ޢިބްރަތްތެރި ވާހަކަ: ނަފުސާނީ ބައްޔެއްގަ ހުރި އަންހެނަކާ ކައިވެނިކޮށް ފިރިމީހާގެ ފަރުވާއިން ކުރު މުއްދަތެއްގަ ޝިފާ ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 12ސ
ޢިބްރަތްތެރި ވާހަކަ: ނަފުސާނީ ބައްޔެއްގަ ހުރި އަންހެނަކާ ކައިވެނިކޮށް ފިރިމީހާގެ ފަރުވާއިން ކުރު މުއްދަތެއްގަ ޝިފާ ލިބުނު ގޮތުގެ ވާހަކަ-

ބައްދަލުވާ އަންހެނަކު ދެކެ ލޯބިވެވުމުން ލޯބިހުށަހެޅީމެވެ. ޖަވާބު ލިބުނީ މަހެއްހައި ދުވަސްފަހުންނެވެ. ޖަވާބަކަށްވީ އެގެއަށްގޮސް އޭނާގެ މައިންބަފައިންނާއި ބަދަލުކުރަން" ބުނުމެވެ. އެކަން ޤަބޫލުކޮށް އެގެއަށް ދިއައިމެވެ.  

ފުރަތަމަވެސް ފެނުނީ ވަރަށް އާދައާ ޚިލާފް ކަމެކެވެ. ބެލް ޖެހުމުން ދޮރުހުޅުވާފައި ފުރތަމަވެސް އެދުނީ މާފަށެވެ. ދޮރުހުޅުވުން ލަސްވީތީ ކަމަށް ބުންޏެވެ. އެކަމަކު ލަހެއްވެސް ނުވެއެވެ. ދެން އެދުނީ ބޯނެ ފެންފޮދަކަށެވެ. ވަޤުތުން ފެންތަށި ގެނެސްދީފައިވެސް މާފަށް އެދުނެވެ. ގެނެސްދެވުން ލަސްވީތީ ކަމަށް ބުންޏެވެ. އެހިސާބުން އޭނާގެ ޙާލަތު ވިސްނައިގަނެވުނެވެ.  

އޭނާގެ މަންމައާއި ބައްޕައާއި ބައްދަލުވުމުން ފުރަތަމަވެސް ބުނީ ދަރިފުޅަކީ ވަރަށް ބޮޑު ނަފްސާނީ ބަލިކަމެއް ހުރި ކުއްޖެއް ކަމަށެވެ. އެކަން ޤަބޫލުކުރާނަމަ ކައިވެނިކުރުމަށެވެ. އަޅުގަނޑު ބުނީ އޭނާގެ އެއީ މައްސަލައެއް ނޫންކަމަށެވެ. އިތުރު އެއްޗެއް ނުބުނަމެވެ.  

ކައިވެނިކުރެވުނެވެ. އޭނާއަށް ޖެހިފައިހުރި ޙާލު ރަނގަޅަށް ވިސްނުނީ ކައިވެނިކުރިފަހުންނެވެ. އެހެންވެ ފުރަތަމަވެސް ޗުއްޓީ ނަގައިގެން ގޮވައިގެންދިއައީ ރަށަށެވެ. ރަށުގައި އަޅުގަނޑު އަނބިމީހާއަށް ވިސްނައިދިނީ އޭނާއަށް ކުރެވޭ ކޮންމެކަމެއްވެސް ކުރެވެނީ ވަރަށް ރަނގަޅަށް ކަމެވެ. މަންމަމެންނަށް ވިސްނައިދީގެން ހަމައެގޮތަށް އަނބިމީހާއަށް ވިސްނައިދިނީމެވެ.  

އެނބުރި މާލެއައީ 2މަސް ފަހުންނެވެ. އޭނާގެ މައިންބަފައިން އެދިފައި އޮތީމާ ދިރިއުޅެން ފެށީއެގޭގައެވެ. އަނބިމިހާއަށް އައިސްފައިވާ ބަދަލު ފެނުމުން އެމީހުން ޙައިރާންވިއެވެ. ކުރިފަރުވާއަކާއި ބެހޭގޮތުން ސުވާލުކުރީމާ ބުނީމެވެ. "މަންމާއެވެ! އޭނާއަށް އެކަން މެދުވެރިވެފައި ހުރީ ގޭތެރެއިން އޭނާއާއިމެދު ކަންކަން ކުރެވުނު ގޮތުން އަމިއްލަ ނަފުސަށް އިތުބާރު ގެއްލިގެންނެވެ. އަހުރެން ކުރިކަމަކީ އެއިތުބާރު އަނބުރައި ހޯދައިދިނުމެވެ."  

