ކީރިތި ޤުރްއާނަށް ބަލައިފިނަމަ ފެންނަތް އޮތީ ފޮތެކެވެ. ނަމަވެސްމުސްލިމުން ކިޔާ ޚާއްޞަ ނަމެއް އެބައޮތެވެ. އެއީ މުޞްޙަފެވެ. އަދި ޚަތިމްވެސް ކިޔަމުއެވެ. އަހުރެން ބުނާނީ ފޮތެވެ ނުކިޔައި މުޞްޙަފް ނުވަތަ ޚަތިމް ކިޔުމެވެ. އެއީ އެއިގެ ޚާއްޞަކަމަށްޓަކައެވެ.
ކީރިތި ޤުރްއާނުގެ ޙަޤީޤަތް އޮޅުވާލަން ކާފިރުން އަބަދުވެސް ތަފާތު ވާހަކަތައް ފަތުރައެވެ. ނަމަވެސް އެއިން އެއްވެސް ވާހަކައަކުން ކުރި އެއްވެސް ފައިދާއެއް ނެތެވެ. ފައިދާއެއް ނުވެސް ކުރާނެއެވެ. އެފަދަ ބޭކާރު ދޮގު ވާހަކަތަކުގެ ޙަޤީޤަތް އެނގުމުން އެފޮތް ޤަބޫލުކޮށް ގިނަބައަކު އިސްލާމްވުން ނޫން އެއްވެސް ކަމެއް ނުވެއެވެ. އަދި ނުވެސްވާނެއެވެ!
ބައެއް މީހުން ކުރާ ސުވާލެކެވެ. "ބައިބަލްގައި ހުންނަ ކަންކަމަށް އަހަރެމެން އެހައި ބޮޑު ސަމާލުކަމެއް ނުދެމުއެވެ. ޢަމަލެއްވެސް ނުކުރަމުއެވެ. ކީރި ޤުރްއާނަށް އަމަލުކުރުމުގައި މުސްލިމުން އެހައި ވަރުގަދައަށް ޘާބިތުވަނީ ކީއްވެގެން ހެއްޔެވެ؟"
ޖަވާބު ވަރަށް ސާފެވެ! އެމީހުން އެބުނާ ބައިބަލްގައި ވަނީ ހަމަ އެކަނި ﷲ ތަޢާލާގެ ކަލިމަފުޅުތަކެއް ނޫނެވެ. އިންސާނުން ވަނީ އެއަށް ގިނަ ބައިތަކެއް އެއްކޮށްފައެވެ. ނަމަވެސް ކީރިތި ޤުރްއާނުގައި ވަނީ ހަމައެކަނި ﷲ ތަޢާލާގެ ވަޙީ ބަސްފުޅުތަކެވެ. އެއްވެސް އިންސާނަކު އިތުރުކުރި އެންމެ އަކުރެއްވެސް ޤުރްއާނަކު ނުއޮންނާނެއެވެ!
ކީރިތި ޤުރްއާނުގެ ދަރަޖަ އުފުލިގެންދަނީ އެހެންވެގެންނެވެ. ވުޟޫކޮށްގެން ނޫނީ ޤުރްއާނުގައި އަތް ނުލެވެނީ އެހެންވެގެންނެވެ. ފޮތެއްގެ ސިފައިގައި އޮތް ނަމަވެސް އެއީ ހަމައެކަނި ފޮތެއް ނޫނެވެ. އެއީ ﷲ ތަޢާލާގެ ކަލާމްފުޅެވެ. ކީރިތި ޤުރްއާނަށް "ރޫޙާނީ ބާރު" ލިބިގެންވެއެވެ. ދުނިޔޭގެ އެތައްބައަކު ކެނޑި ނޭޅި ޤުރްއާން ބަދަލުކުރަން މަސައްކަތްކުރަމުން ގެންދާއިރުވެސް އެކަން ނުކުރެވިގެން އެއުޅެނީ އެ ބާރުގެ ސަބަބުންނެވެ. ހަމައެފަދައިން ކީރިތި ޤުރްއާނަކީ ދާއިމަށް ދިރިގެންވާ އިލާހީ މުޢްޖިޒާތެކެވެ.
ކީރިތި ޤުރްއާނުގައިވާ އެންމެ ބޮޑު މުޢްޖިޒާތް:
ކީރިތި ޤުރްއާނަކީ މުޢްޖިޒާތެކެވެ. ކީރިތި ޤުރްއާނުންވެސް އެތައް ގިނަ މުޢްޖިޒާތްތަކެއް ފެންނަން އެބަހުއްޓެވެ. އެއިގެ ތެރެއިންވެސް އެންމެ ބޮޑު މުޢްޖިޒާތަކީ ބަޤަރާ ސޫރަތުގެ މި ދެއާޔަތެވެ.
"ތިމަންރަސްކަލާނގެ އަޅާއަށް (އެބަހީ: މުޙައްމަދުގެފާނަށް) ތިމަންރަސްކަލާނގެ ބާވައިލެއްވި އެއްޗަކާމެދު (އެބަހީ: ޤުރްއާނާއިމެދު) ތިއަބައިމީހުން ޝައްކުމެއްގައި ވަނީނަމަ، ފަހެ ތިއަބައިމީހުން އޭގައިވާފަދަ ސޫރަތެއް ނިކަން ގެނެސްބަލާށެވެ! އަދި ތިއަބައިމީހުން ތެދުވެރިން ކަމުގައި ވަނީނަމަ، ﷲ ފިޔަވައި ތިއަބައިމީހުންނަށް ނަޞްރު ދޭނޭ އެހީތެރިން (ތިބިނަމަ، އެއުރެން) ނަށް ނިކަން ގޮވައި، ގެނެސްބަލާށެވެ!"
"ފަހެ، ތިއަބައިމީހުންނަށް އެކަން ނުކުރެވުނުނަމަ - އަދި ތިއަބައިމީހުންނަކަށް ހަމަ ހިލާ އެކަންތަކެއް ނުމެ ކުރެވޭނެއެވެ. - (އެކަން ނުކުރެވުނުނަމަ) ފަހެ، ތިއަބައިމީހުން ނަރަކައަށް ބިރުވެތިވެ، ރައްކާތެރިވާށެވެ! އެނަރަކައަކީ، މީހުންނާއި ހިލަ، އޭގެ ދަރުކަމުގައިވާ ނަރަކައެވެ. އެ ނަރަކަ ތައްޔާރު ކުރައްވާފައިވަނީ، ކާފިރުންނަށްޓަކައެވެ." (ބަޤަރާ: 23، 24)
ކީރިތި ޤުރްއާނާއި އެއްފަދަ އެއްޗެއް ގެނައުމަށް އެހިނދުން ފެށިގެން އަންނަނީ ގަދައަޅައި މަސައްކަތްކުރަމުންނެވެ. އެ މަސައްކަތް ކުރާތާ 1450 އަހަރުވަނީއެވެ. ހޯދުނު ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ ދުނިޔޭގެ ހުރިހާ ސައިންސްވެރިންނާއި ޢިލްމްވެރިން ގުޅިގެން ނަމަވެސް އެކަން ކުރަންވީ ނޫން ހެއްޔެވެ؟ "އަދި ތިއަބައިމީހުންނަކަށް ހަމަ ހިލާ އެކަންތަކެއް ނުމެ ކުރެވޭނެ" ކަމަށް ވަޙީ ކުރައްވަވައި ﷲ ތަޢާލާ އެންމެހައި މަޚްލޫޤުންނަށް ގޮން ޖައްސަވައިފައެވެ.
ކީރިތި ޤުރްއާން ދޮގުކޮށް ގޮންޖަހަން ވާހަކަ ދައްކާ އެންމެން ގުޅިގެން އެކަން ނުކޮށް ތިއަ ތިބެނީ ކީއްވެގެން ހެއްޔެވެ؟ އިންސާނާއަށް ދޫ ދެއްވަވައި ބޭނުން ވާހަކައެއް ދެއްކުމުގެ އިޚްތިޔާރު ދެއްވެވުމުން ބޭނުންހައި ބަސްތަކެއް ބުނަމުން ގެންދާއިރު ދައްކާ ވާހަކައިގެ ތެދުކަން ސާބިތު ކޮށްލަން ވެސް ކީރިތި ޤުރްއާނާއި އެއްފަދަ ފޮތެއް އެކުލަވާލަންވީ ނޫން ހެއްޔެވެ؟
އެއީ އެއްވެސް އިންސާނަކު ބުނެފައިވާ ބަހެއް ނަމަ ނުވަތަ އެއްވެސް އިންސާނަކު ކުރިމަތި ކުރުވާފައިވާ ގޮންޖެހުމެއް ނަމަ 1450 އަހަރުވެގެންދާއިރު ކިތައް ހާސް ފަހަރު ވާނީ އެގޮންޖެހުން މުގުރާލެވިފައިހެއްޔެވެ؟ ވީމާ ވިސްނައި ފިކުރުކުރާށެވެ! ބުއްދީގެ ބޭނުން ކުރާށެވެ! ނޫން ނަމަ ކުރިމަތިވާނެ ޙާލަތުވެސް 24 ވަނަ އާޔަތުގައި އެވަނީ ވަހީ ކުރައްވަވައިފައެވެ.
"ފަހެ، ތިއަބައިމީހުން ނަރަކައަށް ބިރުވެތިވެ، ރައްކާތެރިވާށެވެ! އެނަރަކައަކީ، މީހުންނާއި ހިލަ، އޭގެ ދަރުކަމުގައިވާ ނަރަކައެވެ. އެ ނަރަކަ ތައްޔާރު ކުރައްވާފައިވަނީ، ކާފިރުންނަށްޓަކައެވެ."
- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން