މި ސަރުކާރުން ފަށާ ބޯހިޔާވަހިކަމުގެ މަޝްރޫޢޫތައް މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި އެއްކޮށް ނިންމައި، އޭގެ ޙައްޤުވެރިންނާ ޙަވާލުކުރައްވާނެ ކަމުގެ ޔަޤީންކަން ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ދެއްވައިފިއެވެ.
މާލޭ ސަރަހައްދުން މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކުގެ ދަށުން ދޫކުރާ ގޯއްޗާއި ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލެއްވުމަށް ފަހު މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ، މި ދައުރުގެ ތެރޭގައި ގޯތިތަކުގެ ރަޖިސްޓްރީ ހަދައި، އިން ވަކިކޮށް ޙަވާލުކުރާނެ ކަމަށެވެ. އަދި މިހާރު އިޢުލާންކޮށްފައިވާ 7،900 ފްލެޓަކީ ފައިނޭންސް ޔަޤީންވެފައިވާ މަސައްކަތްތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވޭތުވެދިޔަ ސަރުކާރުތަކުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، "2008ގެ ފަހުން، އެއްވެސް ސަރުކާރެއްގައި އެ ސަރުކާރަކުން ފެށި ޕްރޮޖެކްތަކެއް ނިންމާ ފްލެޓަށް މީހުން ވެއްދިފައެއް ނެތް. މި ސަރުކާރުން އެކަން ބަދަލު ކުރާނަން. ޢަމާޒަކީ އެ ތަންތާގައި ދިރިއުޅެވޭވަރު ކުރުން." މި މަޝްރޫޢުތަކުގެ މައިގަނޑު ބޭނުމަކީ ހަމައެކަނި އިމާރާތް ކުރުން ނޫން ކަމަށާއި، އެ ތަންތަނުގައި އާއިލާތަކަށް ދިރިއުޅެވޭނެ މާހައުލެއް ގާއިމުކޮށްދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ އެންމެ ބޮޑު އެއް ވަޢުދަކީ، އަމިއްލަ ބޯހިޔާވަހިކަމެއް ނެތް 18 އަހަރުން މަތީގެ އެއްވެސް ރައްޔިތަކު ރާއްޖޭގައި ނުހުންނާނެކަން ކަށަވަރު ކުރުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި އާބާދީ އެންމެ ބޮޑު މާލެ ސަރަޙައްދުގައި ބޮޑެތި މަޝްރޫޢުތަކެއް ވަނީ ފަށާފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި ސަރުކާރުގެ އެންމެ ފުރަތަމަ ސިޔާސަތަކީ އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.
މިއަދު ހުޅުވާލި ބޯހިޔާވަހިކަމުގެ ސްކީމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "ފުރަތަމަ ސްކީމު މި ޚާއްސަވަނީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް. ބޯހިޔާވަހިކަމުގެ ޑިމާންޑް އުފެދެނީ އާއިލާތަކުން. ދަރިންނަށް މައިންބަފައިންނަށް ފޯރުކޮށްދޭ ރައްކާތެރިކަމުގެ ތެރެއިން." ކަމަށެވެ.
މި މަޝްރޫޢުތައް ނިމިގެންދާއިރު، ހުރިހާ ފްލެޓްތަކަކީވެސް މީހުންނަށް ދިރިއުޅެވޭ ފެންވަރަށް ތަރައްޤީކުރެވިފައިވާ ތަންތަނަށް ހެދުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުކަމުގައި ވަޒީރު ޑރ. މުއްޠަލިބް ތަކުރާރުކުރެއްވިއެވެ.