ހަނދުމަކޮށްދިނުމެއް!: މަތިވެރިވެގެންވާ އަޖުރު ލިބެނިވި 3 ޢަމަލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 3ސ
ހަނދުމަކޮށްދިނުމެއް!: މަތިވެރިވެގެންވާ އަޖުރު ލިބެނިވި 3 ޢަމަލު-

ކޮންމެ މީހަކުވެސް ބޭނުންވާނީ ތިމާކުރާ ޢަމަލަށް އެންމެ ގިން ޘަވާބުލިބުމެވެ. އެޢަމަލަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލުކަމުގައި ވުމަށެވެ. އެހެންކަމުން މިގެނެސްދެނީ މަތިވެރިވެގެންވާ އަޖުރު ލިބެނިވި 3 ޢަމަލެކެވެ.  

މީސްތަކުންނަށް މާފުކުރުން 

ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿فَمَنْ عَفَا وَأَصْلَحَ فَأَجْرُهُ عَلَى اللَّهِ﴾ [سورة الشورى 40]

މާނަ: "ފަހެ، (ނުބައިކަމެއް ކޮށްފިމީހާއަށް) ޢަފޫކޮށް، ޞުލްޙަވެރިވެގަތްމީހާގެ އަޖުރުވަނީ ﷲ ގެ ޙަޟްރަތުގައެވެ." 

ކެތްތެރިވުން 

ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ﴾ [سورة الزمر 10]

މާނަ: "ކެތްތެރިންނަށް އެބައިމީހުންގެ އަޖުރު ދެއްވާހުށިކަން ކަށަވަރީ ޙިސާބެއް ނެތިއެވެ."  

ރޯދަހިފުން 

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«قَالَ اللَّهُ: كُلُّ عَمَلِ ابْنِ آدَمَ لَهُ، إِلَّا الصِّيَامَ، فَإِنَّهُ لِي وَأَنَا أَجْزِي بِهِ» [رواه البخاري برقم: 1904، ومسلم برقم:  163 – (1151)]

މާނައީ: "ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. އާދަމުގެ ދަރިޔާ ކުރާ ކޮންމެ ޢަމަލެއްވެސްވަނީ އޭނާއަށެވެ. ރޯދަ ފިޔަވައެވެ. ފަހެ، ހަމަކަށަވަރުން އެރޯދަވަނީ ތިމަންއިލާހަށެވެ. އަދި އެރޯދައަށް ޖަޒާދެއްވާނީވެސް ތިމަންއިލާހީމެވެ."  

މިއީ ﷲ ގެ ޙަޟްރަތުން މަތިވެރި އަޖުރު ލިބޭނެކަން ޤުރުއާނާ ސުންނަތުން ޘާބިތުވާ ޢަމަލުތަކެކެވެ. އަދި އިސްވެ ދިޔަ ދަލީލުތަކަކީ މިޢަމަލުތަކުގެ މަތިވެރިކަން ހާމަކޮށްދޭ ޞައްޙަ ނައްޞުތަކެކެވެ. 

މިޢަމަލުތަކަކީ މީޒާނުގައި ނުކިރޭނެ ޢަމަލުތަކެއް ކަމަށްވެސް ބައެއް ޢަރަބި ލިޔުންތަކުގައި ބަޔާންކޮށްފައި ހުރެއެވެ. އަދި އެކަމާ ބެހޭގޮތުން ޙަދީޘެއްވެސް ޛިކުރުކުރެއެވެ. އެހެނަސް އެއީ ޙަދީޘްފޮތްތަކުގައި ވާރިދުވެފައިވާ ޙަދީޘެއް ނޫނެވެ. [1] 

އަދި މިފަދަ ބައެއް ޢަމަލުތަކުގެ އަހުލުވެރިންނަކީ ޙިސާބު ބެއްލެވުމެއް ނެތި ސުވަރުގެ ވަންނާނެ ބައެއްކަމުގައިވެސް ޞައްޙަ ނޫން ބައެއް ޙަދީޘްގައި ވާރިދުވެފައި ވެއެވެ.

 [2]

މިލިޔުމުގައިވާ ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ޙަދީޘްއަކީ މިޢަމަލުތަކުގެ މަތިވެރިކަމަށް ދަލާލަތު ކުރާ ޞައްޙަ ނައްޞުތަކެކެވެ. އަޅަމެންނީ އެފަދަ މަތިވެރިކަން ޙާޞިލުވާނެ ބައެއްކަމުގައި ލައްވާށި! އާމީން.

 

- މަސްދަރު: ދިސަލަފިއްޔާ

___________________________________________

[1] ބައްލަވާ: https://dorar.net/fake-hadith/686

 [2]ބައްލަވާ: سلسلة الأحاديث الضعيفة للألباني (3 / 438)

 

މިއަދު އޮންލައިން