މަންމަ ކުށްވެރިކުރީ ގޭގައި އުޅޭ އެހެން މީހުންނެވެ. އަބަދުވެސް ދަރިފުޅުގެ ކުށްދައްކާކަމަށް ބުންޏެވެ. ޖަވާބުގައި ބުނީމެވެ. "އެކަކުވެސް ދެން އެކަން ނުކުރާށެވެ! ކުށެއްކޮށްފިއްޔާ ބުނާށެވެ! އެކަން ރަނގަޅުކުރުވާނީ އަޅުގަނޑެވެ."  

ކައިވެންޏަށް 12 އަހުރުވީއެވެ. އަނބިމީހާއަކީ ޖަވާހިރެއް ފަދަ އަންހެނެކެވެ. އަހުރެން ބުނާނީ އެއްވެސް މީހަކު އަބަދު ކުށްވެރިނުކުރާށެވެ. އެއީ ކިތަްނމެ ގަދަފަދަ މީހަކަށްވެސް ނަފުސާނީ ގޮތުން ބޮޑެތި ގެއްލުންތައް ލިބިދާނެ ކަމެކެވެ.   

މިއީ ކިޔުންތެރިއަކު ޙިއްޞާކޮށްފައިވާ ވާހަކަކޮޅެކެވެ. ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

އެއްވެސް ކުށެއް ނުކުރެވުނަސް، ނުވަތަ ކިތަންމެ ކުޑަކުޑަ ކުށެއް ކުރެވުނަސް މާފަށް އެދޭ މީހުން އުޅެއެވެ. އެފަދަ ކަމެއް މީހެއްގެ ކިބައިން ފާހަގަކުރެވިއްޖެނަމަ އެއީ ލިބޭ ވަރަށް މުހިންމު މެސެޖެކެވެ.  

ވަރަށް އަޚްލާޤް ރަނގަޅު ވަރަށް މަދުމީހެއްގެ ކިބައިން ރިވެތި އަޚްލާޤްގެ ސަބަބުން މިކަން ފެނުނު ނަމަވެސް ޢާންމު ގޮތެއްގައި ގިނަ ބައެއްގެ ކިބައިން އެލިބޭ މެސެޖަކީ އޭނާއަކީ އެއްވެސް މީހެއްގެ ކިބައިން، ނުވަތަ ތަޢްރީފް ލިބެންޖެހޭ އޭނާގެ ގާތްމީހުން އޭނާއަށް ތަޢްރީފްނުކުރާކަމެވެ. އަބަދުވެސް އެމީހުން އޭނާ ކުށްވެރިކޮށް ނަފްރަތުގެ ބަސްތައް ބުނާ ކަމެވެ.  

އެފަދަ ގިނަ މީހުން އަބަދުވެސް ތިބޭނީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. ކޮންމެ މީހަކުވެސް އޭނާއަށް ނަފްރަތުކުރާނެ ކަމަށް ނަލައިގެންނެވެ. އެހައި ފަސޭހައިން އެހައި އަވަހަށް (ކުށެއް ނުކުރެވުނަސް) މާފަށް އެދޭ ސަބަބަކީ އެއީއެވެ.  

މިފަދަ މީހުންނަށް އަބަދުހެން ތިބެވެނީ މާޔޫސްކަމެއްގައެވެ. ވިސްނިފައި އޮންނާނީ ތިމާއަކީ އެއްވެސް އަގެއް ނެތް މީހަކު ކަމަށެވެ. ތިމާއަށް ސަމާލުކަންދޭނެ އެކަކުވެސް ނުހުންނާނެކަމަށެވެ. އެއްވެސް ކަމެއް ރަނގަޅަށް ތިމާއަށް ނުކުރެވޭނެ ކަމަށެވެ!  

ޢާއިލާގެ ތެރެއިންވެސް އަދި ރަޙްމަތްތެރިނެގެ ތެރެއިންވެސް ނުވަތަ އެހެން ގޮތަކުން ނަމަވެސް މިފަދަ މީހަކާއި ބައްދަލުވެއްޖެނަމަ އޭނާއަށް ހަމްދަރުދީވާށެވެ. އެހީތެރިވާށެވެ. ހިތްވަރުދޭށެވެ. އޭނާއަކީ ވެސް އަގުހުރި ހަމަ އެހެން މީހުން ފަދަ މުހިންމު އިންސާނެއްކަން ވިސްނައިދޭށެވެ.  

ނަފްސާނީ މާޔޫސްކަމުގައި ތިބޭ މިފަދަ މީހުންނަށް އަޅާލައި އެހީތެރިވުމަކީވެސް އަޅުކަމެކެވެ. އަދި އެކަން ވެގެންދާނީ މީހަކަށް ކޮށްދެވޭ އެންމެ ބޮޑު ހެޔޮކަމުގެ ތެރެއިންނެވެ. އިން ޝާ ﷲ

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން