ކައިވެންޏަށްފަހު އަނެކާގެ ކިބައިން އަޑުއަހަން އޮތީ ހަމައެކަނި ތިމާއަށް ހިތްހަމަޖެހުން ލިބޭ ވާހަކަތަކެއް ނޫނެވެ. ހުރިހާ ވާހަކަތަކެވެ. ބައިވެރިޔާ ރޯނީ ހަމައެކަނި ތިމާކުރާ އަނިޔާއަކުން ނޫނެވެ. އެހެން މީހުންގެ ކިބައިން ހިތްދަތިކަން ލިބުނަސް ރޯނެއެވެ. މިފަދަ ކޮންމެ ޙާލަތެއްގައިވެސް ބައިވެރިޔާގެ ރުއިމުގެ އަޑުއަހަންޖެހޭނެއެވެ. ހަމައެއާއިއެކު ތިމާއަށް ކުރެވޭ ކަމަކުން ހިތްދަތިކަން ލިބިގެންރޯނަމަ ވަކިންބޮޑަށް ސަމާލުކަންދޭންޖެހޭނެއެވެ.
މިގެނެސްދެނީ ޒަވާޖީ ޙަޔާތް ކާމިޔާބުކުރުމަށްޓަކައި ކޮންމެ ދެމަފިރިއަކުވެސް ވިސްނައިލުމުން ފައިދާކުރާނެ ވާހަކައެކެވެ. އިން ޝާ ﷲ
އަޅުގަނޑު މިކިޔައިދޭ ވާހަކަ އެހެން މީހުން ކިޔައިދީފައިހުރި ވާހަކަތަކާ ވަރަށް ތަފާތުވެދާނެއެވެ. ނަމަވެސް މިއީ އަޅުގަނޑުގެ ތަޖުރިބާއެވެ.
އަޅުގަނޑު އަލަށްވެސް ކައިވެނިކުރީ ދެކަންފަތަށް އަޑު ނުއިވޭ ބީރު މީހަކާއިއެވެ. އޭނާއާއި ކައިވެނިކުރުމުން ވަރަށް ގިނަ އެކުވެރިން ސުވާލުކުރިއެވެ. އަޅުގަނޑު ބީރު މީހަކާއި ކައިވެނިކުރީ ކީއްވެގެންތޯއެވެ؟ އަޅުގަނޑު ބުނަމުން އައީ ދުވަސްކޮޅެއްފަހުން ޖަވާބުދޭނެ ކަމަށެވެ.
އަޅުގަނޑުގެ ކައިވެންޏަށް 10 އަހަރުފުރުން ފާހަގަކުރަން ހުރިހާ އެކުވެރިންނަށް ދަޢުވަތުދީ އެއްތަންކުރީމެވެ. އެއިރު ކުރިން ކުރި ސުވާލު އެމީހުން ހަނދާންވެސް ނެތެވެ. ނަމަވެސް އެ ސުވާލުގެ ޖަވާބު އަޅުގަނޑު ދިނީމެވެ.
އަޅުގަނޑުގެ ގާތް އެކުވެރިންގެ ގޮތުގައި 12 ވަރަކަށް އެކުވެރިން ތިބެއެވެ. އެއިގެތެރެއިން 8 އެކުވެރިންނަށް ވަނީ ކައިވެންޏަށް 8 އަހަރުފުރުމުގެ ކުރިން މަދުވެގެން 2 ކައިވެނިކުރަންޖެހިފައެވެ. އަނެއް 4 އެކުވެރިން ފިރިމީހާ އާއިއެކުގައި ދިރިއުޅެނީއެއް ނޫނެވެ. ދިރިތެޅިފޮޅެނީއެވެ.
އެހުރިހާ ފިރިންގެ ވެސް ދެކަންފަތަށް އެމީހުން އަހަން ބޭނުންވާ އަޑުއިވެއެވެ. އަނބިމީހާ ރޯއަޑެއް ނީވެއެވެ. ނަމަވެސް އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުގެ ފިރިމީހާއަށް އެހެން އަޑެއް ނުއިވުނު ނަމަވެސް އަޅުގަނޑުގެ ހިތުގެ އިޙްޞާޞްތަކުގެ އަޑުއިވޭކަމަށެވެ. އަޅުގަނޑު ރޯންޖެހޭނެ އެއްވެސް ކަމެއް ފިރިމީހާ ނުކުރަނީ އެހެންވެގެން ކަމަށެވެ.
އަޅުގަނޑުގެ ކައިވެންޏަށް މިހާރު ސިލްވަރޖުބިލީ ފާހަގަކޮށްފީމެވެ. ފާއިތުވި 25 އަހަރަށް ބެލިނަމަވެސް ދުވަހަކުވެސް އަޅުގަނޑު ބުނާ ބަހެއްގެ އަޑު ފިރިމީހާއަށް ނުއިވިގެން އަޅުގަނޑު ރޯކަށް ނުޖައްސައެވެ. ދިރިއުޅެމުން މިގެންދަނީ ހަމަ އުފަލުގައެވެ.
ވީމާ އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ދެކަންފަތަށް އަޑުއިވުނު ނަމަވެސް އަނބިމީހާ ރޯރުއިމުގެ އަޑު ނުއިވޭ ފިރިންނަށްވުރެ ދެކަންފަތަށް އަޑުނުއިވުނު ނަމަވެސް އަނބިމީހާގެ އިހްޞާޞްތަކުގެ އަޑުއިވޭ ފިރިއަކާއިއެކު ދިރިއުޅުން މާރަނގަޅެވެ. މާއުފާވެރިއެވެ!
އަޅުގަނޑު މިކިޔައިދިނީ ވަރަށް ތަފާތު ވާހަކައަކަށްވެދާނެއެވެ. ނަމަވެސް އަޅުގަނޑު އެދެނީ ހަމަ މިއަދުނޫހުގެ "ޢިބްރަތްތެރި ވާހަކަ" ސިލްސިލާގައި އަޅުގަނޑުގެ ވާހަކަކޮޅުވެސް ހިމަނައިދިނުމެވެ.
- ޒުލްފާ / މިއަދުނޫހުގެ ކިޔުންތެރިއެއް