ﷲ ތަޢާލާ ތިމާއަށް ހެޔޮގޮތެއް މިންވަރުނުކުރައްވަވާނެކަމަށް ބަލައިގެން މަތުމަތީގައި އުޅުނު މީހަކަށް ހެޔޮ ވިސްނުން ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 29ސ
ﷲ ތަޢާލާ ތިމާއަށް ހެޔޮގޮތެއް މިންވަރުނުކުރައްވަވާނެކަމަށް ބަލައިގެން މަތުމަތީގައި އުޅުނު މީހަކަށް ހެޔޮ ވިސްނުން ލިބުނު ގޮތުގެ ވާހަކަ-

މިދައްކަނީ ޢޝްޤީ ލޯބީގެ ވާހަކައެއް ނޫނެވެ. ޢާއިލީ ލޯބީގެ ވާހަކައެއްވެސް ނޫނެވެ. އެކަމަކު ހުރިހާ އެންމެންގެ ލޯބި ހިމަނައިގެންނެވެ. އަޅުގަނޑުގެ ސުވާލަކީ އަޅުގަނޑު އެމީހެއްގެ ކިބައިން ލޯބިބޭނުންވާ މީހުންގެ ކިބައިން ލޯބިނުލިބުމަކީ އޭނާއަށް މާތް ﷲ ގެ ރަޙްމަތް ނުލެއްވެވުން ކަމަށް ވިސްނަމުންދާ އެކުވެރިއަކު އެބަހުއްޓެވެ.  

އެއީ ރަނގަޅު ވިސްނުމަކަށްވެދާނެތޯ؟ މިދެންނެވީ އެގޮތަށް ވިސްނަން ވެދާނެތޯއެވެ؟  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ﷲ ތަޢާލާގެ ރަޙްމަތްފުޅު އޭނާއަށް ނުވާނަމަ ނޭވާލެވި ދުނިޔޭގައި އެހުރެވެނީ ކީއްވެގެން ހެއްޔެވެ؟ ތިރީގައިވާ ލިޔުމަކީވެސް ވިދާޅުވެލެއްވުން މުހިންމު ލިޔުމެވެ.  

އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކު ﷲ ތަޢާލާގެ ރަޙްމަތްފުޅާއިމެދު މާޔޫސްވެއެވެ. ބައެއް މީހުން މާޔޫސްވަނީ އީމާންކަން ކުޑަކަމުން ކަމަށްވެސް ބުނާކަށް ނުވާނެއެވެ. އަދި ހިތްވަރު ދެރަކަމުން ކަމަށްވެސް ބުނާކަށް ނުވާނެއެވެ.  

ޙަޔާތުގައި ކަންކަން ދިމާވާގޮތުން އެއީ ކޮންމެ މީހަކަށްވެސް މެދުވެރިވެދާނެ ކަމެކެވެ. އެޙާލަތުގައި އޭނާއަށް ބޭނުންވާނީ އެހެން މީހުންގެ އެހީތެރިކަމެވެ. ހިތްވަރުދިނުމެވެ. ނަމަވެސް ގިނަ ފަހަރު ކަންކަން ދިމާވަނީ އެގޮތަކަށް ނޫނެވެ. ބައެއް މީހުންނަށް ބުނެވެނީ އޭނާގެ ހިތްވަރު އިތުރަށް އެލިގެންދާ ފަދަ ބަސްތަކެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ.  

މިއީ ކިޔުންތެރިންގެ ތެރެއިންވެސް އެންމެ ގިނަބައަކު ތަފާތު ސުވާލުތައް ކުރާ އެއް މައްސަލަކަމަށްވުމުން މިގެނެސްދެނީ ވަރަށް ޢިބްރަތްތެރި ލިޔުމެކެވެ. 

އޭނާއަކީ ސަލާންޖަހާ މީހެކެވެ. އޭނާ ދިރިއުޅޭތަނަކީ މަގުމައްޗެވެ. ޢުމުރުގެ ބޮޑުބައެއް އޭނާ ހާދަކުރީ އެގޮތަށްކަމަށްވުމުން އޭނާ ޤަބޫލުކުރާ ގޮތުގައި އޭނާގެ ޙަޔާތް ނިމިދާނީވެސް އެގޮތަށެވެ.  

އޭނާއަކީ ބަލިކަށިމީހެއް ނޫނެވެ. ގައިގައިވަރުހުރި މީހެކެވެ. އޭނާ އާއި މަގުމަތިން ބައްދަލުވާ ބައެއް މީހުން އޭނާއަށް މަސައްކަތެއް ޙަވާލުކޮށް ވަޒީފާދޭން އުޅުނު ނަމަވެސް އޭނާ އެކަން ޤަބޫލެއް ނުކުރެއެވެ. އޭނާ ބުނަނީ ﷲ ތަޢާލާ އޭނާއަށް ރަޙުމް ނުކުރައްވަވާ ކަމަށެވެ. އެހެންކަމުން އެއްވެސް އިންސާނަކު އޭނާއަށް ރަޙުމްކުރާނެކަމަށް އޭނާ ޤަބޫލުނުކުރާ ކަމަށެވެ. 

