އަޅޫގަނޑުގެ އެކުވެރިން ވަރަށް މަދެވެ. އެއީ މައްސަލައެއް ކަމަކަށްވެސް ނުދެކެވެ. އެކަމަކުވެސް ވަރަށް ދެރަވާންޖެހޭ ޙާލަތެއް ކުރިމަތިވެއެވެ. އެއީ ބައެއް މީހުން ކަމަކު އެދުމުން އެކަމެއް ކޮށްނުދެވިއްޖެނަމަ ގުޅުންކަނޑައިލާތީއެވެ. އެއިގެ އިތުރުން އަޅުގަނޑު ކުށްވެރިކޮށް ވާހަކަ ފަތުރާތީއެވެ. އަޅުގަނޑުގެ ސުވާލަކީ އެގޮތަށް ކަންތައްކުރާ މީހުންނަކީ އެކުވެރިންކަމަށްވާނެތޯއެވެ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެއެވެ. އިން ޝާ ﷲ
އިންސާނުންގެ ތެރޭގައި ހުރިހާ ބާވަތެއްގެ މީހުންވެސް އުޅޭނެއެވެ. އެއިގެ ތެރެއިން އެއްބާވަތުގެ މީހުންނަކީ އެމީހާ ކަމަކު އެދުމުން އެކަމެއް ކޮށްނުދީފިނަމަ ރުޅިގަދަވެ ދުނިޔެއިން މޮޔަވާވަރުވާ މީހުންނެވެ. މީގެ ތެރެއިންވެސް އެންމެ ނުރައްކައުތެރި ބައަކީ އެމީހާ އެދުނު ގޮތަށް ނުވަތަ އެދުނު މިންވަރަށް އެކަމެއް ކޮށް ނުދެވިއްޖެނަމަ ރުޅިގަދަވާ މީހުންނެވެ.
މިފަދަ މީހުންނަށް ކުރިން ކިތަންމެ ރަނގަޅަކަށް އަދި ކިތަންމެ ގިނަ ކަންތައްތަކެއް ކޮށްދެވިފައި އޮތް ނަމަވެސް އެކަންކަމަކަށް ނުވިސްނާނެއެވެ. އެންމެ ފަހަރަކު ކަމެއްކޮށް ނުދެވުނަސް އަންނަ ރުޅީގައި ދުލުން ނުބައިބަސްތައް ބުނާނެއެވެ. އަދި އޭނާ ކިތަންމެ ކުޑަކުޑަކަމެއް ކޮށްދީފައި އޮތްނަމަވެސް އެކަމަކަށް ކަލަގޮވާނެއެވެ. އަދި އެވަރަކުންވެސް ފުއްދައެއް ނުލާނެއެވެ. އެހެން މީހުންގެ ގާތުގައި އަނެކާގެ ނުބައި ވާހަކަތައް ދައްކަމުންވެސް ހިނގާނެއެވެ.
ވީމާ އެއްވެސް މީހެއްގެ ކިބައިން މިސިފަ ފެނިއްޖެނަމަ އެމީހަކާއި ދުރުހެލިވާށެވެ! އެމީހެއްގެ ކިބައިން ލިބޭނެ ގެއްލުންތައް މާބޮޑުވާނެތީއެވެ.
މީގެ އަނެއްކޮޅު ސިފަ ހުންނަ މީހުންގެ ވާހަކަވެސް ބަޔާންކޮށްލާނަމެވެ. އެމީހުން މީހުންގެ ކިބައިން ކަންކަމު އެދޭނީ ދެން އެހެން ގޮތެއް ނެތުމުންނެވެ. އެދުނު ކަންކަން ކޮށްނުދިންނަމަވެސް ރުޅިވެރިކަމެއް ނުދައްނެއެވެ. ނުބައި ބަހެއް ނުބުނާނެއެވެ. އެދުނު ކަންތައް މިފަހަރު ޙާޞިލުނުވީ އެކަން ޙާޞިލްވާން ﷲ ތަޢާލާގެ އިރާދަފުޅުގައި ނެތުމުން ކަމަށް ޤަބޫލުކުރާނެއެވެ. އަދި އެކަމެއް ކޮށްނުދިން މީހާއަށް ހެޔޮދުޢާވެސް ކުރާނެއެވެ.
އެކުވެރިން ކަމުގައި ގެންގުޅެންވާނީ މިފަދަ މީހުންނެވެ.
- އަލަފް / މިއަދުނޫސް