ޢިބްރަތްތެރި ވާހަކަ: ހަމައެކަނި ﷲ ލައްވަވާނެ ރަޙްމަތަށް އެދިގެން ޢުމުރުން ދުވަސްވީ އެކަނިވެރިއަކަށް އެހީތެރިވި އަންހެން ކުއްޖަކަށް ލިބުނު ބޮޑު ރަޙުމަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 26ސ
ޢިބްރަތްތެރި ވާހަކަ: ހަމައެކަނި ﷲ ލައްވަވާނެ ރަޙްމަތަށް އެދިގެން ޢުމުރުން ދުވަސްވީ އެކަނިވެރިއަކަށް އެހީތެރިވި އަންހެން ކުއްޖަކަށް ލިބުނު ބޮޑު ރަޙުމަތުގެ ވާހަކަ-

މިހާރަކަށް އައިސް ގިނަ މީހުން މީހަކަށް ކަމެއްކޮށްލައިދެވެނީވެސް އޭނާގެ ކިބައިން ލިބޭނެ ބަދަލަށް އުންމީދުކޮށްގެންނެވެ. އެހެންވެ މިގެނެސްދެނީ އެއްވެސް އަމިއްލަ އެދުމެއް ނެތި ނިކަމެތި ޙާލުގައި ހުރި ބަލިކަށި މުސްކުޅި ފިރިހެނަކަށް އެހީތެރިވި ޒުވާން އަންހެންކުއްޖަކަށް ލިބުނު ބޮޑު ނިޢުމަތުގެ ވާހަކައެވެ.  

އެއިރު އަޅުގަނޑުގެ ޢުމުރަކީ 26 އަހަރެވެ. އެއްރޭ 10 ޖަހާ އެހާކަންހާއިރު މަގުމަތން ދަނިކޮށް ގެއެއްގެ ދޮރާށި ޚައިރީގައި ހުރި ތަންކޮޅެއް ދޮށީ ޢުމުރުގެ ފިރިހެނަކު ފެނުނެވެ. ހުރީ ވަރަށް ބަލިކަށި ފާޑަކަށެވެ. ފިކުރުބޮޑުވެ އޮއްދާ ހިއްލާ ޒާތަކަށެވެ.  

އެއީ ކިހިނެއްވީކަމެއްކަން ބުނެދޭކަށް ނުއެނގެއެވެ. ނަމަވެސް އޭނާގެ މައްޗަށް ހިތުގައި ހަމްދަރުދީ އުފެދުނެވެ. އަދި ބޭއިޚްތިޔާރުގައި ނަމަވެސް ބަލައިލެވުނެވެ. އެވަގުތު އޭނާ އަޅުގަނޑަށް ސަލާމްގޮވުމުން ހުއްޓިލާފައި ސަލާމް ބަލައިގަނެ އޭނާގެ ޙާލު އަހައިލީމެވެ. ޖަވާބުގައި ބުނީ ގޭތެރެއަށް ވަންނާށެވެ. 2، 3 މިނިޓްވަންދެން އޭނާ ދައްކާ ވާހަކަ އަޑުއަހައިލަ ދިނުމަށެވެ.   

ވަރަށް ޖެހިލުންވެ ހުރެ ދައުވަތު ޤަބޫލުކުރީމެވެ.  ގޯތިތެރޭގައި ހުރި ޖޯއްޔެއްގައި އޮށޯންނަން ބުނުމުން އޮށޯތީމެވެ. އެހިސާބުން އޭނާ ކިޔައިދޭން ފެށިއެވެ. "އަހަރެންނަކީވެސް ތަނަވަހުގައި އުޅުނު މީހެކެވެ. އުފާވެރި ދިރިއުޅުމެއް އުޅުނު މީހެކެވެ. ތިބީ 3 ދަރިންނެވެ. 2 ދަރިން ކިޔަވަން އޮސްޓްރޭލިއާއަށް ފޮނުވީމެވެ. ދުވަސްކޮޅަކުން 3 ވނަ ދަރިފުޅުވެސް އެމީހުންގެ ގާތަށް ދިއަ ގޮތަށް 3 ދަރިންގެވެސް އެއްވެސް ޚަބަރެއް ނުވެއެވެ. އެކަމުގެ ހިތާމައިގައި އަނބިމީހާ ދުނިޔެ ދޫކުރިތާ މިއީ 3 ވަނަ އަހަރެވެ.  

މިހާރު ޑޮކްޓަރު ބުނަނީ އަހަރެންނަށް އާދައާ ޚިލާފް ބައްޔެއް ޖެހިފައިވާ ކަމަށާއި މާގިނަ ދުވަހަކު ދެން ދުނިޔޭގައި ނުހުންނާނެ ކަމަށެވެ. ވީމާ ނުވިސްނި ނަމަވެސް ވިސްނޭނެ ނޫން ހެއްޔެވެ؟ ޢާއިލާގެ މީހަކު އަހަރެންގެ ޙާލު ބަލައިވެސް ނުލައެވެ. އެހެންވެ ކެއިން ބުއިމުގެ ކަންކަން ވެސް މިކުރަންޖެހެނީ ވަރަށް އުނދަގުލުންނެވެ. އަހަރެންގެ ޙާލު ތެދުބަހުން ވަރަށް ގިނަ އަންހެންކުދިންނަށްވެސް އަދި ފިރިހެންކުދިންނަށްވެސް ކިޔައިދީފީމެވެ. އެންމެ ކުޑަމިނުން އަހަރެންނާއި ވާހަކަ ދައްކާލަން އައިސްދޭން ބުނުމުންވެސް އަންނާނެ ކުއްޖަކު ނުވިއެވެ.  

ކޮއްކޮއަށްވެސް މިދެނީ އެ ދަޢުވަތެވެ. ތިއަހެން އުޅޭއިރު ނިކަން ދޭތެރެއަކުން އައިސް މިގެއަށް ވަދެ ބޭބެގެ ޙާލު ބަލައިލަދީބަލާށެވެ. އެކަނި އޮއްވައި މަރުވެސް ވެދާނެއެވެ. މަރުވެފައި އޮއްވާ ފެނިއްޖިއްޔާ އެކަން ކޮންމެވެސް މީހަކަށް އަންގާލަދިނއްޔާ ރަނގަޅެވެ." 

އެއިރު އޭނާގެ ލޮލުން ކަރުނަ އޮހޮރެއެވެ. އެތަން ފެނުމުން އަޅުގަނޑަށް ވަރަށް އަސަރުކުރިއެވެ. އަދި އެވާހަކަތައްވެސްވީ އަޑުއަހަން ވަރަށް އުނދަގޫ ވާހަކަތަކަކަށެވެ. ކޮންމެއަކަސް އަޅުގަނޑު ބުނީމެވެ. "އަޅުގަނޑަކީ ވަޒީފާ އަދާކުރާ އަންހެނަކީމެވެ. ނަމަވެސް އިރާދަކުރެއްވިއްޔާ ކޮންމެ ދުވަހަކުވެސް ބޭބެ އާ ބައްދަލުކޮށްލަން އާދެވޭތޯ ބަލާނަމެވެ."  

ދެން ގޭތެރެއަށް ވަދެ ބަދިގެ ހޯދައިގެން ބަދިގެއަށް ވަދެ ނޫޑްލްސްކޮޅެއް ކައްކައިދިނީމެވެ. އަދި ހެނދުނު ސައިބޯނެ ރޮށިކޮޅެއްވެސް ފިހެދިނީމެވެ. އެއިގެ ފަހުން މުސްކުޅި ބައްޕަ ބަލަހައްޓާ އުޞޫލުން އެބޭބެގެ ކަންކަން ކޮށްދެމުން ގެންދިއައިމެވެ. ގޭތެރެވެސް ސާފުކޮށްދެމެވެ. އެއްޗެތިވެސް ދޮވެ އިސްތިރިކޮށްދެމެވެ. ގޮވައިގެން ޑޮކްޓަރަށްވެސް ދަމެވެ.  

އެގޮތަށް ކަންކަން ކުރަމުން ގެންދާތާ ބަރާބަރު 8 މަސްދުވަސް ފުރުނު ދުވަހަކީ އޭނާގެ މިހާރު އެއްވެސް ބައްޔެއް ނެތްކަމަށާއި ބަލި މުޅިން ފިލައިފިކަމަށް ބުނި ދުވަހެވެ. ޑޮކްޓަރު ދިން އުފާވެރި ޚަބަރާއިއެކު ގެއަށް ގޮސްފައި އަޅުގަނޑު އަތަށް ސިޓީއުރައެއް ދިނެވެ. އަޅުގަނޑު އޭގައި ހިފީ އޭގައި ހުރީ ފައިސާ ނޫންކަމާއި އޮތީ ކަރުދާސްގަނޑެއްކަން އެނގުމުން އޭނާގެ ދަރިންނަށް ކުރާ ވަޞިއްޔަތެއްކަމަށް ބަލައިގެންނެވެ.  

ކިޔާލުމުން ހިތް ނުހުއްޓުނީ ކިރިޔާއެވެ. އެލިޔުމުގައިވަނީ އޭނާގެ 6000 އަކަފޫޓުގެ ގޯއްޗާއި ގޯތީގައިހުރި ޢިމާރާތްތައް އަޅުގަނޑަށް ހިބައިން ދިންކަމަށެވެ. ބުނީމެވެ. "ބޭބޭއެވެ. އަޅުގަނޑު ބޭބެއަށް ކަންކަން ކޮށްދިނީ އެއްވެސް ބަދަލެއް ހޯދާކަށް ނޫނެވެ. ﷲ ދެއްވަވާނެ ޘަވާބުގެ ބޭނުމުގައެވެ."  

ޖަވާބުގައި އެބޭބެ ބުންޏެވެ. "ބޭބެގެ ހުރިހާ މުދަލެއް ހަދިޔާ މިކުރީވެސް ހަމައެހެންވެގެންނެވެ. ތިއަކޮށްދިން މަސައްކަތާއި އަދި ވަރަށް ގިނަފަހަރު ބޭބެއަށް ކުރި ޚަރަދަށް އެއްވެސް ބަދަލަކަށް ނޭދި ﷲ އަށްޓަކައި އެކަންކަން ކުރީތީއެވެ. ތިއައީ މިހާރު އަހަރެންގެ ދަރިއެކެވެ. މިގޭގައި ބައްޕަގޮވައިގެން އުޅޭށެވެ. މިއީ ދަރިފުޅުގެ ގެއެވެ. އަވަހަށް މީހަކާ ކައިވެނިވެސް ކުރާށެވެ! އެއިރުން ބައްޕަ ވަރަށް އުފާވާނެއެވެ."  

އެހައިތަނަށް މަންމަމެން ގާތަކުވެސް އެބޭބެގެ އެއްވެސް ވާހަކައެއް ނުދައްކަމެވެ. މީހަކަށް އެހީތެރިވާ ވާހަކައެއް ވެސް ނުބުނަމެވެ. ނަމަވެސް ދެއްވެވި ނިޢްމަތުގެ ބޭނުން ހިފައި އެގެއަށް ބަދަލުވާން ބޭނުންވާތީ އެރޭ ގޮސް މަންމައަށް ހުރިހާ ވާހަކަތަކެއް ކިޔައިދީ އެލިޔުންވެސް ދެއްކީމެވެ. މަންމަ ބުނިހާވެސް ބަހަކީ "ދަރިފުޅުގެ ބައްޕަ ދުނިޔޭގައި ހުރިނަމަ މިރޭ ވަރަށް ރުޅިގަދަވާނެއެވެ."  

އެބުނި ބަހުގެ މާނަ އޮޅުން ފިލީ ވަރަށް ގިނަ ދުވަހު ކުރި މަސައްކަތުންނެވެ. އެބޭބެވީ މަންމަގެ ފުރަތަމަ ލޯބިވެރިޔާއަށެވެ. އަދި މަންމަ އެންމެ ލޯބިވާ މީހަކީވެސް އޭނާއެވެ.  

މިކިޔައިދިނީ މީގެ 20 އަހަރު ކުރީގެ ވާހަކައެކެވެ. އަޅުގަނޑު އެގެއަށް ބަދަލުވީ ކައިވެނިކޮށްގެންނެވެ. މިހާރު ގޭގައި ދިރިމިއުޅެނީ އަޅުގަނޑުމެން ދެމަފިރިންނާއި ދަރިންނެވެ. ފިރިމީހާ ވަނީ ގެވެސް ހަދާފައެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ މާޔޫސްވެ ނިކަމެތި ޙާލުގައި ހުރި މީހަކު ފެނިއްޖެ ނަމަ އެހީތެރިނުވެ ދޫކޮށްނުލާށެވެ! އެހީތެރިވާންވާނީ ﷲ އަށްޓަކައެވެ. ދުނިޔޭގައި ބަދަލު ނުލިބި ހިނގައިދާނެއެވެ. ނަމަވެސް އާޚިރަތުގައި ދެއްވަވާނެ ބަދަލުގެ ފައިދާ މާބޮޑުވާނެއެވެ.

 

- މަރްޔަމް ޢަލީ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން