ކީރިތި ޤުރްއާން ދިރާސާކުރުމަށްފަހު އަލަށް އިސްލާމްވާ ބޮޑެތި ޢިލްމްވެރިންވެސް ވިދާޅުވަނީ ކީރިތި ޤުރްއާނުން އެނގެން ނެތްކަމެއް ނެތަކަމަށެވެ. މާނައަކީ ކޮންމެކަމެއްވެސް ކުރަން އެންމެ ފައިދާހުރި ގޮތް ޤުރްއާނުން އެނގެން އެބައޮތް ކަމަށެވެ. އަދި އެފަދަ ބައެއް ބޭކަލުން ވަނީ އެބޭކަލުން އިސްލާމްވި ސަބަބަކީވެސް އެއީ ކަމަށް ބަޔާންކުރައްވައިފައެވެ.
މިކަން އެންމެ ބޮޑަށް ޤަބޫލުކުރެވެންޖެހޭނެ ބައަކީ މުސްލިމުންނެވެ. ނަމަވެސް ގިނަ މުސްލިމުންނަށް މިއަދު ކުރިމަތިވެގެން މިއުޅޭ އެންމެ ބޮޑު އެއް މައްސަލައަކީ ކީރިތި ޤުރްއާން ބާވައިލެއްވެވި މަޤްޞަދު ޙާޞިލްވާނެ ގޮތަށް އެފޮތް ބަލައިގަންނަން އުނދަގޫވުމެވެ. ދުލުން ބުނަނީ ޤުރްޢާން ބަލައިގަންނަ ކަމަށެވެ. ނަމަވެސް އެކަން ޢަމަލުތަކުން ފެންނަމިންވަރާއިމެދު ކަންބޮޑުވާންޖެހެއެވެ.
ބުނަން ހެއްޔެވެ؟ އެހެން ދީންތަކުގައި ދީނީ ފޮތާއި ޢަމަލުކުރާ ޤާނޫނުތައް އެއީ ތަފާތު ދެފޮތެއްކަމުގައި ހެދިނަމަވެސް މުސްލިމުންނަށް އެކަން އެގޮތަކަށް ނުކުރެވޭނެއެވެ. އެކަން އެގޮތަށް ކުރަން އިސްލާމް ދީން ހުއްދައެއް ނުކުރެއެވެ. މުސްލިމުންގެ ދީނީ ފޮތަކީވެސް ޢަމަލުކުރަންޖެހޭ ޤާނޫނު ފޮތަކީވެސް ކީރިތި ޤުރްއާނެވެ. މިބުނަނީ ކަންކަމަށް ހަދާ ޤާނޫނުތައް ހުންނަންޖެހޭނީ ކީރިތި ޤުރްއާނުގައި ބަޔާބންވެގެންވާ ޙުކުމްތަކާއި އެއްގޮތަށް ކަމެވެ.
އަހުރެން ދުނިޔޭގެ އެންމެންނަށް ގޮންޖަހާފައި ބުނަމެވެ. ޢާއިލީ މައްސަލައެއް ޖެހުނަސް އެކަމުގެ ޙައްލު ޤުރްއާނާއި ސުންނަތުން ފެންނަން ނެތް މައްސަލައެއް ނުޖެހޭނެއެވެ. ހުރިހާ މައްސަލަތަކެއްގެ ޙައްލުވެސް ކީރިތި ޤުރްއާނާއި ސުންނަތުން ފެންނާނެއެވެ.
ހަމައެއާއިއެކު ޤުރްއާނާއި ސުންނަތަށް ޢަމަލުކުރާ ދެމަފިރިއެއްގެ މެދުގައިވެސް އަދި ޢާއިލާތެރޭގައިވެސް ޖެހޭ މައްސަލަތައް ވަރަށް މަދުވާނެއެވެ. ސަބަބަކީ ކޮންމެ މީހަކު އަދާކުރަން ޖެހޭ ދައުރާއި ޒިންމާތައް ޤުރްއާނުގައި ވަނީ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވައިފައެވެ. އެންމެ ކުޑަމިނުން އަނބިންނާއި (ފިރިމީހާގެ) މައިމީހާ އާއި ދެމެދުގައި ޖެހޭ މައްސަލަތައް ޙައްލުކުރަން ކުރަންޖެހޭ ކަންކަންވެސް ވަނީ ބަޔާންކުރައްވަވައިފައެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޢާއިލީ ދިރިއުޅުން ބާއްޖަވެރިކުރަންވެސް އަދި ދުނިޔޭގެ ޙަޔާތް އެހެންގޮތްގޮތުން ބާއްޖަވެރިކުރަންވެސް އަދި އާޚިރަތް ލިބިގަންނަންވެސް ޤުރްއާނާއި ސުންނަތަށް ޢަމަލުކުރަންފަށާށެވެ. ހުރިހާ މައްސަލަތަކެއް ޙައްލުކުރެވި އުފާވެރިކަން ލިބޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން