ތިމާއަށް ކުރިމަތިވާ ކޮންމެ ކަމަކީވެސް ﷲ ގެ ޙަޟްރަތުގަ ލިޔުއްވިގެންވާ ކަމެއްކަން ޤަބޫލުކުރާ މީހަކަށްނުވެ ހިތް ހަމަޖެހުމެއް ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 29ސ
ތިމާއަށް ކުރިމަތިވާ ކޮންމެ ކަމަކީވެސް ﷲ ގެ ޙަޟްރަތުގަ ލިޔުއްވިގެންވާ ކަމެއްކަން ޤަބޫލުކުރާ މީހަކަށްނުވެ ހިތް ހަމަޖެހުމެއް ނުލިބޭނެ!

ކަންކަން ދިމާވުމުން ފުރަތަމަވެސް ވިސްނާލަންވީ އެކަމެއް ކުރިމަތިވީ އެކަމެއް ތިމާއަށް މެދުވެރިވުމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ލިޔުއްވިގެންވާތީކަމެވެ. ވީމާ އޮތީ ކެތްތެރިވެލައި އެކަމަކުން ސަލާމަތްކަން ދެއްވެވުން އެދިގެން ދުޢާކުރުން ކަމެވެ. 

އެކަން މެދުވެރިވީ ޚުދު ތިމާއަށް ކުރެވުނު ކަމެއްގެ ސަބަބުންކަމަށްވީނަމަވެސް ވިސްނަން އޮތީ މިގޮތަށެވެ. ތިމާއަށް ކުރެވުނީ ކުށެއްނަމަ އެކަމަކަށް ތައުބާވުމަށް އަވަސްވެގަންނާށެވެ. އަދި އެފަދަ ކަމެއް ތަކުރާނުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. އަދި ތިމާއަށް ދެރައެއް ލިބިދާނެ އެއްވެސް ކަމެއް ނުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. ޤަޞްދުގައި އެފަދަ ކަންކަން ކުރުމަށްފަހު މިއީ ތިމާއަށް ﷲ ތަޢާލާ މިންވަރު ކުރެއްވެވި ގޮތްކަމަކަށް ނުބުނެވޭނެއެވެ. އެކަންވާނީ އެމީހަކު އަމިއްލައަށް ލިބިގަތް ކަމަކަށެވެ. އެކަން ﷲ ތަޢާލާގެ ޙަޟްރަތުގައި ލިޔުއްވެވިގެންވަނީ ތިބާ އެކަން ކުރާނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވާތީއެވެ. މިކަމުގެ މާނަ ގިނަ ބައަކަށް ނުވިސްނެނީއެވެ. 

ވީމާ ތިމާއަށް ކުރިމަތިވާ ކޮންމެ ކަމަކީވެސް ﷲ ތަޢާލާގެ ޙަޟްރަތުގަ ލިޔުއްވިގެންވާ ކަމެއްކަން ޤަބޫލުކުރާށެވެ. އެއިރުން ލިބޭ ނުތަނަވަސްކަން ކުޑަވެ ހިތް ހަމަޖެހުން ލިބޭނެއެވެ. ކެތްތެރިވާން ހިތްވަރުވެސް ލިބޭނެއެވެ. އިން ޝާ ﷲ 

ރަސޫލާ މުޙައްމަދު ޞައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޘުކުރެއްވެވިއެވެ. 

· (أولُ ما خلق اللهُ القلَمَ فقال: اكتُبْ، قال: وما أكتُبُ يا ربِّ؟ قال اكتُبْ القدَرَ، قال: فجرى القَلَمُ في تلْكَ الساعَةِ بِما كانَ و بما هو كائِنٌ إلى الأبَدِ). 

މާނައީ: އެންމެ ފުރަތަމަ އުފެއްދެވި އެއްޗަކީ القلَمَ އެވެ. އެއަށްފަހު އެ ޤަލަމަށް ވަޙީ ކުރެއްވިއެވެ. ލިޔާށެވެ. އެހިނދު ޤަލަމް ދެންނެވިއެވެ. އޭ ރައްބެވެ. ކޮންއެއްޗެއްތޯއެވެ. ދެން ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. ޤަދްރު ލިޔާށެވެ. އެހިނދު ޤަލަމް ދެންނެވިއެވެ. އަދި އެ ގަލަމުގައި ލިޔެވިފައި އޮތީ އަބަދަށްޓަކައި އޮތް ކަންކަމާއި އަންނަން އޮތް ކަންކަމާ ބެހޭގޮތުންނެވެ. 

" إن أول شيء خلقه الله القلم ، ثم خلق " النون " وهي : الدواة . ثم قال له : اكتب . قال وما أكتب ؟ قال : اكتب ما يكون - أو : ما هو كائن - من عمل ، أو رزق ، أو أثر ، أو أجل . فكتب ذلك إلى يوم القيامة 

މާނައީ: ﷲ ތަޢާލާ އެންމެ ފުރަތަމަ ޚަލްޤު ކުރެއްވި އެއްޗަކީ ޤަލަމެވެ. ދެން އެއަށްފަހު النون ނުވަތަ ދެލި އުފެއްދެވިއެވެ. ދެން އެ ޤަލަމަށް އެންގެވިއެވެ. ލިޔާށެވެ. ޤަލަމް ދެންނެވިއެވެ. ލިޔަންވީ ކޮން އެއްޗެއްތޯއެވެ. ދެން ﷲ ތަޢާލާ އެންގެވީ ކައުނުގައިވާ ހުރިހާ އެއްޗެއް، ޢަމަލުތަކާއި ރިޒުޤުތަކާއި، އަޖަލު ލިޔާށެވެ. ދެން ކައުނުގައިވާ ހުރިހާ އެއްޗެއް އެދުވަހުން ފެށިގެން ޤިޔާމަތާއި ހަމައަށް ލިޔުއްވިއެވެ.

މިއަދު އޮންލައިން