މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 120،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. އެ ވުޒާރާއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ޑެއިލީ އަޕްޑޭޓު ރިޕޯޓުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 120،680 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 109,501 ފަތުރުވެރިންނާ އަޅާބަލާއިރު 10.2 އިންސައްތަ އިތުރު އަދަދެކެވެ. މި ކުރިއެރުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
މި މަހުގެ މިހާތަނަށް އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 9,596 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. އަދި މިހާރުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެވްރެޖްކޮށް ކޮންމެ ދުވަހަކު 7,099 ފަތުރުވެރިން ރާއްޖެއަށް އާދެއެވެ.
މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމަކީ ޗައިނާ ކަމަށްވީ ނަމަވެސް، މިއަހަރުގެ ފުރަތަމަ 17 ދުވަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ރަޝިއާއިންނެވެ. ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ތިން ގައުމަކީ ރަޝިއާ (19,171 ފަތުރުވެރިން) ، އިޓަލީވިލާތް (13,601 ފަތުރުވެރިން) ، އިނގިރޭސިވިލާތް (10,365 ފަތުރުވެރިން) އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއެކު، މިއަހަރަށް ކަނޑައަޅާފައިވާ ފަތުރުވެރިކަމުގެ އަމާޒުތަކަށް ވާސިލުވުމަށް އުންމީދީ ނަތީޖާތަކެއް ފެންނަމުންދާކަން މި ތަފާސްހިސާބުތަކުން ހާމަވެއެވެ.