ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހަމަޖެއްސުމުގައި އެއްވެސް ދަތިކަމެއް ނެތް، ސްޓޭންޑްބައިގައިވެސް ޓީޗަރުން ތިބޭނެ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހަމަޖެއްސުމުގައި އެއްވެސް ދަތިކަމެއް ނެތް، ސްޓޭންޑްބައިގައިވެސް ޓީޗަރުން ތިބޭނެ: ވަޒީރު

ދިވެހިރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހަމަޖެއްސުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި، ކުއްލި ޙާލަތްތަކުގައި ބޭނުންކުރުމަށް "ސްޓޭންޑްބައި" ގައިވެސް ޓީޗަރުން ތިބޭނެ ކަމުގެ ޔަޤީންކަން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ދެއްވައިފިއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ޢާންމުކޮށް ޓީޗަރުން ހޯދަން ޖެހެނީ ބިދޭސީ ޓީޗަރުން ވަޒީފާއިން ވަކިވާ ނިސްބަތަށް ބަލައިގެން ކަމަށެވެ. މިގޮތުން ރާއްޖޭގައި 2000 އަށްވުރެ ގިނަ ބިދޭސީ ޓީޗަރުން ކިޔަވައިދެމުންދާއިރު، ކޮންމެ އަހަރަކުވެސް 100 އާއި 150 އާ ދެމެދުގެ ޢަދަދަކަށް ޓީޗަރުންގެ "މޫވްމަންޓް" އުޅޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ވަޒީފާއިން ވަކިވުމާއި، ސްކޫލްތަކުގެ ދަރިވަރުންގެ ޢަދަދު އިތުރުވުމާ ގުޅިގެން އަލަށް ޓީޗަރުން ބޭނުންވާ މިންވަރު ހިމެނެއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، މިހާރުގެ އިންތިޒާމުތައް ހުރީ ޓީޗަރަކު ކުއްލިއަކަށް ވަކިވި ނަމަވެސް ކިޔަވައިދިނުމަށް ބުރޫނާރާނެ ގޮތަށެވެ. "150 އެއްހާ ޓީޗަރުންގެ މޫވްމަންޓެއް އުޅޭނެ ކޮންމެ އަހަރަކުވެސް. އެއަށް ވިސްނާފައި އަހަރަކު 400 އެއްހާ ޓީޗަރުން ސްޓޭންޑްބައިގައި ތިބޭނެ. އާދަޔާ ޚިލާފަށް މޫވްމަންޓެއް އަޔަސް، ގިނަވެގެން 5 ދުވަހުގެ ތެރޭގައި ޓީޗަރެއް ގެނެވޭނެ،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ސްކޫލަށް ނިކުންނަން އޮންނަ ދުވަހު ޓީޗަރަކު އިސްތިޢުފާ ދިން ކަމުގައިވިޔަސް، ގިނަވެގެން ފަސް ދުވަސް ތެރޭގައި އެ މަޤާމަށް އައު ޓީޗަރަކު ލިބޭނެ ފަދަ އިންތިޒާމެއް މިހާރު ހަމަޖައްސާފައިވާ ކަމަށް ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަޢުލީމީ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސްކޫލްތަކަށް ބޭނުންވާ މުދައްރިސުން ހަމަޖެއްސުމުގެ މަސައްކަތް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށާއި، މިވަގުތު އެއްވެސް ސްކޫލެއްގައި ޓީޗަރުން ހަމަކުރުމުގެ ދަތިކަމެއް ނެތް ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން