ޢިބްރަތްތެރި ވާހަކަ: އަނބިދަރިންނަށް އިހުމާލުވެވުނު ފިރިއަކު މަރުވުމުން ފެނުނު އެހިތްދަތި ހުވަފެނުން އޭނާގެ ދިރިއުޅުމަށް ހޯދުނު ބޮޑު އުފާވެރިކަން އެންމެންނަށްވެސް ހޯދޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ޢިބްރަތްތެރި ވާހަކަ: އަނބިދަރިންނަށް އިހުމާލުވެވުނު ފިރިއަކު މަރުވުމުން ފެނުނު އެހިތްދަތި ހުވަފެނުން އޭނާގެ ދިރިއުޅުމަށް ހޯދުނު ބޮޑު އުފާވެރިކަން އެންމެންނަށްވެސް ހޯދޭނެ! އިން ޝާ ﷲ

އެންމެންގެ ތެރޭގައިވެސް ހުރިހާ ބާވަތެއްގެ މީހުން އުޅޭނެއެވެ. ވީމާ އަނބިދަރިންނަށް އަޅައިލުމުގައިވެސް ކަންކަން އެކިމީހުންގެ ކިބައިން ފެންނާނީ އެކިގޮތަށެވެ. ފާހަގަކުރެވޭ އެއްކަމަކީ އެކުގައި ދިރިއުޅެމުންވެސް އިހުމާލުވެވޭކަން ޤަބޫލުނުކުރެވި ނުވަތަ ނުވިސްނި އިހްމާލުވެވޭ މީހުންވެސް ތިބޭކަމެވެ. ތިރީގައި އެވަނީ އެފަދަ މީހުންނަށާއި އަދި އެންމެންނަށްވެސް ފައިދާކުރާނެ ލިޔުމެކެވެ. އިން ޝާ ﷲ  

އަޅުގަނޑަކީ ތަޤްވާވެރިއެއްގެ ގޮތުގައި ދިރިއުޅެވޭތޯ މަސައްކަތްކުރާ މީހަކީމެވެ. ނަމަވެސް އަޅުގަނޑުގެ ވަރަށް ބޮޑު ބަލިފައެއް އޮތެވެ. އެއީ އަނބިދަރިންގެ އަގު ވަޒަން ނުކުރެވުމެވެ. އެމީހުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދެމެވެ. ނަމަވެސް އެމީހުންނާއިމެދު ފަރުވާ ބަހައްޓަންޖެހޭ މިންވަރަށް ފަރުވާ ނުބެހެއްޓެއެވެ. އޯގާތެރިވާންޖެހޭ މިންވަރަށް އޯގާތެރިއެއް ނުވެއެވެ.  

އެކަން އަޅުގަނޑަށް ޤަބޫލުކުރެވެއެވެ. ނަމަވެސް އަޅުގަނޑަށް ލިބިފައިހުރި ތަރުބިއްޔަތުގެ ސަބަބުން ޢަމަލުތައް ބަދަލުކުރަން އުނދަގޫވަނީއެވެ. އެހެންވެ އަޅުގަނޑު ގެންދިއައީ އެކަމުގައި ޙައްލަކަށް އެދި ދުޢާކުރަމުންނެވެ.  

އެއްރޭ ނިދީގައި އަޅުގަނޑަށް ފެނުނީ އަޅުގަނޑުގެ މުޅި ޙަޔާތުގައިވެސް ފެނުނު އެންމެ ބިރުވެރި ހުވަފެނެވެ. އަޅުގަނޑު އޮތީ މަރުވެފައެވެ. އަޅުގަނޑުގެ އަނބިމީހާ އާއި ދަރިން ދިއައީ ގިސްލާ ރޮމުންނެވެ. ރޮމުން ގޮސް ހޭވެސް ނެތެއެވެ. ހޭއެރުމުން އަނެއްކާވެސް އަދި ކުރިއަށްވުރެ ބާރަށް ރޯން ފަށައެވެ.  

އަޅުގަނޑުގެ ހިތަށް އަރައެވެ. އަޅުގަނޑަށް ފަރުވާކުޑަކޮށް މިހައި ބޮޑަށް އިހްމާލްމިވެވުނީ އަޅުގަނޑު ދެކެ މިހައި ލޯބިވާ އަނބިމީހާ އަށާއި ދަރިންނަށެވެ. މިކުރެވުނީ ހާދަބޮޑު ފާފައެކެވެ. މިފާފައިން ސަލާމަތްވެވޭނީވެސް ކިހިނަކުން ހެއްޔެވެ؟  

ތެދުވެ އަޅުގަނޑަށް މާފުކުރަން ބުނަން އިންތިހާއަށް ބޭނުންވިއެވެ. ނަމަވެސް އެފުރުޞަތު އަޅުގަނޑަކަށް ނުލިބުނެވެ. އަޅުގަނޑު މަރުވެފައި އޮތުމުންނެވެ. ޖެހުނީހަމަ މަޑުން އޮންނާށެވެ.  

ހުވަފެނުން ހޭލެވުމާއިއެކު ފާޚާނާއަށްވަދެ ވުޟޫކޮށްގެން ނުކުމެ އަވަސް އަވަހަށް 2 ރަކްޢަތް ނަމާދެއް ކުރީމެވެ. ﷲ ތަޢާލާއަށް ޝުކުރު އަދާކުރީމެވެ. އެ ހުވަފެން ދެއްކެވި ކަމަށްޓަކައެވެ.  

އަދި ހަމަ އެވަގުތުން ފެށިގެން އަޅުގަނޑުގެ ކަންކަން އަޅުގަނޑު އިޞްލާޙްކުރީމެވެ. އަނބިދަރިންނަށް ދޭންޖެހޭ ލޯބި އެންމެ ފުރިހަމަ ގޮތުގައި ދޭންފެށީމެވެ. އެމީހުންގެ ހިތް އަތުލުމަށްޓަކައި އަމިއްލައަށް ބަދިގެއަށްވަދެ ކައްކައި އަމިއްލައަށް ކާންހަދައި ކާންދޭންވެސް ފެށީމެވެ. މިބުނަނީ ބޮޑުކައްކާއަކަށްވީ ވާހަކައެއް ނޫނެވެ. އަނިބީމީހާއަށް ކައްކަން އެހީތެރިވާ ވާހަކައެވެ. ދަރިން ފެންވަރުވައި ރީތިކުރަންވެސް ފެށީމެވެ.  

އެހިސާބުން ފެށިގެން އާއިލާއަށް ލިބުނު އުފާވެރިކަން ބޮޑުކަމުގެ ވާހަކަ ބަޔާންކުރަންވެސް އުނދަގުލެވެ. ހީވީ ބޮޑު ޢީދެއް އައިހެންނެވެ. އަދި އެކަމުން އަޅުގަނޑަށް ލިބުނު ހިތްހަމަޖެހުމަކީ އަޅުގަނޑުގެ މުޅި ޙަޔާތުގައި ލިބުނު އެންމެ ބޮޑު އުފާވެރިކަމެވެ. 

ހަމަ ތެދަށް ބުނަމެވެ. ހީވީ ހެދިބޮޑުވެފައި އެކަމަކު މޭވާ ނުއަޅައި ހުރި ގަހެއްގައި ކުއްލިއަކަށް މޭވާތައް އަޅައި ފުރުނުހެންނެވެ. ކާނެވަރަކަށް ކެޔަސް ހުސްނުވާ ވަރަށެވެ. އަނބިމީހާގެ މޫނުމަތި ތާޒާވެ އަބަދު ހުންނަނީ ހެވިފައެވެ. އަބަދު ހުންނަނީ އަޅުގަނޑުގެ ޚިދުމަތުގައެވެ.   

މިއަދުނޫހުގެ ކިޔުންތެރިންނަށް ކުރަން އޮތް އަޅުގަނޑުގެ އިލްތިމާސަކީ ހުވަފެނެއް ފެންނަންދެން މަޑުނުކުރާށެވެ! އަޅުގަނޑަށް މިބޮޑު ހިތްހަމަޖެހުން ހޯދަން އަޅުގަނޑު ޢަމަލުކުރި މަގު އިޚްތިޔާރުކުރާށެވެ! އެކަމުން ލިބޭ އުފާވެރިކަމުގެ ބޮޑުކަން އެނގޭނީ ހަމަ ތަޖުރިބާކޮށްލުމުންނެވެ.

 

- ޔޫސުފް ޙުސައިން / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން