ހިތްދަތިކަމެއް ކުރިމަތިވުމުން ރޮއެލުމަކީ މައްސަލައެއް ނޫން! އެކަމަކު ރޮއެލުމަށްފަހު މިމަގުން ހިތްވަރުލިބިގަންނަންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ހިތްދަތިކަމެއް ކުރިމަތިވުމުން ރޮއެލުމަކީ މައްސަލައެއް ނޫން! އެކަމަކު ރޮއެލުމަށްފަހު މިމަގުން ހިތްވަރުލިބިގަންނަންވާނެ!

އަހުރެންގެ ވާހަކަކޮޅު ފަށަން ބޭނުންވަނީ ރޯން ބުނަމުންނެވެ. މިހެން މިބުނަނީ ހަމަ ޤަޞްދުގައެވެ. ހިތްދަތިވާފަދަ ކަމެއް ކުރިމަތިވެއްޖެނަމަ ހިތް އެދޭވަރަކަށް ރޮއެލާށެވެ. އެއީ ހިތްވަރުދެރަވުމެއް ނޫނެވެ. އެއީ ކިތަންމެ ހިތްވަރުގަދަ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ. އަދި އެގޮތަށް ކަރުނައަޅައި ރޮއެލުމަކުން އެއްވެސް މައްސަލައެއް ނެތެވެ.  

އެހެނެއްކަމަކު އެވަޤުތުކޮޅު ނިމުމުން ހިތްވަރުލިބިގަންނަންވާނެއެވެ. މިކިޔައިދެނީ ސަބަބުތަކެވެ.  

ކޮންމެ މީހަކުވެސް ބޭނުންވާނީ ރަނގަޅުގޮތްތައް ވުމަށާއި އެދޭހައި ކަންކަން ޙާޞިލްވުމަށެވެ. ނަމަވެސް ކޮންމެ މީހަކު އެދޭ ކަންކަމުގެ ތެރެއިންވެސް ކަންކަން ޙާޞިލްކުރެވޭނީ ވަކިމިންވަރަކަށެވެ. އަދި ބައެއް ފަހަރު ތިމާއެދޭ ގޮތަށް އެއްވެސް ކަމެއް ޙާޞިލްނުކުރެވިވެސް ހިނގައިދާނެއެވެ.  

މިފަދަ ޙާލަތު މެދުވެރިވުމުން ﷲ ތަޢާލާއަށް އީމާން ނުވާ މީހުން ދެކޭނީ އެމީހުންގެ ހުރިހާ ކަމެއް ނިމުނީކަމަށެވެ. ދެން އެމީހަކަށް ރަނގަޅު އެއްވެސް ޙާލަތެއް މެދުވެރިނުވާނެ ކަމަށެވެ. ނަމަވެސް ﷲ ތަޢާލާއަށް އީމާންވެގެން ތިބޭ މުސްލިމުން އެކަން ދެކޭނީ މުޅިން ތަފާތު ގޮތަކަށެވެ. އެމީހުން ޤަބޫލުކުރާނީ މިއީ އިމްތިޙާން ކަމަށެވެ. ކެތްތެރިވާން މަސައްކަތްކުރަންޖެހޭނެ ކަމަށެވެ. ތިމާއަށް ދެރަކަމެއް މެދުވެރި ނުކުރައްވަވާނެ ކަމަށެވެ. 

ލޮބުވެތި އެކުވެރިންނޭވެ! މިބުނި ފަދައިން ނުވިސްނޭނަމަ ނުވަތަ ވިސްނަން އުނދަގޫވާނަމަ ހިތްމައްޗަށް ގެންނާށެވެ! ތިމާގެ މައްޗަށް ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް ކަމެވެ.  އެންމެ ކުޑަމިނުން ތިމާގެ އަމިއްލަ ނަފްސަކީވެސް ތިމާގެ އަމިއްލަ އެއްޗެއް ނޫންކަމާއި އެއީ ﷲ ތަޢާލާގެ މިލްކެއް ކަމެވެ.  

ޔަޤީންކުރާށެވެ! އެއްވެސް ނަފަސެއް ﷲ ތަޢާލާގެ މަގުގައި ހުއްޓައި އެމީހަކު ނިކަމެތި ނުކުރައްވަވާނެތެވެ. އެހެނަސް އިމްތިޙާން ކުރައްވަވާނެތެވެ. ފާސްވާއަޅުންނަށް އިމެއް ނެތި އުފާވެރިކަން ދެއްވަވާނެތެވެ. މިދުނިޔެއަކީވެސް، އަދި އާޚިރަތް ދުވަހަކީވެސް ﷲ ތަޢާލާގެ މިލްކެކެވެ. ދުނިޔޭގައި ނުވަތަ އާޚިރަތުގައި ނުވަތަ ދުނިޔެއާއި އާޚިރަތުގައި އުފާވެރިކަން ދެއްވެވުންވެސް މިލްކްވެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. ޔަޤީންކުރަންވީ އެކަލާނގެ އިރާދަ ކުރައްވަވާ ވަޤުތަކު އުފާވެރިކަން ދެއްވަވާނެ ކަމެވެ. އެއިރުން ހުރިހާ ކަންބޮޑުވުންތަކެއް ސިކުނޑިން ފުހެވިގެންދާނެއެވެ. އިން ޝާ ﷲ

 

- މަޢުލޫމާތު: ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން

 

 

މިއަދު އޮންލައިން