އަނެކާގެ ހިތަށް އަނިޔާކުރުމަކީ އެތައްބައިވަރު ވަޒަންތަކެއް އެއްފަހަރާ ފޮނުވާލައިގެން ޙަމަލާދިނުމަށްވުރެ މާބޮޑު އަނިޔާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
އަނެކާގެ ހިތަށް އަނިޔާކުރުމަކީ އެތައްބައިވަރު ވަޒަންތަކެއް އެއްފަހަރާ ފޮނުވާލައިގެން ޙަމަލާދިނުމަށްވުރެ މާބޮޑު އަނިޔާއެއް!

ވަރަށް ފަހުން ބައްދަލުވި ޒުވާން އަންހެނަކު ހުރިޙާލު ފެނުމުން އޭނާގެ މައިންބަފައިންނާއި ސުވާލުކުރުމުން ބުންޏެވެ. "ދަރިފުޅު އުޅުނީ މީހަކުދެކެ ވަރަށް ބޮޑަށް ލޯބިވެގެންނެވެ. އެކަމަކު އެމީހާވީ ވަރަށް ބޮޑު އަނިޔާވެރިއަކަށެވެ. އޭނާ ދަރިފުޅުދެކެ ލޯބިވެގެން ކަމަށް ހެދިގެން އުޅުނީ އޭނާގެ ލޯބިވެރިޔާއާއި މައްސަލަ ޖެހުމުން "ޓައިމްޕާސް"ކޮށްލާށެވެ! ދަރިފުޅަށް އަދިވެސް އެއުޅެނީ އެކަމުން ލިބުނު ހިތާމައިން އަރައިނުގަނެވިގެންނެވެ."  

ނިކަންބުނެބަލާށެވެ! އެގޮތަށް އިންށާނުންގެ ބޭނުން ހިފުމަކީ މީހަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާއަށް ނުވާނީ ކީއްވެގެން ހެއްޔެވެ؟ އަހުރެން ބުނާނީ އެއީ ތިމާގެ ހިތުގައި އެހެން މީހުންގެ މައްޗަށް އެއްވެސް ރަޙުމެއް ކުލުނެއް ނެތް އެންމެ ބޮޑެތި އަނިޔާވެރިން ނޫނީ ކުރާނެ ކަމެއް ނޫންކަމަށެވެ. 

ކުރުމުއްދަތަކަށް އުފާ ހޯދުމުގެ ބޭނުމުގައި މީހުންދެކެ ލޯބިވެގެން އުޅުމަކީ އިންސާނުން އަޅުވެތިކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. މިބުނަނީ ތިމާ ޙާޞިލްކުރަން ބޭނުންވާ ވަކިކަމެއް ޙާޞިލުކުރެވެންދެން މީހަކުދެކެ ލޯބިވާކަމަށް ދައްކައިގެން އުޅުމުގެ ވާހަކައެވެ. ޚާއްޞަކޮށް އެކަން އަނެކާއަށް ސިއްރުކޮށް އޮޅުވައިލާފައި އޮތް ނަމަ އެއީ މުޅި އިންސާނިއްޔަތާއި ދެކޮޅަށް ހިންގޭ ބޮޑު ޖަރީމާއެކެވެ.  

ކޮންމެ މީހަކުވެސް އެމީހެއްގެ ބޭނުންތައް ފުއްދަންވާނީ އިންޞާފުންނެވެ. ޙައްޤު ގޮތުގައެވެ. ވީމާ ލޯބިވާންޖެހޭނީ ކައިވެނިކުރާށެވެ! ކުރުމުއްދަތަކަށް ނުވަތަ ކައިވެނިކުރުމުގެ ނިޔަތް ނެތި، ޚާއްޞަކޮށް އޮޅުވާލުމުގެ ތެރެއިން ލޯބިވެގެން އުޅުމަކީ ހިންގޭ ވަރަށް ބޮޑު ޖަރީމާއެކެވެ. އެކަމުގެ އަސަރު އަނިޔާ ލިބޭ މީހާގެ މުޅި ޢުމުރަށްވެސް ކުރާނެތީއެވެ. އަދި އެއީ އަނިޔާލިބޭ މީހާގެ ހިތް ކުދިކުދިކޮށް ކޮށާލުން ފަދަ ކަމަކަށްވާތީއެވެ.  

ލޯބިވެގެން ކައިވެނިނުކޮށް އެކުގައި އުޅުން އިސްލާމް ދީނުގައި މަނާކުރެއެވެ. އެކަމުގެ ޙުކުމަކީ ޙަރާމެވެ. އެއީ އިސްލާމް ދީނުގައި އޮތް ވަރަށް ފުރިހަމަ ނިންމުމެއްކަމަށް މުސްލިމުން ނޫން މީހުންވެސް ޤަބޫލުކުރެއެވެ. އެކަމަށް ތަޢްރީފްވެސް ކުރެއެވެ.  

މީސްތަކުންގެ ހިތުގައި އަމިއްލަ އެދުން ބޮޑުވެ ހަމައެކަނި ތިމާގެ އުފާވެރިކަމަށް އިސްކަންދޭންފެށުމުން މިފަދަ ކަންކަމަކީ މިއަދު މައްސަލައެއް ކަމުގައި ގިނަ ބައަކު ނުދެކުނު ނަމަވެސް މިއީ ވަރަށް ބޮޑު މައްސަލައެކެވެ.  

ތަކުރާރުކޮށްލާނަމެވެ! ކުރު މުއްދަތަށް ލޯބިވެ އަނެކުންނަށް އަނިޔާނުކުރާށެވެ! ބޮޑެތި ޖަރީމާތައް ނުހިންގާށެވެ! ޖަރީމާއަކަށް ނުވަތަ ދިން ޙަމަލާއަކަށްވަނީ ފިސްތޯލައަކުން ވަޒަންޖެހުމަކުން ނޫނެވެ. އަހުރެން ދެކޭ ގޮތުގައި އަނެކާގެ ހިތަށް އަނިޔާކުރުމަކީ ދިހަ ފިސްތޯލައިން އެއްފަހަރާ ފޮނުވައިލެވޭ ވަޒަންތައް އަމާޒުކުރުމަށްވުރެ މާބޮޑުއަނިޔާއެކެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން