ނަރަކައިން ސަލާމަތްވުމަށް އެދޭމީހާ ކޮންމެހެންވެސް ފަރުވާތެރިވާންޖެހިފައިވާ އެންމެ ބޮޑު ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 4ސ
ނަރަކައިން ސަލާމަތްވުމަށް އެދޭމީހާ ކޮންމެހެންވެސް ފަރުވާތެރިވާންޖެހިފައިވާ އެންމެ ބޮޑު ކަންތައް!

ވަށައިގެން މިފެންނަނީ ވަރަށް ނުރައްކައުތެރި ކަންކަމެވެ. ނަރަކައަށް ވެއްޓިގަނެވިދާނެ ކަންކަމެވެ. ވީމާ ވަރަށް ފަރުވާތެރިކަމާއިއެކު ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ޢަމަލުވެސް ކުރައްވާށެވެ!   

ނިފާޤުގެ ދެވައްތަރެއްވެއެވެ. އެއީ: އިޢުތިޤާދުގެ ނިފާޤާއި ޢަމަލުގެ ނިފާޤެވެ. 

ފުރަތަމައީ: އިޢުތިޤާދުގެ ނިފާޤުގެ 6 ބާވަތެއްވެއެވެ.

1.    ރަސޫލާ صلى الله عليه وسلم ދޮގުކުރުން.

2.    ރަސޫލާ صلى الله عليه وسلم ގެންނެވި ބައެއް ކަންތައްތައް ދޮގުކުރުން.

3.    ރަސޫލާ صلى الله عليه وسلم ދެކެ ރުޅިއައުން.

4.    ރަސޫލާ صلى الله عليه وسلم ގެންނެވި ބައެއް ކަންތައްތައް ދެކެ ރުޅިއައުން.

5.    އިސްލާމްދީނަށް ނިކަމެތިވާފަދަ ކަމެއް މެދުވެރިވުމުން އެކަމާ އުފާކުރުން.

6.    އިސްލާމްދީނަށް ނަޞްރުލިބޭފަދަ ކަމެއް މެދުވެރިވުމުން އެކަމާ ނުރުހުންތެރިވުން.

މިފަދަ ކަމެއް އެމީހެއްގެ ކިބައިގައިވާ މީހަކީ ނަރަކައިގެ އެންމެ ދަށުދަރަޖައިގައި ވާނޭ މީހުންގެ ތެރެއިން މީހެކެވެ.

 

ދެވަނައީ: ޢަމަލީ ނިފާޤުގެ 5 ބާވަތެއްވެއެވެ.

1.    ވާހަކައެއް ދައްކައިފިއްޔާ ދޮގުހެދުން.

2.    އަރައިރުމެއްވެއްޖެއްޔާ ހުތުރު އެއްޗެހި ގޮވުން.

3.    ޢަހުދެއްކޮށްފިއްޔާ އެއަށް ޣައްދާރުވުން.

4.    އަމާނަތެއް ހަވާލުކޮށްފިއްޔާ އެއަށް ޚިޔާނާތްތެރިވުން.

5.    ވަޢުދެއްވެއްޖެއްޔާ އެއާ ޚިލާފުވުން.

6.     

އެކަމުގެ ދަލީލަކީ ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްފުޅެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((آيَةُ المُنَافِقِ ثَلاَثٌ: إِذَا حَدَّثَ كَذَبَ، وَإِذَا وَعَدَ أَخْلَفَ، وَإِذَا اؤْتُمِنَ خَانَ)) [رواه البخاري في صحيحه برقم: (33)]

މާނައީ: “މުނާފިޤުންގެ ތިން ޢަލާމާތެއްވެއެވެ. ވާހަކައެއް ދައްކައިފިއްޔާ ދޮގުހަދާނެއެވެ. އަދި ވަޢުދެއްވެއްޖެއްޔާ އެއާ ޚިލާފުވާނެއެވެ. އަދި އަމާނާތެއް ހަވާލުކޮށްފިއްޔާ އެއަށް ޚިޔާނާތްތެރިވާނެއެވެ." 

އަދި އެހެން ޙަދީޘެއްގައިވެއެވެ.

((وَإِذَا عَاهَدَ غَدَرَ، وَإِذَا خَاصَمَ فَجَرَ)) [رواه البخاري في صحيحه برقم: (34)]

މާނައީ: "އަދި ޢަހުދެއްވެއްޖެއްޔާ އެއާ ޚިލާފުވާނެއެވެ. އަދި އަރާރުމެއްވެއްޖެއްޔާ ހުތުރު އެއްޗެހި ގޮވާނެއެވެ."   

ނިފާޤުކަމަކީ ކުފުރާއި މުއުމިނުންނަށް އޮޅުވާލުމާ، މިދެ ނުބައިކަން އެއްކުރާ ކަމެކެވެ. އެހެންކަމުން ﷲ ތަޢާލާ އެފަދަ މީހުންނަށް ގަދަފަދަ ވެގެންވާ ޢުޤޫބާތް ދެއްވައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. 

﴿إِنَّ الْمُنَافِقِينَ فِي الدَّرْكِ الْأَسْفَلِ مِنَ النَّارِ وَلَن تَجِدَ لَهُمْ نَصِيرًا﴾ [سورة النساء ١٤٥] 

މާނައީ: "ހަމަކަށަވަރުން، މުނާފިޤުން ވާހުށީ، ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައެވެ. އަދި އެއުރެންނަށް ނަޞްރުވެރިވާނޭ އެއްވެސް ފަރާތެއް ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވާނެއެވެ." 

އިޢުތިޤާދީ ނިފާޤަށް ވެއްޓޭ މީހުންކުރާ ބައެއް ކަންތައްތަކުގެ ތެރޭގައި: 

ނަބިއްޔާ صلى الله عليه وسلم ގެންނެވި ކަންތައްތައް ދޮގުކުރުން.

މިޘާލަކަށް: އާދަމުގެފާނު ޚަލްޤުކުރެއްވުނީ މަށިންކަމާއި ޙައްވާގެފާނު ޚަލްޤުކުރެއްވުނީ އެކަލޭގެފާނުގެ އަރިކަށިންކަމާއި މުޙައްމަދު އަކީ އެންމެ ފަހުގެ ނަބިއްޔާ އަދި ރަސޫލާކަމެވެ. މުސްލިމެއްކަމުގައި ދަޢުވާކުރާ ޙާލުވެސް އެފަދައިން ދީނުގައި ބަޔާންވެގެންވާ ކަންތައްތައް އިންކާރުކުރާ މީހުންވާނީ މުނާފިޤުންނަށެވެ. 

ނަބިއްޔާ صلى الله عليه وسلم ގެންނެވި ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތަކަށް އިންކާރުކުރުން. 

މިޘާލަކަށް: ރާބުއިން ޙަރާމްކޮށްފައިވާތީ އެކަމާ ނުރުހުންތެރިވުމާއި ނަމާދަށް ނަފުރަތުކުރުމާއި ނަމާދަށް ފުރައްސާރަކުރުމެވެ. 

އިސްލާމީ ޝަރީޢަތަށް ޢަމަލުނުކުރާތީ އެކަމާ އުފާކުރުމާއި އިސްލާމްދީނާއި މުސްލިމުންނަށް ނަޞްރު ލިބުމަށް ނޭދުން.  

ޢަމަލީ ނިފާޤުގެ ކަމެއް މުސްލިމަކު ކޮށްފިނަމަ (މިޘާލަކަށް: ދޮގުހެދުމާއި ޣައްދާރުވުން) ފަހެ އެފަދަ މީހަކު އިސްލާމްދީނުން ބޭރެއް ނުވާނެއެވެ. އެހެނަސް އޭނާއަށް އެ އަރައިގަނެވެނީ ވަރަށް ބޮޑު ފާފައަކަށެވެ. އޭގެ ސަބަބުން އޭނާ އިޢުތިޤާދުގެ ނިފާޤަށް ވެއްޓިދާނެކަމުގެ ބިރު އޮންނާނެއެވެ.

އިޢުތިޤާދުގެ ނިފާޤަށް އަރައިގަންނަ މީހުން އިސްލާމްދީނުގެ މިއްލަތުން ބޭރުވާނެއެވެ. އަދި ޢަމަލީ ނިފާޤަށް އަރައިގަންނަ މީހުން އިސްލާމްދީނުގެ މިއްލަތުން ބޭރެއް ނުވާނެއެވެ.

 

- މަސްދަރު: ދިސަލަފިއްޔާ

 

މިއަދު އޮންލައިން