ﷲ ތަޢާލާއަށްޓަކައި ކަމެއް ނުކޮށް ދޫކޮށްލައިފި މީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެކަމަށް ޝައްކުކުރުމެއްވެސް ނެތެވެ. އެއީ ޔަޤީންކުރަންޖެހޭނެ ކަމެކެވެ. ޙދީޘްފުޅުގައި އޮތީ މިފަދައިންނެވެ.
Abu Qatadah reported: The Prophet, peace and blessings be upon him, said, “Verily, you will never leave anything for the sake of Allah Almighty but that Allah will replace it with something better for you.”
Source: Musnad Aḥmad 23074
ދުނިޔޭގެ އެދުމަށް ދަހިވެތިކަން ބޮޑުވުމުން ޙަދީޘްފުޅުގެމަތިން ހަނދާން ނައްތާލެވެނީއެވެ. ތިރީގައިވާ ވާހަކައަކީ ވިސްނަން ބޭނުންވާ ކޮންމެ މީހަކަށްވެސް ވަރަށް އަގުހުރި ފިލާވަޅެކެވެ. އިން ޝާ ﷲ
ކައިވެންޏަށް 3 ވަނަ މަހެވެ. އެއްރޭ ނިދަން އޮވެފައި ހޭލެވިގެން ބައިލިއިރު ގަޑިން 12 ޖަހަނީއެވެ. ފިރިމީހާ ކޮޓަރިއަކު ނެތެވެ. ބައެއް ރޭރޭ ގެއަށް އައުމަށްފަހުވެސް ކޮޓަރިއަށް ނައިސް ސިޓިންގ ރޫމްގައި އިންނާތީ އެރޭވެސް ސިޓިންރޫމްގައި އިނީތޯ ބަލައިލަން ނުކުތީމެވެ.
ގޭގައި އިތުރުބައަކު ނުއުޅޭތީ ލައިގެންހުރި ހެދުމަކަށް ސަމާލުކަމެއް ނުދެމެވެ. ސިޓިންގ ރޫމަށް ވަދެވުނުއިރު ފިރިމީހާ ޢާއި އިތުރު ފިރިހެނަކާއި ތިއްބައި ފެނުމުން ދިއައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް އެނބުރި ކޮޓަރިއަށް ދިއައިމެވެ.
އިރުކޮޅެއްފަހުން ފިރިމީހާ ކޮޓަރިއަށް އައިސް ބުނީ ސިޓިންގރޫމްގައި އިނީ އޭނާގެ ބޮސް ކަމަށެވެ. އަހަރެން ފެނުމުން އަހަރެން ވަރަށް ރީތިކަމަށް ބުނި ކަމަށެވެ. އެއީ މާބޮޑުކަމަކަށް ނުހަދަމެވެ. އެވާހަކައަށް ޖަވާބެއްވެސް ނުދެމެވެ.
އެއިގެ ފިރިމީހާ އަބަދުހެން ހުންނަނީ ކަންބޮޑުވުމެއްގައެވެ. ވީމާ ކޮންމެވެސް ގޯހެއް އެބަ ހިނގާކަމަށް ޝައްކުކުރެވުނެވެ. ނަމަވެސް ކުރެވޭ ތުހުމަތި ބޮޑުކަމުން ސުވާލުކުރުމުން ތެދަށް ނުބުނާނެ ކަމުގެ ޔަޤީންކަން އޮތްވަރުން ސުވާލެއް ނުކުރަމެވެ.
ކުރިން އުޅުނީ ލިބޭ މުސާރައިން ދެކޮޅު ނުޖެއްސިގެންނެވެ. ނަމަވެސް ކުއްލިއަކަށް ފިރިމީހާގެ ޖީބުގައި ފައިސާ ގިނަވާން ފަށައިފިއެވެ. ކުރިން އަހަރެންނަށް ބޭނުންވާ އަސާސީ ތަކެތި ގަނެ ނުދެވިގެން އުޅުނު މީހާ އަގުބޮޑު ހަދިޔާތައް ގަނެގެން ގެއަށް ގެންނަން ފަށައިފިއެވެ. އެކަންކަމުގެ ސަބަބުން އަހަރެންނަށް ކުރެވެމުން އައި ޝައްކުތަކަށް އިތުރު ޔަޤީންކަމެއް ލިބެން ފެށިއެވެ.
މަހެއްހައި ދުވަސްފަހުން އެއްރޭ ނިދަން އޮވެގެން ބުނީ އޭނާގެ ބޮސް އާއިއެކު ރާއްޖެއިން ބޭރަށް ދަތުރެއްކުރަން ފުރުޞަތު ލިބިއްޖެކަމަށާއި ދާނީ އަހަރެންވެސް ގޮވައިގެން ކަމަށެވެ. އެވާހަކަތަކަކަށް ޖަވާބެއް ނުދެމެވެ.
އެއިގެ ހަފްތާއެއްހައި ދުވަސްފަހުން މާދަމާ ފުރަން ތައްޔާރުވަން ބުނުމުން ދެކޮޅުހެދީމެވެ. ދަތުރު ނުދާނެކަމަށް ބުނީމެވެ. އެކަމާ ފިރިމީހާ ރުޅިއައެވެ. ނުގޮސްފިނަމަ އޭނާގެ ވަޒީފާ ގެއްލިދާނެ ކަމަށާއި އެއިރުން ލިބޭނެ ދެރަ މާބޮޑުވާނެ ކަމަށް ބުންޏެވެ.
ޖަވާބުގައި ބުނީމެވެ. "އަހަރެން ދަތުރު ނުގޮސްގެން ކަލެއަށް ލިބޭނީ ކޮން ދެރައެއް ހެއްޔެވެ؟ އަހަރެންނަކީ ކަލޭގެ ބޮސްގެ ވަޒީފާގައި ހުރި މީހެއް ނޫނެވެ. ބޮސްއަށް ކޮށްދޭންޖެހޭ މަސައްކަތެއް ނުއޮންނާނެއެވެ. ބޮސްއަށް މަސައްކަތްކޮށްދޭންޖެހޭނީ ކަލެއަށެވެ. ކަލޭ ގޮސް އޭނާ ބުނާ މަސައްކަތެއް ކޮށްދިނީމާ ނިމުނީ ނޫންހެއްޔެވެ؟"
އެހިސާބުން މަޖުބޫރުވެގެން ފިރިމީހާ ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. އަހަރެންނަށް އަގުބޮޑު ހަދިޔާތައް ގަނެގެން ގެނެސްދިނީ ބޮސް އަހަރެން ބޭނުންވެގެން ޚަރަދުކުރަން ދިން ފައިސާއިންނެވެ. ބޮސް އަށް އަހަރެން ރުހިއްޖެނަމަ ފިރިމީހާއަށް ޕްރަމޯޝަނެއް ދޭނެ ކަމަށްވެސް އޮތީ ބުނެފައެވެ. ދަތުރުދާން މިއުޅެނީ އެހެންވެގެންނެވެ.
އަހަރެން ބުނީމެވެ. "ތިއަ ކަންކަން ތިއަހެން ވާންއުޅޭކަން މާކުރިންވެސް ވިސްނުމުގެ ކުޅަދާނަކަން މާތް ﷲ ދެއްވެވިއެވެ. އެހެންވެ ކަލޭ ދިން އެއްވެސް ހަދިޔާއެއްގެ ބޭނުމެއް ނުކުރަމެވެ. ހުރިހާ އެއްޗެއް އަލަމާރީގައި ހުންނާނެއެވެ. މައިންބަފައިން އަހަރެން ބަލައި ބޮޑުކުރީ ޙަރާމް ގޮތުގައި ފައިސާ އާއި އަގުބޮޑު ތަކެތި ހޯދަން ދަސްކޮށްދީގެނެއް ނޫނެވެ. އެކަން ނުކުރަން އިންޒާރު ދިން ޢަދަދެއްވެސް ނުއެނގެއެވެ. ވީމާ ތިހިސާބަށް ކަންކަން ދިއުމުން އަހަރެން މިގެއިން މިދަނީއެވެ. ރީތިގޮތުގައި ވަރިކޮށްދޭށެވެ. އެކަން މާދަމާ ކޮށްނުދީފިނަމަ ކޯޓަށް ގޮސް ކަލޭގެ ކިބައިގައި މަކަރުވެރިކަމާއި ލިބިގެންހުރި ޖަނަވާރު ސިފަ ކޯޓުގައި ކިޔައިދޭނަމެވެ."
އެހެން ބުނެފައި ޖަވާބަކަށް މަޑެއްވެސް ނުކުރަމެވެ. ހިފަހައްޓަނިކޮށް ގަދަކަމުން ނުކުތީއެވެ. ދޮރުހުޅުވައިދިނީ އަޑުގަދަކޮށް މީހުން އެއްކުރާނެ ކަމަށް ބުނުމުންނެވެ.
އޭނާ އަހަރެން ވަރިކުރިއެވެ. އެއިގެ އަހަރެއްހައި ދުވަސްފަހުން ދެވަނަ ކައިވެނިކުރީމެވެ. ފިރިމީހާއަކީ ކުރީގެ ފިރިމީހާގެ ބޮސްއަށްވުރެ ފަޤީރު މީހެއް ނޫނެވެ. އެހެންވީމާ ލިބުނީ ތަނަވަސް ދިރިއުޅުމެކެވެ. އެދިރިއުޅުމުގައި މިހާރު 15 އަހަރުވީއެވެ. 4 ދަރިން ލިބިއްޖެއެވެ. އަދިވެސް އުޅެމުން މިގެންދަނީ އުފާވެރިކަމުގައެވެ.
މިހާރުގެ ފިރިމީހާ ދަޢުވަތުދެނީ ކުރީގެ ފިރިމީހާ ދައުވަތުދިންފަދަ ދަތުރުތަކަކަށް ނޫނެވެ. ޢުމްރާއަށެވެ. ކޮންމެއަހަރަކުހެން ޢުމްރާވަމެވެ. ކައިވެނީގެ ފުރަތަމަ އަހަރު ޙައްޖުވެސް ވީމެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ އަހަރެންގެ ކުރީގެ ފިރިމީހާ ފަދަ ފިރިން މިހާރު ގިނަވެއްޖެއެވެ. ނުވިކޭށެވެ. މާތް ﷲ އަށް ބިރުވެތިވާށެވެ. އެކަމުގެ ބަދަލުގައި ދެއްވަވާ އުފާވެރިކަން މާބޮޑުވާނެއެވެ. އިން ޝާ ﷲ. ފަހަރެއްގައި ދެވަނަ ފިރިއަކަށް ފަޤީރަކުވެސް ލިބިދާނެއެވެ. ހަމަޤައިމުވެސް ފާފަ ނުކުރީމާ ޤިޔާމަތް ދުވަހު ދެއްވަވާ އުފާވެރިކަން މާބޮޑުވާނެއެވެ. އިން ޝާ ﷲ
- ހުމައިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް