އުމުރާގެ އަޅުކަން ފުރިހަމަކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން ބަލީގެ އަލާމާތްތައް ފެންނަ މީހުންނަށް ޚާއްޞަކޮށްގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފްލޫ ކްލިނިކެއް މިއަދު ހުޅުވައިފިއެވެ.
އައިޖީއެމްއެޗުން މައުލޫމާތު ދެއްވި ގޮތުގައި، މި ކްލިނިކުގެ ޚިދުމަތް ހޯއްދަވަން ބޭނުންވާ ފަރާތްތަކުން އެންމެ ފުރަތަމަ ދާންޖެހޭނީ އެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމް (އީ.އާރް) ޓްރައިޖަށެވެ. އެތަނުން ބަލިމީހާގެ ހާލަތު ބެލުމަށްފަހު، 'ކިއުބީ' ޓޯކެން ސިސްޓަމް މެދުވެރިކޮށް ފްލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިއުމަށް އިރުޝާދު ދޭނެއެވެ.
މި ކްލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުމުގެ ޚިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އާ ހަމައަށް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ. މި ޚިދުމަތްތައް ކުރިއަށްދާނީ އައިޖީއެމްއެޗްގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10 ގައެވެ.
އައިޖީއެމްއެޗުން މިފަދަ ކްލިނިކެއް ހުޅުވާފައި މިވަނީ، އުމުރާގެ އަޅުކަމަށްފަހު ގިނަ އަދަދެއްގެ ދިވެހިން މި ދުވަސްވަރު އެނބުރި ރާއްޖެ އަންނަމުންދާތީއެވެ. އުމުރާވެރިން އެނބުރި އަންނަ ދުވަސްވަރުގައި ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތައް ފެތުރުން އިތުރުވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އިންތިޒާމު ހަމަޖެއްސީ ކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެއްވިއެވެ.
މި ދުވަސްވަރު އުމުރާއިން އެނބުރި އަންނަ ފަރާތްތަކުގެ ތެރެއިން ހުން އައުން، ކެއްސުން ނުވަތަ ނޭވާލާން އުނދަގޫވުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވައެވެ.