُ ގައި ގެނެވި އޭނާ އެމައްޗަށް ސަވާރުވެގެން محشر އަށް ދާތަން އަހުރެންނަށް ފެންނަކަހަލައެވެ.
-- މަޝްހޫރު ދީނީ ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ ދީނީ ޢިލްމުވެރިޔާ ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" އިން