ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މި ސްކީމްތަކަށް ކުރިމަތިލުމުގެ އުސޫލުތަކާއި މާކްސް ދޭނެ ގޮތުގެ ތަފްޞީލުތައް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
މި ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މާރިޗު މަހުގެ 4 ވަނަ ދުވަހެވެ. އަދި ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މި ސްކީމަކީ 17 ނޮވެންބަރު 2025 ގައި ގެޒެޓުކުރި އުސޫލުތަކަށް އިސްލާހު ގެނައުމަށްފަހު އަލުން އެކުލަވާލާފައިވާ އުސޫލުތަކެއްގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދާއި ރަސްމާލެ ހިމެނޭހެން ޖުމްލަ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ:
- މާލޭގެ ރަށްވެހިންނަށް 10,000 ގޯތި
- މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި
- މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި
- ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި
ފުލެޓު ދޫކުރުމުގެ ދާއިރާއިން މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރެއިން 4,000 ފްލެޓް މާލޭގެ ރަށްވެހިންނަށް ޚާއްޞަކޮށްފައިވާއިރު، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، ދަރިން ތިބި މިންވަރަށް ބަލައި ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތުވެސް މި ސްކީމުގެ ދަށުން ލިބިގެންދާނެއެވެ. މިއީ ބޯހިޔާވަހިކަމުގެ ދަތިކަން ހުރި އާއިލާތަކަށް ލިބިގެންދާ ބޮޑު ލުޔެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ފުރަތަމަ ސްކީމް އިޢުލާނުކުރީ މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. މިހާރު ޢާއްމުކޮށްފައިވާ އުސޫލުތަކަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމާއި ފުލެޓު ދޫކުރުމުގެ އުސޫލަށް ގެނެވުނު އިސްލާހުތަކާއެކު އެކުލަވާލާފައިވާ އުސޫލުތަކެއް ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.