ޢަލީ އިޙްސާން ފިރާޤް
ޞަޙާބީންގެ ތެރެއިން އެންމެ ގިނަ ޙަދީޘް ރިވާވެގެން އައިސްފައިވަނީ أبو هريرة رضي الله عنه ގެ ފަރާތްޕުޅުންނެވެ. ސިޔަރު އަޢުލާމުއް ނުބަލާއުގައި ބަޔާންކުރައްވައިފައިވަނީ އަބޫހުރައިރަތުގެފާނުގެ އަރިހުން 5374 ޙަދީޘް ރިވާވެގެން އައިސްފައިވާ ކަމަށެވެ. ބުޚާރީ އާއި މުސްލިމު އިއްތިފާޤުވެވަޑައިގެންފައިވާ ޙަދީޘްތަކުގެ އަދަދަކީ 326 އެވެ. މީގެ އިތުރަށް ބުޚާރީގައި 93 ޙަދީޘް އަދި މުސްލިމުގައި 98 ޙަދީޘް ރިވާވެގެންވެއެވެ.
އިމާމު ދާރިމީގެ މުސްނަދުގައި ރިވާވެގެންވެއެވެ. أبو هريرة رضي الله عنه ވިދާޅުވެފައިވެއެވެ. "ތިމަންކަލޭގެފާނު ރޭގަނޑުގެ ގަޑިތައް ތިން ބަޔަކަށް ބަހާލަމެވެ. ރޭގަނޑުގެ އެއްބައި ހޭދަކުރަނީ ސުންނަތް ނަމާދު ކުރުމަށެވެ. އަނެއް ބައި ހޭދަކުރަނީ ނިދުމަށެވެ. އަނެއްބައި ހޭދަކުރަނީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޙަދީޘް ބަސްފުޅުތައް ދަސްކުރުމަށެވެ."
{އިމާމު ދާރިމީ، މުސްނަދު، ވޮލިޔުމް 1، ޞަފްޙާ 322}
އިމާމު ޝާފިޢީ އެކަލޭގެފާނުގެ ލިޔުއްވި އައްރިސާލާ މިފޮތުގައި ލިޔުއްވައިފައިވެއެވެ. "އަބޫހުރައިރަތުގެފާނަކީ، ޞަޙާބީންގެ ތެރެއިން ކުރިއަށް ތިއްބެވި ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. އެކަލޭގެފާނުގެ ޒަމާނުގެ މީސްތަކުންގެ ތެރެއިން އެންމެ ގިނަ ޙަދީޘް ރިވާކުރައްވައިފައިވަނީ އެކަލޭގެފާނެވެ."
އަލްޙާފިޡު އިބްނު ކަޘީރު އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވެއެވެ. "އަބޫހުރައިރަތުގެފާނުގެ ތެދުވެރިކަމާއި، ހިތުދަސްކުރެއްވުމުގެ ބާރުފުޅު ގަދަކަމާއި، އަމާނާތްތެރިކަމާއި، ތަޤުވާވެރިކަމާއި، އަޅުވެރިކަމާއި، އެކަލޭގެފާނުގެ ހެޔޮ އަމަލުފުޅުތައް ހުރީ ވަރަށް މަތީ ދަރަޖައަކަށެވެ."
މާތް ނަބިއްޔާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގަތުމަށްފަހު، އަބޫހުރައިރަތުގެފާނު ގާތްގަނޑަކަށް 48 އަހަރު ދުނިޔޭގައި ހުންނެވިއެވެ. އިސްލާމީ އުއްމަތަށް ލިބިގެންދިޔަ ބޮޑެތިބޮޑެތި ފަތަޙަތަކާއި، ކުރިއެރުންތައް އެކަލޭގެފާނުގެ ލޯފުޅުން ދެކެވަޑައިގެންނެވިއެވެ. މުސްލިމުންގެ ތެރޭގައި އުފެދިގެން ދިޔަ ބޮޑެތި ފިތުނަތަކާއި ހަމަނުޖެހުންތައް ނުހަނު ގާތުން އެކަލޭގެފާނު ތަޖުރިބާ ކުރެއްވެވިއެވެ.
އަލްޙާފިޡު އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވަނީ އަބޫހުރައިރަތުގެފާނު އަވަހާރަވީ ހިޖުރައިން 58 ނުވަތަ 59 ވަނަ އަހަރުގައި ކަމަށެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރު ބަހަކީ އެކަލޭގެފާނު އަވަހާރަވީ ހިޖުރައިން 59 ވަނަ އަހަރު ކަމުގައި ބުނެވޭ ބަސްކަމަށް އިބްނު ކަޘީރު ލިޔުއްވައެވެ.
ލިޔުނީ: ޢަލީ އިޙްސާން ފިރާޤު