އަޅުގަނޑަކީ 18 އަހަރުގެ އަންހެން ކުއްޖަކީމެވެ. ބައްޕަގެ ރައްޓެހިކަމުގަ ގެއަށް އަންނަ ފިރިހެނަކު އަޅުގަނޑަށް ބަލާވަރުން ބިރުވެސް އެބަގަނެއެވެ. ސީދާކޮށް ބަލަބަލާފަ ދެން ބަލާނީ ވައްކަޅިންނެވެ. އެހެންވެ އެގަދީގައި ސިޓިންގ ރޫމަށް ނުކުންނަންވެސް ބިރުގަނެއެވެ. އެމީހާ އަޅުގަނޑަށް އެވަރަށް އެބަލަނީ ކީއްވެގެންކަމަށްވެދާނެތޯއެވެ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތް ފުރަތަމަ ވާހަކައަކީވެސް ތިއައީ ގެ ކަމަށްވިޔަސް ގެއަށް އަންނަ މެހްމާނުންނަށް ފެންނަންވާނީ އަޢުރަ ނިވާކޮށްގެންނެވެ. ގޭގައި އުޅޭ ޢާއިލީ މީހުންނަށް ފެންނަ ހެދުމުގައި ފެނިގެންނުވާނެއެވެ. ދެވަނަ ކަމަކީ ބައްޕަ ނުވަތަ މަންމަ ހޯދަން ނުވަތަ އެހެން މީހަކު ހޯދަން ނަމަވެސް އަދި އެހެން ކަމަކު އަންނަ މީހަކަށްވެސް ކޮންމެހެން ދައްކަންޖެހޭ ވާހަކަ ނޫނީ ނުދައްކާށެވެ! ގާތްގުޅުން ނުއުފައްދާށެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
މީހަކު ތިބާއަށް މާގިނައިން ބަލާނަމަ ނުވަތަ ކަޅިއަޅާނަމަ ބައެއް މީހުންނަށް ހީކުރެވެނީ އޭނާ އެއުޅެނީ ތިމާދެކެ ލޯބިވެގެން ކަމަށެވެ. އެގޮތަށް ވިސްނި އެމީހަކާއި ގާތްވެވި އެމީހާގެ އުނގުތެރެއަށް ވެއްޓިގަނެވެއެވެ.
މިއީ ރަނގަޅު ގޮތެއް ނޫނެވެ. އެގޮތަށް މީހަކު ކަންތައް ކުރާނަމަ ފުރަތަމަ ކަމަކީ އޭނާ އެއުޅެނީ ތިބާއަށް ޝައުޤުވެރިވެގެންނެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް ޝައުޤުވެރިވަނީ ކޮން ކަމަކަށްކަން ދެނެގަންނަންޖެހޭނެއެވެ. އެއުޅެނީ ލޯބިވެގެންތޯ، ނުވަތަ ތިބާގެ ބޭނުންކޮށްލަންތޯ ބަލަންވާނެއެވެ.
މިސާލަކަށް މީހަކު ތިބާދެކެ ލޯބިވެއްޖެނަމަ އެމީހަކު ފުރަތަމަ މަސައްކަތްކުރާނީ ތިބާއަށް ހުރި ކަންބޮޑުވުންތައް ދެނެގަންނާށެވެ. އެކަންކަމުން ތިބާ ސަލާމަތްކުރާށެވެ. ދެން އެމީހަކު މަސައްކަތްކުރާނީ ދިރިއުޅުމާއިމެދު ތިބާ ވިސްނާގޮތް ދެނެގަންނާށެވެ. އަދި ތިބާ ދިރިއުޅޭ ޙާލަތު ދެނެގަންނަންވެސް މަސައްކަތްކުރާނެއެވެ. އެފަދަ ނޫން ގޮތްގޮތަށް ކަޅިއަޅައި ހަދާނަމަ އެއީ ރަނގަޅު ކަމަކަށް އެދިގެން ކަމަށް ނުވުން އޮންނާނީ ދާދިގާތުގައެވެ.
އެކުވެރިންނޭވެ! އެފަދަ ރޭވުމެއްގެ ތެރެއިން ގައިގައި ބީހުނަ ނުދޭށެވެ. ފުރަތަމަ ފިރުމައިލާނީއެވެ. ދެން ފިތައިލާނީއެވެ. ދެން ކުރާނީ ދެން އޮތް ކަމެކެވެ. ދާނީ ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށެވެ. އެއިރު ޝައިޠޯނާ ހުންނާނީ ދެމީހުންގެ މެދުގައެވެ. އިޙްޞާޞްތަކާއިކުޅެ އޭތި ކުރުވަން ބޭނުން ކަންކަން ކުރުވަން ގަދައަޅައި މަސައްކަތްކުރާނެއެވެ. ދުރަށް ޖެހިލާނީ މަޤްޞަދު ޙާޞިލްވުމުންނެވެ.
މިފަދަ ވާހަކަތައް ދައްކަން މިޖެހެނީ ގިނަ މައިންބަފައިން މިބާވަތުގެ ކަންކަން ދަރިންނަށް އޮޅުންފިލުވައި ނުދޭތީއެވެ. ކުރެވޭ ނުކުރެވޭ ކަމެއް ނުއެނގި ތިބެ ގޮސް ދަރިން ޝައިޠޯނުންގެ އަވާގައި ޖެހި މަގުފުރެދިގެންދާތީއެވެ. އެހިސާބަށް ކަންކަން ދިއުމުން އިޞްލާޙްކުރަން ފަސޭހަނުވާނެތީއެވެ.
- އަލަފް / މިއަދުނޫސް