އެއްދުވަހު އޭނާ ޢާއި ބައްދަލުވި މީހަކު އޭނާގެ ކުންފުނިން މަސައްކަތު މީހެއްގެ ވަޒީފާ އޭނާއަށް ދޭން ހުށަހެޅުމުންވެސް ދިނީ ހަމަ އެޖަވާބެވެ! އެހެންވެ އެމީހާ ބުންޏެވެ. "ތިއަ ވިސްނެނީ ރަނގަޅަކަށް ނޫނެވެ. ﷲ ތަޢާލާ ތިބާއަށް ރަޙުމް ނުކުރައްވަވާނަމަ ތިބާއަށް ދުޅަހެޔޮ ޞިއްޙަތެއްގައި ތިއަ ހުރެވެނީ ކީއްވެގެންހެއްޔެވެ؟ ތިބާއަށް ކޮންމެ ދުވަހަކު ރިޒުޤް ލިބެނީ ކީއްވެގެން ހެއްޔެވެ؟ ތިބާއަށް ރަނގަޅު ދިރިއުޅުމަކާއި ރަނގަޅު ކާބޯތަކެތި ނުލިބެނީ ހޯދަން ތިބާ މަސައްކަތް ނުކުރާތީއެވެ. ކަންނެތްވެ މަގުމަތީގައި އުޅޭތީއެވެ."  

އެވާހަކަތައް އަޑުއިވުމުން އޭނާއަށް އަސަރުތަކެއް ކުރިއެވެ. އެމީހާ އެބުނަނީ ތެދެއްކަން ޤަބޫލުކުރެވުނެވެ. އަދި ވިސްނައިލުމަށްފަހު އޭނާގެ ހުށަހެޅުން ޤަބޫލުކުރަން އެއްބަސްވިއެވެ.  

އެހިސާބުން އެމީހާ އޭނާއަށް ވަޒީފާދިނެވެ. ނަމަވެސް މަސައްކަތަކަށް ޙަވާލުކުރީ ކުންފުނީގެ މަސައްކަތެއް ނޫނެވެ. އެސަރަހައްދުގައި ހުންނަ މިސްކިތެއް ބަލަހައްޓާށެވެ. އެއީ އެއިރުން އޭނާގެ ހިތަށް އަސަރުކޮށް ވިސްނުމަށް ބަދަލުތަކެއް އައިސް އޭނާގެ ހިތުގައި ﷲ ތަޢާލާއަށް ލޯބިޖެހިދާނެކަމުގެ އުންމީދުގައެވެ. އަދި ޖަމާއަތުގައި މީހުން ނަމާދުކުރާތަން ފެންނަން ފެށުމުން ނަމާދުކުރަންވެސް ހިތްޖެހިދާނެ ކަމަށްޓަކައެވެ.  

ކަންތައް މެދުވެރިވީވެސް ހަމަ އެގޮތަށެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ބަދަލުވީ ﷲ ތަޢާލާ ދެކެ ވަރަށް ބޮޑަށް ލޯބިވާ މީހަކަށެވެ. 5 ވަގުތު ޖަމާޢަތުގައި ނަމާދުކުރާ މީހަކަށެވެ. ފަހުން އޭނާއަށް ވަޒީފާދިން މީހާ އޭނާ މިސްކިތުން ގެންދަން އުޅުމުންވެސް ބުނީ މުސާރަ ނުލިބުނު ނަމަވެސް ހުންނަން ބޭނުމީ މިސްކިތު މަސައްކަތުގައި ކަމަށެވެ.  

މިވާހަކަކޮޅު ކިތަންމެ ކުރު ނަމަވެސް މިވާހަކަކޮޅާއިމެދު ފުންކޮށް ވިސްނައިފިނަމަ މިއީ ވަރަށް ޢިބްރަތްތެރި ވާހަކަކޮޅެކެވެ. ކޮންމެ މީހަކީ އެހައި ފަސޭހައިން ކަންކަން ވިސްނޭނެ މީހަކަށްނުވެދާނެއެވެ. ޚާއްޞަކޮށް މާޔޫސްކަމުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހިއްޖެނަމަ އެކަމުގެ އަސަރު އެކި މީހުންނަށް އެކި މިންވަރަށް ކުރާނެތީއެވެ. ވީމާ ކަންކަން ޤަބޫލުކުރަން އުނދަގޫތަކެއް ހުންނާނެއެވެ.  

އެހެންނަމަވެސް އޯގާތެރިކަމާއިއެކު ވިސްނައިދީ ޙިކުމަތްތެރިކަމާއިއެކު ކަންކަން ކުރުމުން ރަނގަޅު ނަތީޖާ ފެންނާނެއެވެ. ވިސްނުމާއި ކަންކަމަށް ހީވެސް ނުކުރެވޭފަދަ ބޮޑެތި ބަދަލުތައް އައިސް އިޞްލާޙްވާނެއެވެ. އިން ޝާ ﷲ

 

- ސަމީރު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން